ބަންގްލަދޭޝް ލޭބަރުން ގެނައުން އެއް އަހަރަށް މަނާކޮށްފި

ކޮންސްޓްރަކްސަން މަސައްކަތުގައި ބިދޭސީން ތަކެއް: އެއް އަހަރަށް ބަންގާޅު އާދައިގެ މަސައްކަތްތެރިން ގެނައުން ވަނީ މަނާ ކޮށްފައި ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ބަންގްލަދޭޝްއިން އަންސްކިލްޑް ލޭބަރުން ނުވަތަ ތަމްރީނު ލިބިފައި ނުވާ މަސައްކަތްތެރީން ރާއްޖެ ގެނައުން އެއް އަހަރު ދުވަހަށް މަނާކޮށް، އެ މަސައްކަތް އެ މުއްދަތަށް ހުއްޓާލައިފިއެވެ.

އިކޮނަމިކް މިނިސްޓްރީގެ ލޭބާރ ޑިޕާޓްމެންޓްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، ކޮންމެ ގައުމަކުން ވެސް ރާއްޖެ ގެނެވޭނީ 150،000 އަންސްކިލްޑް ލޭބަރުން ކަމަށެވެ. އަދި މިހާރު ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝް މީހުންނާއެކު އެ އަދަދު ހަމަވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މިހާރު ކަން ވެފައި އޮތް ގޮތުން ވެއްޖިއްޔާ ބަންގްލަދޭޝްއިން އިތުރަކަށެއް މީހުން ވެއްދޭކަށް ނެތް މިވަގުތަށް. އެ ކޯޓާ އޮތީ ހަމަވެފައި،" ފައްޔާޒު ވިދާޅުވި އެވެ.

ސަރުކާރުން ވަނީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ރެގިއުލަރައިޒޭޝަން ޕްރޮގްރާމްތައް ހިންގުމަށް ނިންމައި، އިއްޔެ އެކަން އިއުލާނުކޮށްފައެވެ. މިނިސްޓަރު ފައްޔާޒް ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝޤ މީހުން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުން ބަންގްލަދޭޝްއަށް ކަނޑައަޅާފައިވާ ކޯޓާ ހަމަވާނެކަމާށް އަންދާޒާ ކުރެވޭ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެންގެ ނިންމުމަކީ އެއް އަހަރު ދުވަސް ވަންދެން އިތުރަށް އަންސްކިލްޑް ދާއިރާތަކަށްއަށް ބަންގްލަދޭޝްއިން މީހުން އިތުރަށް ނުގެނެވޭނެ ގޮތަށް މަނާކުރުން،" ފައްޔާޒު ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އެއްވެސް ގޮންޖެހުމެއް ހުރި ކަމަށް ބެލެވިއްޖެ ހާލަތެއްގައި، ހަ މަސް ފަހުން އެ ނިންމުން ރިވިއު ކުރާނެ ކަމަށް ފައްޔާޒު ފާހަގަކުރެއްވިއެވެ.

ތަމްރީނު ލިބިފަނެތް ބަންގާޅު މަސައްކަތްތެރިން ގެނައުން ހުއްޓާލި ނަމަވެސް މިއަދާއި ހަމައަށް ވޯކް ޕާމިޓަށް އެޕްލައި ކޮށްފައި ތިބި ފަރާތްތައް ނުހިމެނޭނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

comment ކޮމެންޓް