ރަން ފާހާނާ ތަށި ވަގަށް ނެގި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

ބްލެނެމް ޕެލެސްގައި ބެހެއްޓި ރަނުން ހަދާފައިވާ ފާހާނާ ތަށި -- ފޮޓޯ: ގެޓީ

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ވިންސްޓަން ޗާޗިލް ދިރިއުޅުއްވި ބްލެނެމް ޕެލެސްގައި ބަހައްޓާފައި ހުރި "އެމެރިކާ"ގެ ނަން ދީފައިވާ ރަން ފާހާނާ ތަށި ވަގަށް ނެގި މައްސަލައިގައި މިހާރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ.

އިނގިރޭސި ފުލުހުން ބުނި ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ހިނގި އެ ހާދިސާއާ ގުޅިގެން ފުރަތަމަ ހައްޔަރު ކުރީ 66 އަހަރުގެ މީހެކެވެ. އަދި އޭނާ ވަނީ އަންނަ މަހުގެ ނުވަޔަކާ ހަމަޔަށް ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.

އެވައްކަމާ ގުޅިގެން ދެވަނައަށް ހައްޔަރު ކުރީ 36 އަހަރުގެ މީހެކެވެ. އެމީހާވެސް ފަހުން ދޫކޮށްލާފައިވާ ކަމަށާއި ނަމަވެސް އޭނާ އަދިވެސް ތަހުގީގުކުރަމުން ދާނެކަމަށް ފުލުހުން ބުންޏެވެ.

އިޓަލީގެ އާޓިސްޓް މަރިޓްޒިއޯ ކަޓަލަންގެ މަސައްކަތްތައް ދައްކާލާ މައުރަޒުގެ ބައެއްގެ ގޮތުން ބްލެނެމް ޕެލެސްގައި ބަހައްޓާފައި ހުރި ފާހާނާ ތައްޓަކީ ފްލަޝްކޮށް، ބޭނުން ކުރެވޭ ގޮތަށް ހަދާފައި ހުރި ތައްޓެކެވެ. އެ މައުރަޒު ފެށީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގައެވެ.

މުޅިންވެސް 18 ކެރެޓު ރަނުން ހަދާފައިވާ އެ ފާހާނާ ތަށި ނެގުމުން ގަނޑުވަރުގެ ތަޅުންގަނޑަށް ގެއްލުންވެ، ފެން ހެދުނު ކަމަށް ފުލުހުން ބުންޏެވެ. އަދި އެވައްކަމުގައި އެކަކަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށާއި ދެ އުޅަނދު ބޭނުންކުރިކަމަށް ފުލުހުން ލަފާކުރެއެވެ.

ހަ މިލިއަން ޑޮލަރުގެ އަގު ހުރި އެ ތަށި މީގެ ކުރިން ބަހައްޓާފައި ހުރީ ނިއުޔޯކްގެ ދާރުލްއާސާރެއްގައެވެ. އަދި 2016 ވަނަ އަހަރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގެން، ވައިޓްހައުސްއަށް ބަދަލުވުމުން، އެ ފާހާނާ ތަށި ރައީސަށް ހަދިޔާކުރަން ދާރުލްއާސާރުން މަސައްކަތްކުރިއެވެ. ނަމަވެސް ވައިޓްހައުސްއިން އެ ހުށަހެޅުމަށް ޖަވާބެއް ދީފައި ނުވެއެވެ.

comment ކޮމެންޓް