ދިރާގު ރޯޑު ރޭހުގައި އެތުލީޓުން ތިބީ ރެކޯޑު ގާއިމުކުރުމަށް!

މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދުވުންތެރިން / (ކ-ވ) އައިޝަތު ޖައިޝާ، އިބާދު، ހުސައިން ރިޒާ، ހުސައިން ފަޒީލް ހާރޫން އަދި ޝިފާޒް މުހައްމަދު --- ސަން ފޮޓޯ : ފަޔާޒު މޫސާ

ދިރާގުން ބާއްވާ ރޯޑް ރޭހުގައި އެކި ކެޓަގަރީތަކުން ތަފާތު ޕްރޮފެޝަނަލް ދުވުންތެރިން ބައިވެރިވާނެއެވެ. އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތޯންސް އެންޑް ޑިސްޓެންސް ރޭސެސް (އެއިމްސް)ގައި ރަސްމީކޮށް ރެޖިސްޓާކޮށްފައިވާ އެ ރޭހަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ރޭހެކެވެ. އެއާއެކު ޕްރޮފެޝަނަލް ދުވުންތެރީން ރޭހުގައި ގައުމީ ދުވުމުގެ ރެކޯޑުތައް އާކުރުމުގެ އަޒުމު ކަނޑައަޅައިފިއެވެ.

ދިރާގު ރޯޑް ރޭހުގައި ބައިވެރިވާ ޕްރޮފެޝަނަލް ދުވުންތެރިން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައިވަނީ އުންމީދުކުރަނީ ގައުމީ ދުވުމުގެ ރެކޯޑު އާ ކުރުމަށް ކަމަށެވެ.

މީގެ ކުރިންވެސް 10 ކިލޯމީޓަރު ދުވުމުގެ ރެކޯޑު އާކޮށްފައިވާ ހުސައިން ފަޒީލް ހާރޫން މިއަދު ބުނީ ރޯޑް ރޭހުގައި 10 ކިލޯމީޓަރާއި ފަސް ކިލޯމީޓަރުގެ ގައުމީ ރެކޯޑު އާ ކުރުމަށް އަމާޒު ކަނޑައަޅާފައިވާ ކަމަށެވެ.

"ކޮންމެ ރޭސްއެއްވެސް ދުވަނީ އެންމެ ބެސްޓް ދީގެން. އަދި ހަމަ މެކްސިމަމް ދެވޭތޯ ކޮންމެ ފަހަރަކުވެސް މަސައްކަތްކުރަން،" ފަޒީލް ބުންޏެވެ.

ފަޒީލް ބުނިގޮތުގައި ރޯޑް ރޭހުގެ ދެބައިންވެސް އެއްވަނަ ހޯދުމަށް މަސައްކަތްކުރާނެ ކުރާނެއެވެ.

ލޯންގް ޑިސްޓަންސް ދުވުމުގައި ފާހަގަކުރެވޭ އިތުރު ދުވުންތެރިޔެއް ކަމަށްވާ ހުސައިން ރިޒާ ބުނެފައިވަނީ ރޯޑް ރޭހުގައި އޭނާގެ ފުރިހަމަ ޕޮޓެންޝަލް ދައްކާލާނެ ކަމަށެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ރަސްމިއްޔާތުގައި ވަރުގަދަ ދުވުންތެރިން ކަމަށްވާ ޝިފާޒް މުހައްމަދާއި މަރިޔަމް އަބްދުލްކަރީމް (މަރީ) އަދި އައިޝަތު ޖައިޝާވެސް ވަނީ ބައިވެރިވެފައެވެ.

ހުރިހާ ދުވުންތެރީންވެސް ބުނާގޮތުގައި އެ ރޯޑު ރޭހުގައި މަސައްކަތްކުރާނީ އެމީހެއް ކުރީން ގާއިމުކޮށްފައިވާ އެންމެ މޮޅު ވަގުތު ބަލި ކުރުމަށެވެ. ދުވުންތެރިޔާގެ އެންމެ ރަނގަޅު ރެކޯޑު މުގުރާލުމަށް ހުރިހާ ދުވުންތެރިންވެސް މަސައްކަތް ކުރުމަށް ވަނީ އަޒުމު ކަނޑައަޅާފައެވެ.

comment ކޮމެންޓް