ސިކުނޑި އާއި މައިބަދައާ ގުޅޭ ތިން ވަނަ ކޮންފަރެންސް މިއަދު ފަށައިފި

ބްރައިން އެންޑް ސްޕައިން ކޮންފަރެންސްގައި އަފްއާލް ވާހަކަ ދައްކަވަނީ--- ފޮޓޯ: އޭޑީކޭ

ސިކުނޑިއާ މައިބަދައާ ގުޅޭ ގޮތުން އޭޑީކ ހޮސްޕިޓަލުންް ބާއްވަމުން އަންނަ ކޮންފަރެންސް ފަށައިފި އެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓްގައި މިއަދު ފެށި އެ ކޮންފަރެންސް މާދަމާގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ.

އެ ކޮންފަރަންސްއަށް ތައްޔާރުވުމުގެ ގޮތުން އިއްޔެ އޭޑީކޭ އިން ވަނީ މައިބަދައިގެ ދެ ސާޖަރީ ވެސް ލައިވްކޮށްފަ އެވެ. އެ ސާޖަރީގައި ބައިނަލްއަގުވާމީ ފުންނާބު އުސް ބޭފުޅުން ވެސް ބައިވެރިވި އެވެ.

ބްރެއިން އެންޑް ސްޕައިން ކޮންފަރެންސަކީ ސިކުނޑިއާއި މައިބަދައިގެ ބަލިތަކާއި އެ ބަލިތަކަށް ފަރުވާދިނުމަށް ކުރެވޭ ދިރާސާތަކާއި އެ ދާއިރާގައި ފަރުވާ ދިނުމަށް ހޯދިފައިވާ އެންމެ ފަހުގެ އީޖާދުތަކާއި ހޯދުންތައް އަދި އުފެއްދުންތަކާ ބެހޭ ގޮތުން ބާއްވާ ކޮންފަރެންސެއް ކަމަށް އޭޑީކޭ އިން ބުންޏެވެ.

އެ ކޮންފަރެންސް އެންމެ ފުރަތަމަ ބޭއްވީ 2017 ވަނަ އަހަރު އެވެ.

އެ ކޮންފަރެންސްގައި އިސްކޮށްއުޅުއްވާ އޭޑީކޭ ހޮސްޕިޓަލްގެ ސީނިއާ ނިއުރޯސާޖަން ޑރ. އަލީ ނިޔާފް "ސަން" އަށް މިއަދު ވިދާޅުވީ އެ ކޮންފަރެންސުގައި 300 އަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވާ ކަމަށެވެ. އޭގެ ތެރޭގައި އިންޑިއާ، ޕާކިސްތާން، ނޭޕާލްގެ ފުންނާބު އުސްބޭފުޅުން ހިމެނޭ ކަމަށެވެ.

ނިޔާފް އިތުރަށް ވިދާޅުވީ ކުރިއާ ހިލާފަށް މިފަހަރުގެ ކޮންފަރެންސްގައި ވޯކްޝޮޕްތަކެއް ވެސް ހިމެނޭ ކަމަށެވެ.

"ސްޓްރޯކް ވޯކްޝޮޕްތަކާ އެންޑޯވެސްކިއުލާ ވޯކްޝޮޕްތަކަކާއި ސްޕައިން ސާޖަރީ ހަދަން ވޯކްޝޮޕްތަކަކާ ދެން މައިކްރޯވެސްކިއުލާ ވޯކްޝޮޕްއެއް. އެއީ ހުސް ޓްރެއިނިން ޕްރޮގްރާމްތައް. ޑޮކްޓަރުންގެ އެކި ފީލްޑްތަކުގެ މީހުންނަށް އެ ވޯކްޝޮޕްތައް މުހިންމުވާނީ." ނިޔާފް ވިދާޅުވި އެވެ.

comment ކޮމެންޓް