ބްރެއިން އެންޑް ސްޕައިން ކޮންފަރަންސަށް މަލީހުގެ ތައުރީފް

އޭޑީކޭގެ ބްރެއިން އެންޑް ސްޕައިން ކޮންފަރަންސް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އޭޑީކޭ ހޮސްޕިޓަލް

އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމުކޮށްގެން މިއަދު ފެށި ބްރެއިން އެންޑް ސްޕައިން ކޮންފަރަންސަކީ ރާއްޖެއަށް ވަރަށް މުހިންމު ހަރަކާތެއް ކަމަށާއި، މިފަދަ ހަރަކާތްތަކުން އާ އީޖާދުތަކަށް މަގުފަހިވެގެންދާ ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ޕެރެޑައިސް އައިލެންޑް ރިސޯޓުގައި މިއަދު ފެށި ކޮންފަރަންސްގައި ވާހަކަދައްކަވަމުން މިނިސްޓަރު މަލީހު ވިދާޅުވީ އެ ކޮންފަރަންސާއެކު ސާޖަރީތައް ލައިވްކުރަން ފެށުމަކީ ރާއްޖެއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

މިއީ މި ކޮންފަރަންސް ބާއްވާ ތިންވަނަ އަހަރެވެ. މި ކޮންފަރަންސްގައި ކޮންމެ އަހަރަކުވެސް ސާޖަރީ ލައިވްކޮށްފައިވާ އިރު، އިއްޔެވެސް ވަނީ މައިބަދައިގެ ދެ އޮޕަރޭޝަނެއް ލައިވްކޮށްފައެވެ.

މަލީހު އިތުރަށް ވިދާޅުވީ ރާއްޖެ ކަހަލަ ކުޑަކުޑަ ޖަޒީރާ ގައުމެއްގައި މިފަދަ ކޮންފަރެންސްއެއް ބާއްވައި އެންމެ ޒަމާނީ ސިއްހީ ނިޒާމާ ބެހޭގޮތުން ބައިނަލްއަގުވާމީ ފުންނާބު އުސް ބަޔަކާއެކީ މަސައްކަތްކޮށްލުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ވަރަށް ބޮޑު ނަސީބެއް ކަމަށެވެ.

"ރާއްޖޭގެ ސިއްހީ ނިޒާމް ބިނާކޮށް އިތުބާރު އުފެއްދުމަށް މިފަދަ ކޮންފަރެންސްތައް ވަރަށް މުހިންމު. މި ފުރުސަތުގައި އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކުރަން ރާއްޖޭގެ ޕްރައިވެޓް ސެކްޓަރުން ރާއްޖޭގެ ތަރައްގީއަށާއި އަދި އިލްމު ފެތުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކާއި އިންވެސްޓްމަންޓްތައް. އެ ފަރާތްތަކުން މަސައްކަތް ކުރީ ރާއްޖެއަށް އެންމެ ރަނގަޅު ކަންތައްތައް ގެނެވޭތޯ،" މަލީހް ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ ސައިންސްއަށް އައި ކުރިއެރުމާއެކު އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސް ދިރިއުޅުމުގެ ވައްޓަފާޅިއަށާއި މުވަސަލާތު ކުރަން ބޭނުންކުރާ ގޮތްތަކަށްވެސް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

މަލީހު ވިދާޅުވީ ހަތަރު ވަނަ އިންޑަސްޓްރިއަލް ރިވޮލިއުޝަނާއއެކު ރާއްޖެ ތަރައްގީކުރުމަށް ދިމާވާ ހުރަސްތައް ނައްތާލައި މުޅިން އާ ހަރުފަތަކަށް ދިއުމުގެ ގާބިލުކަން ލިބިފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން މުޖުތަމައުތައް ކުރިއަރައިގެން ދާނެކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

comment ކޮމެންޓް