ސީލައިފް ފްލެޓަށް ދޭން ޖެހޭ ބަދަލު 23 މިލިއަން ރުފިޔާއަށްވުރެ ބޮޑު!

ސީލައިފުން ހުޅުމާލޭގައި އިމާރާތްކުރަން އިއުލާންކުރި ހައުސިންގް ޔުނިޓްތަކުގެ މޮޑެލެއް---

ސީލައިިފް އިން ފުލެޓް ގަތް ފަރާތްތަކަށް ދޭން ޖެހޭ ބަދަލު 23 މިލިއަން ރުފިޔާއަށް ވުރެ ގިނަ ވާނެ ކަމަށް ހައުސިން ޑިވަލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަންދާޒާކޮށްފި އެވެ.

ސީލައިފުން ފްލެޓް އަޅަން އިއުލާނުކުރި މަޝްރޫއާއެކު ފްލެޓް ގަތުމަށް 280 މީހަކު، ބުކިން ފީގެ ގޮތުގައި މީހަކު 50،000 ރުފިޔާގެ ރޭޓުން 14 މިލިއަން ރުފިޔާއަށްވުރެ ގިނައިން ސީލައިފަށް ވަނީ ދައްކައިފަ އެވެ.

ގިނަ އަދަދެއްގެ ފަރާތްތަކުން ސީލައިފްއިން ފްލެޓު ގަނެ، ފައިސާ ދެއްކިފަހުން އެ ކުންފުނިން ވަނީ އެ މަޝްރޫއު ކުރިއަށް ނުގެންގޮސް ހުއްޓާލައިފަ އެވެ. އެއާއެކު ބައެއް ފަރާތްތަކުން ބަދަލު ހޯދުމަށް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ކޯޓުން ބޭރުން މައްސަލަ ނިމުނީ، އެޗްޑީސީއިން އެ ފަރާތްތަކަށް ބަދަލު ދިނުމަށެވެ.

އެޗްޑީސީގެ މެނޭޖިން ޑީރެކްޓަރު ސުހައިލް އަހްމަދު މިއަދު "ސަން" އަށް ވިދާޅުވީ، ބަދަލު ހޯދުމަށް ކޯޓަށް މައްސަލަ ހުށަހެޅީ 203 ފަރާތަކުން ކަމަށާއި، އެފާރާތްތަކަށް ދޭން ޖެހޭ ބަދަލު 23 މިލިއަނަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"އެނގެން މިއޮތީ ކޯޓަށް ވަޑައިގެންނެވި ފަރާތްތައް. އެ ފަރާތްތަކަށް ދޭން ޖެހޭ ބަދަލު އުޅެނީ 23 މިލިއަނެއްހާ ރުފިޔާ. އިތުރަށް ފްލެޓް ގަތް ފަރާތްތައް އަދި ނޭނގެ،" ސުހައިލް ވިދާޅުވި އެވެ.

އެޗްޑީސީން އިއްޔެ ވަނީ ސީލިައފް ފުލެޓް ގަތް މީހުންގެ ތެރެއިން ކޯޓަށް މައްސަލަ ހުށަނާޅާ ފަރާތްތައް އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ކުރިން އެޗްޑީސީއަށް އެކަން އެނގުމަށް މުހުލަތު ދީފަ އެވެ.

ސުހައިލް ވިދާޅުވީ، މުޅި ޖުމްލަ ފައިސާ ދެއްކި މީހުންނާއި އެމީހުން ދެއްކި ފައިސާގެ އަދަދު އެނގޭނީ އެ މުހުލަތައް ފަހު، ކަމަށެވެ.

މިހާ ބޮޑު އަދަދަކުން ބަދަލު ދިނުމުގެ މާލީ ގާބިލުކަން އެޗްޑީސީގައި އެބަހުރިތޯ ސުވާލުކުރުމުން، ސުހައުލް ވިދާޅުވީ، އެއީ އެޗްޑީސީން ދޭން އެއްބަސްވެފައިވާ ފައިސާ އެއް ކަމަށާއި އެ ފައިސާ އެޗްޑީސީއިން ދޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް [ބަދަލު ދިނުމަށް] ވަގުތެއް އަދި މުޅިން ކަނޑައެއް ނޭޅޭ. ނަމަވެސް އެކަމަށް އަޅުގަނޑުމެން ވަރަށް މަސައްކަތް އެބަ ކުރަން،" ބަދަލު ދޭނީ ކޮން އިރަކުތޯ ސުވާލުކުރުމުން ސުހައިލް ވިދާޅުވިއެވެ.

ސީލައިފްއިން ފްލެޓު ގަތުމަށް ފައިސާ ދެއްކި ފަރާތްތަކުން ދައުވާ އުފުލާފައިވަނީ އެކުންފުނިވެސް ހިމެނޭ ގޮތަށެވެ. އެގޮތުން ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، އެ ފަރާތްތަކާއެކު އެއްބަސްވުމުގައި އެޗްޑީސީން ވަނީ މިހާރު ސޮއިކޮށްފަ އެވެ.

ސުހައިލް ވިދާޅުވީ، މި މައްސަލައިގައި އެޗްޑީސީއިން މިިހާތަނަށް އެެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ހަމަ އެކަނި ފްލެޓް ގަތް މީހުންނާއެކު ކަމަށެވެ. މަޝްރޫއު އަލުން ފެށުމަށް ނުވަތަ އެހެން ތަނެއްގައި މަޝްރޫއު ހިންގުމަށް އެޗްޑީސީން ސީލައިފްއާއެކު އެއްވެސް އެއްބަސްވުމެއް ނޯންނާނެ ކަމަށް ސުހައިލް ވިދާޅުވި އެވެ.

މި އެއްބަސްވުމުގެ ދަށުން ސީލައިފުން އަޅަން ނިންމި ހައުސިން ޔުނިޓުތައް ގަތުމަށް އެ ކުންފުންޏަށް ފައިސާ ދެއްކި ފަރާތްތަކަށް، އެފަރާތްތަކުން ދެއްކި ފައިސާ އާއި އެއްވަރުގެ އަދަދެއް އެޗްޑީސީއިން ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ގެއްލުން ލިބުނު ފަރާތްތަކަށް އެކަމުގެ ބަދަލެއްގެ ގޮތުން ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމެއްގެ ދަށުން ހައުސިން ޔުނިޓު ދޭންވެސް ވަނީ އެއްބަސްވެފަ އެވެ.

comment ކޮމެންޓް