ނޯވޭ ކައިރިން "ޑައިނަސޯއަކާ ވައްތަރު" މަހެއް ބާނައިފި

ނޯވޭ ކައިރިން ބޭނި މަހަކީ "ޑައިނަސޯއަކާ ވައްތަރު" އެއްޗެއް ކަމަށް ވަނީ ސިފަކޮށްފަ -- ފޮޓޯ: ޓުވިޓާ

ނޯވޭ ކައިރިން މަސް ބާނަމުން ދަނިކޮށް އެގައުމުގެ ފިޝިން ގައިޑަކަށް ފެނުނު އާދަޔާ ހިލާފު މަހަކަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

ނޯޑިކް ސީ އޭންގްލިން ކިޔާ ކުންފުންޏެއްގެ ގައިޑެއްގެ ގޮތުގައި މަސައްކަތް ކުރާ އޮސްކާ ލުންދަލް ބުނި ގޮތުގައި އޭނާއަށް އެމަސް ބޭނުނީ އެހެން ބާވަތެއްގެ މަހެއް ބާނަން އުޅެނިކޮށެވެ. އަދި ބޮޑު ދެ ލޮލާއި، ދިގު ނަގުލެއް ފަދަ އެއްޗެއް ހުރި އެމަސް ބޭނުނީ ބައި ގަޑި އިރުގެ މަސައްކަތުންނެވެ.

"ހަތަރު ބުޅި ހަރުކޮށްފަ އިން ކަންވާރެއް ދޫކޮށްގެން ހުއްޓާ ބޮޑު މަހެއް އަޅައިގަތްހެން ހީވި. އެމަސް ނަގަން ގާތްގަނޑަކަށް 30 މިނިޓު ހޭދަވި،" ލުންދަލް ބުންޏެވެ.

އަދި މީގެ އެތައް މިލިއަން އަހަރު ކުރިން ދިރިއުޅުނު "ޑައިނަސޯތަކާ ވައްތަރު" މަހެއްގެ ގޮތުގައި އޭނާ ސިފަކުރި އެމަސް، މީގެ ކުރިން ނުދެކޭ ކަމަށްވެސް ލުންދަލް ބުންޏެވެ.

އިނގިރޭސި ބައެއް މީޑިއާތަކުގައިވާ ގޮތުން އެ މަހަކީ އާއްމު ގޮތެއްގައި ޕެސިފިކް ކަނޑުގެ އިރުއުތުރުން ފެންނަ، ރެޓްފިޝް ކިޔާ ބާވަތެއްގެ މަހެކެވެ. އަދި އެއީ ކަކުނި ފަދަ ސޫފި ކައިގެން އުޅޭ، އިންސާނުންނަށް ނުރައްކަލެއް ނުފޯރުވާ މަހެކެވެ.

ލުންދަލް ބުނި ގޮތުގައި އޭނާ މަސް ބޭނި އިރު އޭތި އޮތީ މަރުވެފަ އެވެ. އެހެންކަމުން އޭނާ އޭތި ކައްކައިގެން ކެއީ ކަމަށާއި، އެމަހުގައި ދެނީ މީރު ރަހައެއް ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް