"ހުވާ"ގެ ދެވަނަ ސީޒަން މާރީތިވާނެ

ހުވާގެ ޑައިރެކްޓަރުން--- ފޮޓޯ/ ނަހޫ

ދިވެހި ފިލްމީ ދުނިޔެއަށް މުޅިން އަލަށް ތައާރަފްކުރި ފުރަތަމަ ދިވެހި ވެބް ސީރީޒް "ހުވާ"ގެ ފުރަތަމަ ސީޒަން މިވަނީ ނިމިފައެވެ.

"ހުވާ" އަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ފާތިމަތު ނަހުލާ (ނަހޫ)ގެ އަމިއްލަ ވާހަކަ އަކަށް ނަހޫ އާއި މުހައްމަދު ފައިސަލް ޑައިރެކްޓްކުރާ ސީރީޒެކެވެ.

ސީރީޒްގެ ފުރަތަމަ އެޕިސޯޑް ބަލަން އެވަގުތު އެތައް ހާސް ބަޔަކު އެޕް ހުޅުވާގެން ތިބުމުން އެވަގުތު ވަނީ "ބައިސްކޯފު" އެޕްގެ ސާވާއަށް ވެސް ނުކުޅަދާނަ ވެފައެވެ. ސީރީޒްގެ ފަހު އެޕިސޯޑަށްވެސް ވެގެން ދިޔައީ ހަމަ މިހެންނެވެ. ފިނާލޭ ބަލަން ބައިސްކޯފަށް ގިނަ އަދަދެއްގެ މީހުން ވަނުމުން ޖޭމްވީއެވެ.

ކޮންމެއަކަސް ހުވާ ނިންމާލީ ކާމިޔާބުކަމާއެކީގައެވެ. ދެވަނަ ސީޒަނަކަށް އިއުލާންކޮށްފައެވެ.

"ހުވާ"ގެ މަންޒަރެއް....

ޑައިރެކްޓަރު މުހައްމަދު ފައިސަލް "ސަން" އަށް ދިން އިންޓަވިއުއެއްގައި ބުނީ ހުވާގެ ދެވަނަ ސީޒަންގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އަދި ނަހޫ މިވަގުތު ވާހަކަ ލިޔަމުންދާކަމަށެވެ.

ސީރީޒް ނިމިފައި އިން ހިސާބުން އެކި ވާހަކަތައް ކުރިފަޅުވައި ކުރިއަށް ގެންދާ ދެވަނަ ސީޒަންގެ ޝޫޓިން ފަށާނީ އަހަރުގެ ފަހުކޮޅުއެވެ. އަދި ޝޫޓިން ނިންމާލުމަށްފަހު ބެލުންތެރިންނާ ހަމައަށް ބައިސްކޯފު މެދުވެރިކޮށް ހުވާ ބެލޭ ވަރު ވާނީ އަންނަ އަހަރު ކުރީކޮޅުގައެވެ.

ފައިސަލް ބުނީ މާލެ އަދި އަތޮޅުތަކުގައި ޝޫޓްކުރުމަށް ހަމަޖެހިފައިވާ ހުވާއިން ފުރަތަމަ ސީޒަނުން ފެނިގެންދިޔަ ތަރިން ފެނިގެންދާނެ ކަމަށެވެ. އެއާއެކު އިތުރު ކާސްޓުންތަކެއް ވެސް ފެނިގެންދާނެ ކަމަށެވެ.

"ފުރަތަމަ ސީޒަނަށްވުރެ ދެވަނަ ސީޒަން މާ ފުރިހަމަވާނެ. ވާހަކަ ވަރަށް އިންޓްރަސްޓިން. ހަފްތާ އަކު ދެ ދުވަހު ގެނެސްދޭނެ،"

"ހުވާ"ގެ މަންޒަރެއް....

މި ފަހަރުގެ ސީޒަން އަކީ ވެސް ކުރީ ސީޒަން އާ އެއްވަރަށް ދިގު ސީޒަނެއް ކަމަށާއި އަދި މިފަހަރުގެ އެޕިސޯޑެއް ކުރިން ގެނެސްދިން އެޕިސޯޑަށް ވުރެ ދިގުކުރާނެ ކަމަށްވެސް ފައިސަލް ބުންޏެވެ.

"ހުވާ" އަކީ ގިނަ ހަރަދުތަކެއް ކޮށްގެން އުފެއްދި ދިވެހި ވެބް ސީރީޒްއެކެވެ. އެ ސީރީޒްގެ ސެޓަށް ވެސް ހަތަރު މިލިއަން ރުފިޔާ ހޭދަވިއެވެ. އެ ސީރީޒަކީ މިވަގުތު ބައިސްކޯފުގެ ޓީވީ ޝޯގެ ޗާޓުގެ އެއްވަނަވެސް މެއެވެ.

"ބެލުންތެރިންގެ ތަރުހީބު ވަރަށް މުހިއްމު. ބައިސްކޯފް ސަބްސްކްރައިބް ކޮށްގެން ހުވާ ބެލޭނީ. ފުރަތަމަ ސީޒަނަށްވެސް ބެލުންތެރިންގެ ފީޑްބެކް ވަރަށް ރަނގަޅު. ދެވަނަ ސީޒަން ފުރަތަމަ ސީޒަނަށް ވުރެ ވަރުގަދަވެފައި ރީތިވާނެ،"

"ހުވާ"ގެ ޕޯސްޓަރެއް----

"ހުވާ" އަކީ 40 އަށް ވުރެ ގިނަ އެކްޓަރުން ބައިވެރިކޮށްގެން ހެދި ވެބްސީރީޒެކެވެ.

ބައިސްކޯފު އަކީ އެންޓަޓެއިންމަންޓްގެ ހުރިހާ ދާއިރާތަކެއް ހިމެނިފައިވާ އެޕްލިކޭޝަނެކެވެ. އޯޑިއޯ، ވީޑިއޯ އަދި ދިވެހި ފިލްމު ތަކާއި ގިނަ އަމިއްލަ ސީރީޒްތައްވެސް ބައިސްކޯފު އެޕްލިކޭޝަނުން ބަލައިލެވެއެވެ. އަދި ޓޯކް ޝޯފަދަ ޝޯތަކާއެކު އެންޓަޓެއިންމަންޓް ދާއިރާގައި ހިމެނޭ ދިވެހި ހުރިހާ ފަންނާނުންގެ މައުލޫމާތުތަކާ ހުރިހާ މަސައްކަތެއް ވެސް އެ އެޕްލިކޭޝަނުން ފެންނަން ހުންނާނެ އެވެ.

comment ކޮމެންޓް