ބިލިއަނުން ގެއްލުންވެފައިވާ މިފްކޯއަށް އާ އުންމީދެއް!

ފެލިވަރު މަސް ފެކްޓަރީގެ ތެރޭގައި މުވައްޒަފުން މަސައްކަތް ކުރަނީ: އެ ފެކްޓަރީގައި މަސައްކަތް ކުރަނީ މުޅިންވެސް އަންހެނުން، ގިނައީ ބިދޭސީ އަންހެނުން -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

"މިފްކޯގެ މުޅި ތާރީހުގައި ގާތްގަނޑަކަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުންވެފައިވޭ،" މިފްކޯގެ މައި ކުންފުނި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވި މި ޖުމްލައިން އެ ކުންފުނީގެ ހާލަތު ވަރަށް ރަނގަޅަށް ތަސައްވަރުވި އެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯ ގެއްލުމުގައި ހިނގަމުން އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ. އެ ކުންފުނި ކޮޅަށް ޖަހައި، ފައިދާވާ ކުންފުންޏަކަށް ހެދުދުމުގެ މަސައްކަތް ސަރުކާރާ ގުޅިގެން އެސްޓީއޯގެ އެމްޑީ އަމްރު އާއި މިފްކޯގެ އެމްޑީ އިސްމާއިލް ފައުޒީ ދަނީ ކުރައްވަމުންނެވެ. މިފްކޯގެ މިހާރުގެ ހާލަތާއި، އެ ހާލަތުން އަރައިގަންނަން ރަނގަޅު ކުރަން ޖެހޭ ކަންކަމުގެ ވާހަކަތައް އެ ދެ ބޭފުޅުން ހިއްސާ ކުރެއްވި އެވެ. އެއީ މާޔޫސީ، އެހެންނަމަވެސް އުންމީދީ ވާހަކަތަކެކެވެ.

އެންމެ ބޮޑަށް ގެއްލުން ލިބެނީ އެކްސްޕޯޓުން

މިފްކޯއިން މަސްވެރިން އަތުން ގަންނަ މަސް ގަނޑުކޮށްފައި ގިނަ ދުވަހު ބަހައްޓަން މަސް ގަނޑު ކުރާ ބޮޑު ސްޓޯރޭޖެއް ބޭނުންވެ އެވެ. މަސް ގަނޑުކޮށްފައި އެތައް މަސްތަކެއްގައި ބަހައްޓަން ޖެހެ އެވެ. ފެލިވަރާއި ގއ. ކޫއްޑޫގެ ގަނޑު ކުރާ ސްޓޯރޭޖް ކެޕޭސިޓީ އެއްކޮށްލާ ނަމަ، މިފްކޯގެ މަސް ގަނޑު ކުރެވޭ ކެޕޭސިޓީ އަކީ ގާތްގަނޑަކަށް 4000 ޓަނެވެ. އޭގެ ތެރެއިން ފެލިވަރުގެ ކެޕޭސިޓީއަކީ ގާތްގަނޑަކަށް 750 މެޓްރިކް ޓަނެވެ.

އަބަދުވެސް މަސްވެރިންގެ އަތުން މަސް ގަންނަން މިފްކޯއަށް ޖެހޭ އިރު، ސްޓޯރޭޖުގައި މަސް ނުބަހައްޓައި އަވަހަށް މަސް ޕްރޮސެސް ކުރަން ޖެހެ އެވެ. ބޭނުމަކީ، އަލަށް ގަންނަ މަސް ގަނޑު ކުރަން ޖާގަ ދިނުމެވެ.

އެހެންވެ، ރޯ މަހުގެ ގޮތުގައި އެ މަސްތައް ޖެހެނީ ރާއްޖެއިން އެހެން ގައުމަކަށް އެކްސްޕޯޓްކޮށް އެ ގައުމުގައި އެ މަސްތައް ވިއްކާލާށެވެ. މިއީ މިފްކޯއަށް އެންމެ ބޮޑަށް ގެއްލުންވާ ކަންތަކެވެ. ކިހިނެއްހެއްޔެވެ؟

މިފްކޯއާއި އެ ކުންފުނީގެ މަސް ފެކްޓަރީ ފެލިވަރާ ބެހޭގޮތުން އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރު އަދި މިފްކޯގެ އެމްޑީ އިސްމާއިލް ފައުޒީ ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

މިފްކޯއިން ހުރިހާ ހަރަދެއް ލައިގެން ބޯޓުގައި ތައިލެންޑަށް ރޯމަސް ފޮނުވަނީ މަސް ޓަނަކަށް 1850 ޑޮލަރު ހަރަދުކޮށްގެނެވެ. އެކަމަކު، މަހުގެ އަގު ބައިނަލްއަގުވާމީ ބާޒާރުގައި ދަށް ވެފައި ވުމުން މަސް ވިއްކާލެވެނީ ޓަނެއް 1300 ޑޮލަރަށެވެ. އެހެންވެ ކޮންމެ ޓަނަކުން ގާތްގަނޑަކަށް 500 ޑޮލަރުގެ ގެއްލުން މިފްކޯއަށް ލިބެ އެވެ. އެކަމަކު މިވަގުތު ކަންކަން ހުރި ގޮތުން އެ ކުންފުންޏަށް އެހެން ގޮތެއް ނެތީ އެވެ.

"އަޅުގަނޑުމެން މިފްކޯއަށް މި ގަންނަނީ 1850 ޑޮލަރަށް މަސް ޓަނެއް ގަނެގެން ގޮސް މި ގެންދަނީ ތައިލެންޑާ ހަމައަށް ރޯމަހުގެ ގޮތުގައި. އެކަމަކު މި ވިއްކާލެވެނީ 1300 ޑޮލަރަށް،" މިފްކޯގެ މައި ކުންފުނި، އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު އަމްރު ވިދާޅުވި އެވެ.

އަމްރު ވިދާޅުވި ގޮތުގައި ތައިލެންޑުގެ ކުންފުނިތަކުން މިފްކޯގެ ރޯމަސް ދަޅުގައި ބަންދުކޮށް ޔޫރަޕަށްވެސް އެކްސްޕޯޓު ކުރެ އެވެ. އަދި ތައިލެންޑްގެ މި ކުންފުނިތަކުން ބޮޑު ފައިދާ ނަގަ އެވެ.

ފެލިވަރު މަސް ފެކްޓަރީ ތެރޭގައި މަސް ކަނޑަނީ -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

މިގޮތަށް މަސް ފޮނުވާ ނުލާ ނަމަވެސް ލިބެނީ ގެއްލުމެވެ. މަސް އެކްސްޕޯޓު ކުރަނީވެސް ބޭކާރު ނުކޮށް ކޮންމެވެސް ވަރަކަށް ފައިސާ ހޯދާށެވެ. އަމްރު ވިދާޅުވި ގޮތުގައި މުޅި މައްސަލަ ހައްލު ކުރެވޭނީ ރާއްޖޭގައި ކޭން ކުރެވޭނެ ކެޕޭސިޓީ ބޮޑުކޮށްގެން އެވެ. އެކްސްޕޯޓް ކުރެވޭ މަސް މަދުކޮށްގެން އެވެ.

"މިކަމަށް އޮތް ހައްލަކީ، ވަރަށް ކުޑަ ކުޑަ ކަމެއް ކުރަން ޖެހޭނީ. ރާއްޖެއިން ބާނާ ހުރިހާ މަހެއް އަޅުގަނޑުމެން އަމިއްލަޔަށް ދަޅުގައި ބަންދު ކުރުން. ކޮށްފައި ވިއްކާލުން،" އަމްރު ވިދާޅުވި އެވެ.

ފެކްޓަރީގެ ހާލު ދެރަ

އަމްރު އެ ވިދާޅުވި ބަދަލު ގެންނަ ނަމަ ފެލިވަރު ކޭނިން ފެކްޓަރީ ބޮޑު ކުރަން ޖެހެ އެވެ. ނުވަތަ އެ ނޫން ކޭނިން ފެކްޓަރީއެއް އަޅަން ޖެހެ އެވެ. މިފްކޯގެ އެމްޑީ އިސްމާއިލް ފައުޒީ ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިސްނުން މިވަގުތު ހުރީ ފެލިވަރުގެ ފެކްޓަރީ ބޮޑު ކުރުމަށެވެ.

މިފްކޯގެ ކޭނިން ފެކްޓަރީ ފެލިވަރުގައި ހުންނަ އިރު ގއ. ކޫއްޑުގައި ހުންނަނީ ހަމައެކަނި މަސް ރައްކާ ކުރާ ފެސިލިޓީ އެކެވެ. ފެލިވަރުގައި 1986 ވަނަ އަހަރު ކޭނިން ފެކްޓަރީ ހުޅުވީ، ދުވާލަކު 75 ޓަނުގެ ދަޅުމަސް ޕްރޮސެސް ކުރެވޭ ފެންވަރަށެވެ. އެކަމަކު، އަހަރުތަކެއްގެ އިހުމާލާ އެކު އެ އަދަދު މިއަދު ވަނީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 55 ޓަނަށް މަދުވެފަ އެވެ. ދަޅު ބަންދު ކުރާ މެޝިންތަކާއި، ޕްރޮސެސްއަށް ބަދަލުތަކެއް އައި ނަމަވެސް، ފެލިވަރު ކޭނިން ފެކްޓަރީ އަދިވެސް ހުރީ 33 އަހަރު ފަހަތުގަ އެވެ.

ފެލިވަރުގައި މަސް ގަނޑު ކުރާ ސްޓޯރޭޖުގެ ކެޕޭސިޓީއަކީ 750 މެޓްރިކް ޓަނަށް ވާ އިރު އެއީ އެތަން ހުޅުވި އިރުވެސް ހުރި ވަރެވެ. އެ އަދަދު 33 އަހަރު ވީ އިރު އިތުރުވެފައި ނުވެ އެވެ. ވީ މަދެވެ. އެ ފެކްޓަރީގައި ހުންނަ 250 މެޓްރިކް ޓަނުގެ ގަނޑު ކުރާ ތިން ސްޓޯރޭޖްގެ ތެރެއިން އެކަތީގައި މައްސަލަތަކެއް އުޅޭތީ މިހާރު ގަނޑު ކުރެވެނީ ގާތްގަނޑަކަށް 600 މެޓްރިކް ޓަނު ކަމަށް ފެލިވަރުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ފެލިވަރު މަސް ފެކްޓަރީގެ މަސް ގަނޑު ކުރާ ސްޓޯރޭޖްގެ އެތެރެ -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

ފެލިވަރުން ދުވާލެއްގެ މައްޗަށް ކިރެނީ ގާތްގަނޑަކަށް 30 ޓަނުގެ މަހެވެ. އޭގެ އިތުރުން، އެ ފެކްޓްރީގެ ދެ މަސް ކިރާ ބޯޓުން ޖުމްލަ 80 ޓަނު ކިރެ އެވެ. މިއީ މަސްވެރިކަން ރަނގަޅުވާ ދުވަސްވަރުގައި އެއްވެސް ވަރަކަށް އޮބި އޮންނަ ވަރުގެ ކެޕޭސިޓީއެއް ނޫނެވެ. ދެތިން މަސް ދޯންޏަކުން މަސް ކިރާލާ އިރަށް އެ ދުވަހަކަށް ފެލިވަރު އޮންނަނީ ފުރިފަ އެވެ.

ފެލިވަރުގެ ދެ މަސް ބޯޓަކީ މިހާރު ގިނަ ދުވަސްވެ ބާވެފައިވާ ދެ ބޯޓެވެ. އޭގެ ތެރެއިން އެއް ބޯޓް ބައެއް ތަންތަނުން ފޫގޮސްފައި ވުމުން އެތަންތަން ބައްދާފައި ވަނީ ކޮންކްރީޓް އަޅައިގެން އެވެ. ބޯޓުގެ ފަޅުވެރިން ދެއްކި ވާހަކަތަކުން އެނގުނީ ބޯޓު އަޑިއަަށް ދިޔުމުގެ ފުރުސަތު ބޮޑު ކަމެވެ.

އެހެންކަމުން، މިހާރު ފެލިވަރަށް ކޫއްޑޫގެ މަސް ކިރާ ދެ ބޯޓެއް ވަނީ ފޮނުވާފަ އެވެ. މިފްކޯއިން ދަނީ މަސްވެރިން ގެންނަ ހުރިހާ މަހެއް ގަންނަމުން އެވެ. ފެލިވަރުގެ ކެޕޭސިޓީއަށް ވުރެ އިތުރުވާ ބައި ކޫއްޑޫގެ މަސްބޯޓުތަކުގައި ކޫއްޑޫގެ ގަނޑު ކުރާ ފެސިލިޓީއަށް ގެންދަނީ އެވެ.

މަސްވެރިކަން އާދައާ ހިލާފަށް ރަނގަޅުވެފައިވާ މި ދުވަސްވަރުގައި ކޮންމެ ދޯންޏެއްވެސް އަންނަނީ 10 ޓަނަށް ވުރެ ގިނައިން ބާނައިގެންނެވެ. އެހެންވެ، މިފްކޯގެ އޮޕަރޭޝަންތަކަށް ވަނީ ދަތިވެފަ އެވެ. އެކަމަކު، ދަތިތަކާ އެކު ނަމަވެސް، އެތަނުން ހާލަތު މެނޭޖު އެބަ ކުރެ އެވެ. މަސްވެރިން ގެންނަ ވަރަކަށް މަސް ކިރަމުންދެ އެވެ.

ފެލިވަރަށް މަސް ކިރަން ގޮސް އޮތް ދޯންޏަކުން މަސް ކިރަނީ -- ސަން ފޮޓޯ/ ނަޖާހު މަސްުއޫދު

"ކުރިއަށް އޮތް ތަނުގައި މިކަން މިހެން ދިމާ ނުވާނެ ގޮތަކަށް މިފްކޯގެ ފްރީޒިން ކެޕޭސިޓީ ރަނގަޅު ކުރަން ސަރުކާރާ އެކުވެސް އެސްޓީއޯއާއެކުވެސް އަޅުގަނޑުމެން ޕްލޭނުތަކެއް އެބަ ހަދަން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި މަސްވެރިންނަށް އުފާވެރި ހަބަރުތަކެއް އެބަ ހުރި،" މިފްކޯގެ އެމްޑީ އިސްމާއިލް ފައުޒީ ވިދާޅުވި އެވެ.

ފެލިވަރުގައި މިހާރުވެސް ކިއު ހަދާފައި ގާތްގަނޑަކަށް 40ހަކަށް ދޯނި އެބަ އޮތެވެ. ކިއު ލިސްޓު މި މަހުގެ 26 ވަނަ ދުވަހާ ހަމަށް ފުލްވެފައިވާ ކަމަށް ފެލިވަރުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ކޭނިން ފެކްޓަރީ ބޮޑު ކުރަނީ

"އަޅުގަނޑުމެން ބަލަނީ ހުރިހާ ތަނެއްވެސް ހުރީ ރަނގަޅު ކުރަން ޖެހިފައި ކަމަށް. ނެތް ރަނގަޅު ކުރަން ނުޖެހޭ އެއްވެސް ތަނެއް،" ފެލިވަރުގައި ރަނގަޅު ކުރަން ޖެހެނީ ކޮން ކަންކަމެއްތޯ ސުވާލު ކުރުމުން އެމްޑީ އަމްރު ދެއްވީ މި ޖަވާބެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކޭނިން ފެކްޓަރީ ބޮޑު ކުރުމަށް މިހާރު ސަރުުކާރުން ވަނީ ފަންޑު ހަމަޖައްސައިފަ އެވެ. އަދި މި އަހަރުގެ ތެރޭގައި އެ މަސައްކަތް ކުރިއަށްދާނެ އެވެ.

"އަަޅުގަނޑުމެން ސަރުކާރާ އެކުގައި މަސައްކަތްކޮށްގެން، ސަރުކާރުން އެބަ ބުނޭ މިހާރު ފަންޑުވެސް ހުރީ ހަމަޖެހިފައި ކަމަށް. އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ތެރޭގައި ކޭނަރީ ބޮޑު ކުރުމުގެ މަސައްކަތް ކުރިއަށް ހިނގައިގަންނާނެ،" އަމްރު ވިދާޅުވި އެވެ.

ކޭނިން ފެކްޓަރީތަކުން ޔޫރަޕް ފަދަ ގައުމުތަކަށް އެކްސްޕޯޓު ކުރާ އުފެއްދުންތައް އުފައްދާތީ ޔޫރަޕުގެ އޮޑިޓަރުންނާއި އެހެނިހެން ބައިނަލްއަގުވާމީ ފަރާތްތަކުން ޕްރޮޑަކްޓުތައް އޮޓިޓްކޮށް، ބޭނުންވާ ސްޓޭންޑަޑަށް ފެތޭތޯ ބަލަ އެވެ. އެގޮތަށް ފެލިވަރު އޮޑިޓްކޮށް ބައިނަލްއަގުވާމީ ސްޓޭންޑާޑްތަކެއް ވަނީ ލިބިފަ އެވެ. އާ ފެކްޓަރީއެއް އަޅާ ނަމަ އެ ފެކްޓަރީއަކަށް އަލުން ސްޓޭންޑަޑްތައް ހޯދަން ޖެހޭނެތީ އާ ފެކްޓަރީއެއް އެޅުމުގެ ބަދަލުގައި ފެލިވަރު ބޮޑު ކުރުމަކީ އެންމެ ފައިދާ ބޮޑުވެސް ގޮތް ކަމަށް ބުނެވިދާނެ އެވެ.

ފެލިވަރު މަސް ފެކްޓަރީގެ ތެރޭގައި މުވައްޒަފުން މަސައްކަތް ކުރަނީ: އެ ފެކްޓަރީގައި މަސައްކަތް ކުރަނީ މުޅިންވެސް އަންހެނުން، ގިނައީ ބިދޭސީ އަންހެނުން -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

މިފްކޯގެ އެމްޑީ އިސްމާއިލް ފައުޒީ ވިދާޅުވި ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގެ ވިސްނުންފުޅަކީ ފެލިވަރުން ބިން ހިއްކައިގެން ކޭނިން ބޮޑު ކުރުމެވެ.

އޭނާ ވިދާޅުވީ ފެލިވަރު ބޮޑު ކުރުމަށް ފައިސާ ލިބުމުގެ ލަސްތަކެއް އުޅޭ ކަމަށެވެ. އެކަމަކު އެކަން ކުރިއަށްދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

އަބަދުވެސް ގެއްލުންވަމުން އަންނަ ފެލިވަރު ފައިދާއަށް ބަދަލު ކުރެވެން އޮތީ އިންވެސްޓްމަންޓަކަށް ގޮސްގެން އެވެ. އެ އިންވެސްޓްމަންޓަކީ މަސްވެރިންނަށް މިވަގުތަށް ވެސް އޮތް ބޮޑު އުންމީދެކެވެ. އަދި އެއީ ދިވެހި މަހަށް ހަމަ އަގު ހޯދުމަށް ވެސް އޮތް ހަމައެކަނި ހައްލެވެ. ފެލިވަރުން ފައިދާ ނެރެގެން ނޫނީ ދިވެހި މަސްވެރިކަމަށް އުޖާލާ ޒަމާނެއް ހޯދައެއް ނުގަނެވޭނެ އެވެ.

comment ކޮމެންޓް