ގައުމީ ޓެނިސް ޗެންޕިއަންޝިޕްގެ ސްޕޮންސަރަކަށް ބީއެމްއެލް

ގައުމީ ޓެނިސް ޗެމްޕިއަންޝިޕްގެ ސްޕޮންސަރަކަށް، ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފިއެވެ.

ބީއެމްއެލްއިން ވަނީ، މިއަދު މުބާރާތުގެ ސްޕޮންސަރަކަށް ވުމަށް ޓެނިސް އެސޯސިއޭޝަނާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރއެވެ. އަދި ޓެނިސް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަހުމަދު ނަޒީރު (ކްރައުން ނަޒީރު)އެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ، ޓެނިސްގެ ޓީމްގެ ސްޕޮންސަރަކަށް ބީއެމްއެލް ވުމަކީ، ވަރަށް ހާއްސަ ކަމެއް ކަމަށެވެ. މި އަހަރަކީ ގައުމީ ޓެނިސް ޗެންޕިއަންޝިޕް ބާއްވަމުން އަންނަތާ 50 އަހަރު ފުރޭ އަހަރަށް ވުމާއެކުވެސް މި ސްޕޮންސާޝިޕް އިތުރަށް ޚާއްސަ ވެގެންދާ ކަމަށް ސޯޔާ ވިދާޅުވިއެވެ.

"މި ކުޅިވަރު މަގުބޫލު ވެގެންދާއިރު، އެސޯސިއޭޝަނުން ތަމްރީނު ކުރަމުންމިދަނީ ޒުވާން މޮޅެތި ކުޅުންތެރިންކަން ފާހަގަކޮށްލެވޭ. އަދި އެސޯސިއޭޝަންއަށް އެހީތެރިކަން ފޯރިކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،"

ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ---

ބީއެމްއެލްއިން ބުނީ، ޓެނިސް މުބާރާތުގެ ސްޕޮންސަރަކަށް ވުމަކީ، ރާއްޖޭގެ ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތައް އިތުރުވި ބޮޅެއް ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރުކޮށް މި ކުޅިވަރުގައި ކުރިއަށް ދިޔުމަށް ބޭނުންވާ ތަޖްރިބާ ހޯދައިދިނުމުގެ މަގްސަދުގައި ކުރިއަށް އޮތް ތިން އަހަރު ގައުމީ ޓެނިސް ޗެމްޕިއަންޝިޕް މިހާރަށްވުރެ ފުރިހަމަކޮށް ބޭއްވުމަށް ބީއެމްއެލްއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަަމަށް އެ ކުންފުނިން ބުނެއެވެ.

ގައުމީ ޓެނިސް ޗެންޕިއަންޝިޕަކީ، މިހާތަނަށް ބާއްވަމުން އަންނަ އެންމެ ގިނަ ދުވަސްވީ ޓެނިސް ހަރަކާތްވެސްމެއެވެ.

ބީއެމްއެލްއިން ދަނީ ރާއްޖޭގެ ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް އެކި ގޮތްގޮތުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. މި ގޮތުން ބީއެމްއެލް އަކީ ގައުމީ ފުޓްބޯޅަ ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރެވެ. އަދި ބާސްކެޓްބޯލް އެސޯސިއޭޝަން ގެ ޔޫތު ޑިވެލޮޕްމަންޓް ޕާޓްނަރގެ އިތުރުން ސުވިމިންގ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ނޭޝަން ވައިޑް ޕާޓްނަރަކީވެސް ބީއެމްއެލްއެވެ.

comment ކޮމެންޓް