ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު މީހަކު ހިފަހައްޓައިފި

ވަގު ޕާސްޕޯޓުގައި ރާއްޖެ އެތެރެވާން އުޅެނިކޮށް މިއަދު ހިފެހެއްޓި މީހާ ---

އަމިއްލައަށް ހަދާފައި އޮތް ވަގު ޕާސްޕޯޓެއް ހިފައިގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު ހިފަހައްޓައިފިއެވެ.

އިމިގްރޭޝަނުން އަންނަނީ، ފަހަކަށް އައިސް ޝަޚްސު އޮޅުވަލައިގެން އެހެން މީހެއްގެ ޕާސްޕޯޓެއްގައި އަންނަ މީހުން ހިފަހައްޓަމުންނެވެ. އެގޮތުން މި މަސްތެރޭގައި ދެ މީހަކު އިމިގްރޭޝަނުން ވަނީ އެގޮތަށް އެތެރެވާން އުޅެނިކޮށް ހިފަހައްޓާފައެވެ.

އިމިގްރޭޝަނުން މިރޭ ކުރި ޓްވީޓެއްގައި ބުނީ، ނަކަލުކޮށްފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު ހިފަހައްޓާފައިވާ ކަމަށެވެ.

އިމިގްރޭޝަންގެ ތަރުޖަމާނު ހަސަން ޚަލީލް މިރޭ "ސަން"އަށް ވިދާޅުވީ ހިފެހެއްޓީ އަމިއްލައަށް ހަދާފައި އޮތް ޕާސްޕޯޓެއް ހިފައިގެން ރާއްޖެ އެތެރެވާން އުޅުނު މީހެއް ކަމަށާއި، އޭނާ ހިފެހެއްޓީ މިއަދު ކަމަށެވެ.

އެހެން ނަމަވެސް އެއީ ކޮން ގައުމަކުން އައި މީހެއް ކަމެއް ހާމައެއް ނުކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އާންމު ގޮތެއްގައި ޝަޚްސު އޮޅުވާލައިގެން ނުވަތަ ޕާސްޕޯޓު ނަކަލުކޮށްގެން މީހުން އެތެރެވަނީ، އިގްތިސޯދީ ގޮތުން ދަށް ގައުމުތަކުން ކަމަށެވެ. ބައެއް މީހުން އެހެން އަންނަނީ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް އާމްދަނީ ހޯދުމަށް، ހަނގުރާމައެއް ހިނގާ ގައުމެއްގެ މީހެއް ނަމަ އެ ގައުމުގައި ދިރިނޫޅުމަށް، ނުވަތަ ކުށެއް ކޮށްފައިވާ މީހެއް ނަމަ އެ ކުށުން ސަލާމަތްވުމަށް ކަމަށްވެސް ޚަލީލް ވިދާޅުވިއެވެ.

އިމިގްރޭޝަންއިން މިދިޔަ ހަފްތާގައި ބުނެފައިވާ ގޮތުގައި، ޝަޚްސު އޮޅުވާލައިގެން މިއަހަރު މިހާތަނަށް 11 މީހަކު ހިފަހައްޓާފައި ވެއެވެ.

އިމިގްރޭޝަނުން ހިފަހައްޓާ މީހުން ފޮނުވާލަން ޖެހެނީ، އަނބުރާ އެމީހުން އައި ގައުމަކަށެވެ. އަދި އެމީހާ ފޮނުވާލުމުގައި ހުރިހާ ހަރަދަކަށް ޒިންމާވާން ޖެހެނީ އޭނާ އައި އެއާލައިިނަކުންނެވެ.

comment ކޮމެންޓް