ސީލައިފް މައްސަލައިގައި ކޯޓަށް ނުދާ މީހުން އެޗްޑީސީއަށް އެންގުމަށް މުހުލަތެއް ދީފި

ސީލައިފުން ހުޅުމާލޭގައި އިމާރާތްކުރަން އިއުލާންކުރި ހައުސިންގް ޔުނިޓްތަކުގެ މޮޑެލެއް---

ސީލައިފް ކުންފުނިން ފްލެޓު ގަތް ފަރާތްތައް އެޗްޑީސީން ބަދަލު ދިނުމަށް ނިންމާފައިވާ އިރު، ފްލެޓު ގަތް ފަރާތްތަކުގެ ތެރެއިން ކޯޓަށް މައްސަލަ ހުށަނާޅާ ފަރާތްތަކުން އެފަރާތްތަކުގެ މައުލޫމާތު އެޗްޑީސީއާ ހިއްސާކުރުމަށް މުހުލަތެއް ދީފިއެވެ.

ގިނަ އަދަދެއްގެ ފަރާތްތަކުން ސީލައިފްއިން ފްލެޓު ގަނެ، ފައިސާ ދެއްކިފަހުން އެ ކުންފުނިން ވަނީ އެ މަޝްރޫއު ކުރިއަށް ނުގެންދިއުމަށް ނިންމާފައެވެ. އެއާއެކު ބައެއް ފަރާތްތަކުން ބަދަލު ހޯދުމަށް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. ނަމަވެސް ކޯޓުން ބޭރުން މައްސަލަ ނިމުނީ، އެޗްޑީސީއިން އެ ފަރާތްތަކަށް ބަދަލު ދިނުމަށެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ، ކޯޓަށް މައްސަލަ ހުށަހެޅި ފަރާތްތަކުގެ ބަދަލު ހަމަޖެއްސުމުގެ ކަންކަން މިހާރު އެ ކުންފުނިން ކުރަމުންދާ ކަމަށެވެ. އަދި ފްލެޓު ގަތް މީހުންގެ ތެރެއިން ކޯޓަށް މައްސަލަ ހުށަނާޅާ ފަރާތްތަކުް އެޗްޑީސީއަށް އެންގުމަށް އެކުންފުނިން އެދިފައިވެއެވެ.

އެގޮތުން ސެޕްޓެމްބަރު 26 ވާ ބުރާސްފަތި ދުވަހުގެ ކުރިން އެޗްީޑސީއަށް އެކަން އެންގުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

އެޗްޑީސީ ހުށަހަޅަން ޖެހޭ ލިޔުންތައް:

  • ފްލެޓް ގަތުމަށް ސީލައިފް އާއެކު ވެފައިވާ އެއްބަސްވުން
  • ސީލައިފަށް ފައިސާ ދެއްކި ކަމުގެ ރަސީދު
  • އަޑީކާޑުގެ ކޮޕީ

އެޗްޑީސީގެ ބަޔާން އިތުރަށް ތަފްސީލު ކޮށްދެއްވަމުން އެކުންފުނީގެ މެނެޖިން ޑިރެކްޓަރު ސުހައިލް އަހްމަދު "ސަން" އަށް ވިދާޅުވީ، ބަދަލު ހޯދުމަށް މައްސަލަ ކޯޓަށް ހުށަހެޅުއްވީ، 203 ފަރާތަކުން ކަމަށާއި އަދިވެސް ފްލެޓު ގަތް ފަރާތްތައް އެބަ ތިބި ކަމަށެވެ. އެހެކަމުން އެންމެނަށް ބަދަލު ދޭން ޖެހޭ މިންވަރު ދެނެގަތުމަށްޓަކައި ހުރިހާ ފަރާތެއްގެ މައުލޫމަތު ބޭނުންވާކަމަށް ސުހައިލް ވިދާޅުވިއެވެ.

ސީލައިފުން އެޕާޓްމަންޓް އަޅަން އިއުލާނުކުރި މަޝްރޫއާއެކު އެޕާޓްމަންޓުތައް ގަތުމަށް 280 މީހަކު، ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާގެ ރޭޓުން 14 މިލިއަން ރުފިޔާއަށްވުރެ ގިނައިން ސީލައިފަށް ވަނީ ފައިސާ ދައްކައިފައެވެ.

އެޗްޑިސީއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ސީލައިފްއިން ފްލެޓު ގަތުމަށް ފައިސާ ދެއްކި ފަރާތްތަކުން ދައުވާ އުފުލާފައިވަނީ އެކުންފުނިވެސް ހިމެނޭ ގޮތަށް ކަމަށެވެ. އެގޮތުން ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، އެ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރި ކަމަށް އެޗްޑީސީއިން ބުންޏެވެ.

ސީލައިފްގެ މައްސަލައަކީ އެޗްޑީސީ އަދި ސަރުކާރުގެވެސް އެއްވެސް އިހުމާލެއް ނެތް ކަމެއް ކަމަށާއި ނަމަވެސް އެ މައްސަލާގައި ގިނަ ބަޔަކަށް ގެއްލުން ލިބިފައިވާތީ، އެ ގެއްލުން ކުޑަ ކުރުމަށް އެ ފަރާތްތަކާއެކު އެއްބަސްވުމަކަށް އައީ ކަމަށް އެޗްޑީސީ އޭރު ބުންޏެވެ.

މި އެއްބަސްވުމުގެ ދަށުން ސީލައިފުން އަޅަން ނިންމި ހައުސިން ޔުނިޓުތައް ގަތުމަށް އެ ކުންފުންޏަށް ފައިސާ ދެއްކި ފަރާތްތަކަށް، އެފަރާތްތަކުން ދެއްކި ފައިސާ އާއި އެއްވަރުގެ އަދަދެއް އެޗްޑީސީއިން ދިނުމަށް ވަނީ ނިންމާފައެވެ. އަދި ގެއްލުން ލިބުނު ފަރާތްތަކަށް އެކަމުގެ ބަދަލެއްގެ ގޮތުން ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމެއްގެ ދަށުން ހައުސިން ޔުނިޓު ދޭންވެސް ވަނީ އެއްބަސްވެފައެވެ.

https://sun.mv/121820

comment ކޮމެންޓް