ވައްކަންކޮށްގެން ނިކުތް މީހަކު އަތުލައިގެންފި

ގަލޮޅުގައި ހުރި ފިހާރައިން ވަގަށް ނެގި ތަކެތި -- ފޮޓޯ: ފުލުހުން

ގަލޮޅުގައި ހުރި ފޯނު ފިހާރައަކުން ވައްކަންކޮށްގެން ނިކުތް މީހަކު އަތުލައިގެންފި އެވެ.

ފުލުހުން ބުނީ ގަލޮޅުގައި ހުރި މޯބައިލް ފިހާރައެއް ފަޅާލައި، ވައްކަންކޮށްފައިވާ މައްސަލައެއް ރޭ ފަތިހު 4:40ގައި ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އެ ފިހާރަތެރެއުން ދަބަހެއް ހިފައިގެން ނިކުތް މީހަކަށް ފުލުހުން ފެނުމާއެކު ދަބަސް އެއްލާލައި، ދުއްވައިގަތީ ކަމަށާއި އޭނާގެ ފަހަތުން ފުލުހުން ގޮސް އޭނާ ހުއްޓުވާ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލާ ފާސްކުރި އިރު އޭނާ އެއްލާލި ދަބަސް ތެރެއިން ގިނަ އަދަދެއްގެ މޯބައިލް ފޯނާއި ޓެބްލެޓު އަދި މޯބައިލް ފޯނާ ގޫޅުން ހުރި އެހެން ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް