ކޮރަޕްޝަނުގެ ތުހުމަތުތަކާ އެކު ސްރީލަންކާގެ ލޮޓަސް ޓަވަރު ހުޅުވައިފި

ދެކުނު އޭޝިއާގެ އެންމެ އުސް ޓަަވަރު ކަމަށްވާ ލޮޓަސް ޓަވަރު ވަނީ ލަންކާގައި ހުޅުވާފަ -- ފޮޓޯ: އޭއެފްޕީ

ކޮލަމްބޯ (ސެޕްޓެމްބަރު 17): ސްރީ ލަންކާގެ ލޮޓަސް ޓަވަރާ ގުޅުން ހުރި ކޮރަޕްޝަނުގެ ތުހުމަތުތަކެއް ހާމަ ކުރައްވަމުން އެގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އެ ޓަވަރު ހުޅުވައިދެއްވައިފި އެވެ.

ދެކުނު އޭޝިއާގެ އެންމެ އުސް ޓަވަރުގެ ގޮތުގައި ސިރިސޭނާ ހުޅުވާދެއްވި ލޮޓަސް ޓަވަރުގެ އުސްމިނުގައި 350 މީޓަރު ހުރެ އެވެ. އަދި 17 ފަންގިފިލާގެ އެޓަވަރުގައި ހޮޓަލަކާއި ދާރުލްއާސާރަކާއި ރެސްޓޯރެންޓުތަކާއި އޮޑިޓޯރިއަމްއަކާއި އޮބްޒަވޭޝަން ޑެކަކާއި ޝޮޕިން މޯލްއަކާއި ކޮންފަރެންސް ސެންޓަރެއް ހުރެ އެވެ.

ލަންކާގެ މީޑިއާތަކުގައިވާ ގޮތުން އެޓަވަރު އެޅުމަށް 104.3 މިލިއަން ޑޮލަރު ހޭދަވި އެވެ. އޭގެ ތެރެއިން 80 ޕަސެންޓް ފަންޑު ކުރީ ޗައިނާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކުންނެވެ. އަދި އެފައިސާ އަނބުރާ ދެއްކުމަށް ޓަކައި ލަންކާއިން 10 އަހަރުވަންދެން، ކޮންމެ އަހަރަކު ދެ ބިލިއަން ރުޕީސް (11،072،970 ޑޮލަރު)އަށް ވުރެ ބޮޑު އަދަދެއް ދައްކަން ޖެހޭ ކަމަށް ސިރިސޭނާ ވިދާޅުވި އެވެ.

ސިރިސޭނާ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރުގައި ލޮޓަސް ޓަވަރު ހެދުމަށް އެއްބަސްވުމުގައި ސޮއި ކުރި އިރު އޭގެ ތެރޭގައި އެއިރޯސްޕޭސް ލޯންގް މާޗް އިންޓަނޭޝަނަލް ޓްރޭޑް (އޭއެލްއައިޓީ) ކިޔާ ކުންފުންޏެއް ހިމެނުނެވެ.

އަދި އެ ޕްރޮޖެކްޓު ކުރިއަށް ގެންދިޔުމަށް އޭރުގެ ސަރުކާރުން އޭއެލްއައިޓީއަށް ދެ ބިލިއަން ރުޕީސް ދިން ނަމަވެސް އެކުންފުނި ފަހުން "ގެއްލިފައިވާ" ކަމަށް ރައީސް ސިރިސޭނާ ވިދާޅުވި އެވެ. އަދި އޭއެލްއައިޓީ ހޯދުމަށް ސަރުކާރުން ތަހުގީގެއް ކުރިއަށްގެން ދިޔަ ނަމަވެސް، އެކުންފުންޏާ ބެހޭ މައުލޫމާތެއް ނުލިބުނު ކަމަށް ސިރިސޭނާ ވިދާޅުވި އެވެ.

ދެހާސްފަނަރަ ވަނަ އަހަރު ސިރިސޭނާ ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު އޭނާ ވަނީ ޗައިނާއިން ލަންކާގައި ކުރިއަށްގެން ދިޔަ ގިނަ މަޝްރޫއުތަކެއް ހުއްޓުވާފަ އެވެ. ނަމަވެސް އެމަޝްރޫއުތަކަށް ގެނައި ބަދަލުތަކަށް ފަހު، ސިރިސޭނާ ވަނީ އަނެއްކާ ވެސް އެމަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ހުއްދަ ދެއްވައިފަ އެވެ.

ރައީސް ރާޖަޕަކްސަގެ ސަރުކާރުގައި ޗައިނާގެ އެހީގެ ދަށުން ހިންގާފައިވާ ގިނަ މަޝްރޫއުތަކުގެ ސަބަބުން ލަންކާ ވަނީ ވަރަށް ބޮޑަށް ދަރަނިވެރިވެފަ އެވެ. އެގޮތުން 2017 ވަނަ އަހަރު ލަންކާއިން ވަނީ ޗައިނާގެ ލޯނު އެހީއާ އެކު ތަރައްގީ ކުރި ހަމްބަންތޮޓަ ބަނދަރު، ޗައިނާގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދީފަ އެވެ.

comment ކޮމެންޓް