މާލޭގައި އަގުދީގެން ޕާކު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި

މާލެ --ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

މ. ދަންޑަހެލުގޭގައި ތަރައްގީކޮށްފައިވާ ޕާކިންޒޯނުގައި އަގު ދީގެން ޕާކު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެކަމުގެ އުސޫލު އާންމުކޮށްފި އެވެ.

ދަންޑަހެލުގޭ ޕާކިން ޒޯމުގައި ހަތަރު ފުރޮޅުލީ 40 އުޅަނދު ޕާކު ކުރެވޭނެ އެވެ. ސިޓީ ކައުންސިލް އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ސަރަހައްދުގައި ޕާކު ކުރުމަށް އެދި ހުށަހަޅަން ޖެހޭ ފޯމު މާދަމާއިން ފެށިގެން ސިޓީ ކައުންސިލުން ދޫކުރާނެ ކަމަށެވެ.

ޕާކިން ޒޯނުގެ އަގުތައް:

1. ސައިކަލު- މަހުފީ: 600 ރުފިޔާ، ގަޑިއިރަކަށް، ފުރަތަމަ 30 މިނެޓު ހަމަވުމުން އިތުރުވާ ކޮންމެ ގަޑިއަކަށް ފަސް ރުފިޔާ

2. ކާރު،ލޭންޑްރޯވަ، ވޭން، ކުޑަ ޕިކަޕް - މަހުފީ: 3000 ރުފިޔާ، ފުރަތަމަ 30 މިނެޓު ހަމަވުމުން އިތުރުވާ ކޮންމެ ގަޑިއަކަށް 20 ރުފިޔާ

3. 500-2000 ކިލޯ އާއި ދެމެދުގެ ޕިކަޕް - މަހުފީ: 3500 ރުފިޔާ، ގަޑިއަކަށް،ފުރަތަމަ 30 މިނެޓު ހަމަވުމުން އިތުރުވާ ކޮންމެ ގަޑިއަކަށް 25 ރުފިޔާ

4. 2000 އާއި 5000 ކިލޯ އާއި ދެމެދުގެ ލޮރީ - މަހުފީ: 4000 ރުފިޔާ، ފުރަތަމަ 30 މިނެޓު ހަމަވުމުން އިތުރުވާ ކޮންމެ ގަޑިއަކަށް 30 ރުފިޔާ

ސިޓީ ކައުންސިލްގެ އުސޫލުގެ ދަށުން ފުރަތަމަޖާގަ ދޫކުރުމުގައި ޕާރކިން ޒޯންތަކުގައި ހުރި ޖާގައަށް ވުރެ ފުރުސަތަށް އެދި ހުށަހަޅާފައިވާ ފަރާތްތައް ގިނަ ނަމަ ޖާގަދޫކުރާނީ ގުރުއަތުން ކަމަށާއި ޒޯނުން ޖާގަދޫކުރާނީ ގުރުއަތު ތަރުތީބުން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. ޕާކުކުރުމުގެ ހުއްދައަށް އެދޭ އުޅަނދަކީ، މިހާރު ދުއްވަން ބޭނުންކުރާ ހާލަތުގައިވާ، މާލޭސިޓީގައި ޤަވާޢިދުން ރަޖިސްޓްރީކޮށް، ރޯޑްވާދިނަސް އާކޮށް އަހަރީ ފީދައްކާ، އަދި އިންޝުއަރެންސް ކޮށްފައިވާ އުޅަނދުފަހަރު ކަމުގައި ވާންވާނެ ކަމަށާއި ޒޯނުން ޖާގަ ދޫކުރާނީ ޕާކުކުރަން އެދޭފަރާތުގެ ނަމުގައި ކަނޑައެޅޭ ވަކި ބާވަތެއްގެ ވަކި ރަޖިސްޓްރީ ނަމްބަރެއްގެ ވަކި އުޅަނދެއް ޕާކުކުރުމަށް ކަމަށް ވެސް އުސޫލުގައިވެ އެވެ. އެޖާގައިގައި އެހެން ބާވަތެއްގެ ނުވަތަ އެހެން ރެޖިސްޓްރީ ނަމްބަރެއްގެ ވެހިކަލެއް ޕާކު ކުރުމަކީ މަނާކަމެއް ކަމަށާއި ޕާކުކުރުމުގެ ހުއްދަދެވޭ އުޅަނދެއް އެހެން ފަރާތަކަށް ދީ ނުވަތަ ވިއްކައިފި ނަމަ އެއުޅަނދު ބޭއްވުމަށް ދެވިފައިވާ ހުއްދަ ބާތިލުވާނެކަމަށް އުސޫލުގައި ބުނެފައިވެ އެވެ.

ޒޯނުން ޖާގަދެވިފައިވާ އުޅަނދު ޕާކުނުކޮށް ޖާގަ ހުސްކޮށް ގިނަ ދުވަހު ހުހަށްބާއްވާ ނަމަ ފަސް ދުވަހުގެ މުއްދަތު ބެލުމަށް ފަހު އެޖާގަ ކެންސަލް ކޮށް، އެހެން ފަރާތަކަށް ޖާގަ ދޫކުރާނެ ކަމަށް އުސޫލުގައިވެ އެވެ.

ޕާކުކުރުމުގެ ހުއްދަ ލިބޭފަރާތަކުން ކޮންމެ މީލާދީމަހެއްގެ ތިން ވަނަ ދުވަހުގެ ކުރިން އެމަހަކަށް ފައިސާ ދައްކަންވާނެ ކަމަށާއި އޭގެ ފަހުން ފައިސާ ބަލާގަންނާނީ 50 ރުފިޔާގެ ޖޫރިމަނާއަކާއި އެކުގައި ކަމަށް ބުނެފައިވެ އެވެ. އަދި މަހުގެ ފަސް ވަނަދުވަހާއި ހަމައަށް ފައިސާނުދައްކާ ފަރާތްތަކުގެ ޕާކިންގ ހުއްދަ ބާތިލުކޮށް އަދި އެޖާގަ އެހެން ފަރާތަކަށް ދެވޭނެ ކަމަށް އުސޫލުގައިވެ އެވެ.

މާލޭގެ ޕާކިން މައްސަލައަށް ހައްލު ގެނައުމަށް ސިޓީ ކައުންސިލާ ޕްލޭނިން މިނިސްޓްރީ އަދި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށް މާލޭގައި ޕާކިން އަށް ހާއްސަ ގިނަ ޖާގަތަކެއް ތައްޔާރުކޮށްފައިވާކަމަށް ޕްލޭނިން އިން ވަނީ ބުނެފަ އެވެ.

އޭގެ ތެރޭގައި ދަންޑަހެލުގޭގައި ތަރައްގީކޮށްފައިވާ ސަރަހައްދާއި އަސަރީ ކެފޭ ހިންގި ސަރަހައްދުގައި ތަރައްގީކޮށްފައިވާ ޕާކިން ޒޯން އަދި ހީނާމާގޭގައި ތަރައްގީކޮށްފައިވާ ޕާކިން ޒޯނު ހިމެނެ އެވެ. މީގެ އިތުރުން ހެވީ ވެހިކަލްތަކަށް ހާއްސަކޮށްގެން މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ވެސް ޕާކިން ސަރަހައްދެއް ގާއިމްކޮށްފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

ޕްލޭނިން މިނިސްޓްރީ އިން ބުނީ މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށް އަޅާ ޕާކިން ބިލްޑިންގެ ކޮންސެޕްޓަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. ޕާކިން ޖާގަ އިތުރު ކުރުމަށް ހަތް ސަރަހައްދެއްގައި ޕާކިން ޖާގަ ހަދައި ފަސް ސަރަހައްދެއްގައި ޕާކިން ޖާގަ ތަރައްގީކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެ އެވެ. ޕާކިން ބިލްޑިން ހަތަރު ސަރަހައްދެއްގައި އަޅަން ނިންމާފައިވާ އިރު މިހާރު ކުރިއަށްދަނީ ކޮންސެޕްޓު ޑިޒައިންގެ މަސައްކަތެވެ.

comment ކޮމެންޓް