ތަރުޖަމާނަކު ހަމަނުޖެހިގެން އީރާނު ބޯޓުން ޑްރަގް ގެނައި މައްސަލަ ކެންސަލް

މަސްތުވާތަކެއްޗާއެކު އަތުލައިގަތް އީރާން ބޯޓު: އެ ބޯޓުން ދަތުރުކުރި ހަތް މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައި --- ސަން ފައިލް ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޯޓުގައި ތިބި އީރާން މީހުންގެ ވަކީލުންނާއި ޓްރާންސްލޭޓަރުން ހަމަނުޖެހުމުން، ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިއުމަށް ތާވަލު ކުރި މައްސަލަ ކެންސަލް ކޮށްފި އެވެ.

ފުލުހުންނާއި އެމްއެންޑީއެފް އިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ ބޯޓު އަތުލައިގަނެފައިވަނީ މި އަހަރުގެ މޭ މަހުގެ ހަތް ވަނަ ދުވަހު އެވެ. ބ. އަތޮޅުގެ ހުޅަނގުން 126 ނޯޓިކަލް މޭލު ބޭރުން އެ ބޯޓު އަތުލައިގަތް އިރު އޭގައި 51 ކިލޯގެ މަސްތުވާތަކެތި ހުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ މައްސަލައާ ގުޅިގެން ބޯޓުން ދަތުރުކުރި އީރާނުގެ ހަތް މީހަކަށް ވަނީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ކަމުގެ ދައުވާގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ދައުވާ ވެސް އުފުލާފަ އެވެ.

އެނގިފައިވާ ގޮތުގައި އެ ބޯޓަކީ އެހެން ގައުމުތަކަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ރެކޯޑް އޮންނަ ބޯޓެކެވެ. މީގެ ކުރިން 250 ކިލޯއެއްހާ މަސްތުވާތަކެއްޗާއެކު އެ ބޯޓު ވަނީ އެހެން ގައުމަކުންވެސް އަތުލައިގެންފަ އެވެ.

އެ ބޯޓު ބަލާ ފާސް ކުރުމަށް ހަފްތާއެއްހާ ދުވަސް ފުލުހުން ހޭދަކޮށް، ބޯޓްގެ ފަހަތު ބައިގެ ތިރީގައި މަސްތުވާތަކެތީގެ 50 ޕެކެޓް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ކޮންމެ ޕެކެޓެއްގައި ކިލޯއެއް ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް