ރެއާލް އަދި ޕީއެސްޖީ ބޮޑު މެޗަށް ނުކުންނަ އިރު ގިނަ ތަރިން އަނިޔާގައި

ރެއާލް މެޑްރިޑުގެ ޑިފެންޑަރު މާސެލޯއަށް އަނިޔާވެފައި --- ފޮޓޯ// ޑެނިއެލް ލެވިސް

ޔޫރޮޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގުގައި މާދަމާ ރޭ ރެއާލް މެޑްރިޑާއި ޕީއެސްޖީ ބައްދަލު ކުރާ އިރު ދެ ޓީމުގެ ވެސް މުހިއްމު ގިނަ ކުޅުންތެރިންތަކެއް އަދިވެސް ތިބީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަ އެވެ.

ޗެމްޕިއަންސް ލީގުގެ "ރަސްގެފާނު" ގެ ގޮތުގައި މަޝްހޫރުވެފައިވާ ރެއާލުން 14 ވަނަ ފަހަރަކު އެ މުބާރާތް ކާމިޔާބު ކުރަން ނުކުންނަ އިރު މިދިޔަ އަހަރުގެ ސީޒަނަކީ އެ ޓީމަށް ފަހުގެ ތާރީހުގައި ކުރިމަތިވި އެންމެ ބަދުނަސީބު ސީޒަނެވެ. ޖެހި ޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަމުން އައިސް މިދިޔަ ސީޒަނުގައ އެ ޓީމުން ވަނީ މުބާރާތުގެ ދެވަނަ ބުރުން ކަޓައިފަ އެވެ. އަނެއްކޮޅުން ފަހަކަށް އައިސް ބޮޑެތި ޙަރަދުތަކެއް ކުރަމުން އަންނަ ޕީއެސްޖީ ވެސް ވަނީ ލަދުވެތި ގޮތަކަށް މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެގެން ކަޓައިފަ އެވެ.

ދުނިޔޭގެ ގަދަ ބާރުތަކުގައި ގޮތުގައި މިވަގުތު އޮތް ރެއާލާއި ޕީއެސްޖީ މާދަމާ ރޭ ކުރިމަތިލާ މެޗަކީ މިފަހަރުގެ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ކުޅޭނެ އެންމެ ވަރުގަަދަ އެއް މެޗެވެ. ނަމަވެސް ދެ ޓީމުގެ ސަޕޯޓަރުން ވެސް މެޗަށް ނުކުންނަ އިރު ތިބީ ބޮޑު މާޔޫސްކަމެއްގެ ތެރޭގަ އެވެ. ސަބަބަކީ ދެ ޓީމުގެ ވެސް މުހިއްމު ގިނަ ކުޅުންތެރިންތަކެއް އަނިޔާގެ ސަބަބުން މެޗުގައި ނުކުޅޭނެތީ އެވެ.

ރެއާލް މެޑްރިޑާއި ޕީއެސްޖީ މީގެ ކުރިން ބައްދަލު ކުރި މެޗެއްގެ ތެރެއިން ---

ރެއާލް މެޑްރިޑަށް ބަލާލާއިރު އެ ޓީމު ފަސް ކުޅުންތެރިޔަކު މިވަގުތު އަނިޔާގައި އެބަ ތިއްބެވެ. އެއީ ކަކުލު ހުޅަށް ލިބުނު އަނިޔާއަކާ އެކު މިއަހަރުގެ ކުރިއަށް އޮތް އެއްވެސް މެޗެއް ނުކުޅެވޭނެ ކަމަށް ޑޮކްޓަރުން ލަފާ ދީފައިވާ މާކޯ އެސެންސިއޯއާއި އެންމެ ފަހުން ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ހޯދި ލޫކާ މޮޑްރިޗްއާއި އިސްކޯ އަދި މާސެލޯގެ އިތުރުން ފެޑްރިކޯ ވަލްވާޑޭ އެވެ.

މި ފަސް ކުޅުންތެރިން އަނިޔާގައި ތިބި އިރު ސަސްޕެންޝަނުގެ ސަބަބުން އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރަމޯސްއާއި ނަޗޯ އަށް ވެސް ޕީއެސްޖީ މެޗުގައި ނުކުޅެވޭނެ އެވެ. އެހެން ކަމުން ރެއާލް މެޑްރިޑުން އެ މެޗާއި ކުރިމަތިލާނީ ޓީމުގެ ފުލް އެގާރައިގެ ގިނަ ކުޅުންތެރިން ނުހިމަނަ އެވެ.

ޕީއެސްޖީއަށް ބަލާލާއިރު އެ ޓީމުގެ ފޯވާޑް ލައިން ބަލަހައްޓަމުން އަންނަ ޒުވާން ކުޅުންތެރިޔާ ކައިލިއަން އެމްބާއްޕޭއާއި އެޑިސަން ކަވާނީ އަދި ޖޫލިއަން ޑްރެކްސްލާގެ އިތުރުން ތިލޯ ކެހްރާ ވެސް ހުރީ އަނިޔާގަ އެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރުމަށްފަހު ނޭމާ ޖޫނިއާ މިހާރު އަންނަނީ އެނބުރި އައިސް މެޗުތައް ކުޅެމުންނެވެ. އެހެން ކަމުން ޕީއެސްޖީއަށް މެޗަށް ނުކުންނަ އިރު ކޮންމެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބޭނެ އެވެ.

އެންމެ ފަހުން މި ދެ ޓީމުގެ ކުރިމަތިލުމެއް މި މުބާރާތުގައި ދިޔައީ 2017-2018 ވަނަ ސީޒަނުގަ އެވެ. އެފަހަރުގެ މެޗުތަކުން 2-5 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބު ކުރީ ރެއާލް މެޑްރިޑެވެ.

comment ކޮމެންޓް