މަރިޔަމް ހިމްނާގެ މަޖުބޫރު ވީމާ--

"ޔޫ ކޭން ޓްރަސްމީ ދޮންބޭ... އެއްފަހަރުވެސް އިތުބާރު ކޮށްފަ ބުނެބަލަ... ބައްޕަ ނުގަބޫލު ވެދާނެތީތަ ދޮންބެ މި ވާހަކަ ނުބުނަން ތިއުޅެނީ... ސިއްރު ކޮށްދެވޭނީ އޭރުންދޯ" އަލޫކް ނަވީންގެ ކުރިމައްޗަށް އެރިއެވެ.

"ލުކް އަލޫކް.. ދެޓްސް ނޮޓް އިމްޕޯޓެންޓް ރައިޓް ނައު... އެއީ އަހަރެންގެ ގާރލް ފްރެންޑްކަމަށް މިވަގުތަށް ހީކޮށްލާފަ އެހަށް ދެންމެ މިތަނުގައި ހިނގާދިޔަ ހާދިސާ ތަފްސީލް ގޮތެއްގަ އަހަންނަށް ކިޔައިދީބަލަ... އިބާގެ ހާލަތަށް ބަލާފައި އަހަންނަށް އެނގޭ މިތަނުގައި ހިނގާ ދިޔައީ ކުޑަކަމެއް ނޫންކަން... މިތަނުގައި ހިނގާދިޔަ ހުރިހާކަމެއްގެ ތަފްސީލު އަކުރުން އަކުރަށް އެނގެން އަހަރެން ބޭނުން..." ނަވީން އިބާއަށް ވެސް ފުން ނަޒަރެއް ދިނެވެ.

"އަހަރެންވެސް މި ފަހަރު މަޑަކުން ނުހުންނާނަން... އޭނަ އަބަދާ އަބަދު އިބާ އާއި ދިމާ ކުރާއިރު އެއްވެސް އެއްޗެއް ނުބުނެ އޭނަ ހެދިހާ ގޮތެއް ހެދިގެން ހުންނަނީ އަމިއްލަ ނަފްސަށް ކުޑަކޮށްވެސް އިބާއަށް އިތުބާރު ނުކުރެވޭތީތަ؟" ނަވީން ސުވާލުކޮށްލިއެވެ. އިބާ ވަކި އެއްޗެއް ނުބުނެއެވެ. އެ ހުރި ގޮތަށް ހުރީއެވެ.

"ދޮންބޭ... ރުޅި މަޑުކޮށްބަލަ" ނަވީންގެ އަޑަށް ހަރުކަށިކަމެއް ވެރިވިހެން ހީވެ އަލޫކް ނަވީން ގާތު ރުޅިމަޑުކުރަން ބުނެލިއެވެ. އަލޫކްގެ އަތް ފޮޅުވާލާފައި ނަވީން ސޯފާގައި އިށީނދެ ބޮލުގައި އަތް އަޅުވާލިއެވެ.

"އަހަރެން މިގެއާ ހިސާބަށް އައި ގޮތް ދޮންބެއަށް އެނގެއެއްނު... ގޭގެދޮރުމަތީގައި ހުރެ އަހަރެން އިބާގެ ނަންބަރަށް ގުޅާލީ ކޮން ފްލޯއެއްތޯ ބަލަން... އިބާ ފޯނުވެސް ނެގި... އެކަމަކު އިބާއަށް ހުރިތަން ނުބުނެވި އުޅެނިކޮށް ފޯނު ކެނޑުނީ... ދެވަނަ ފަހަރު ގުޅި އިރު ފޯނު އޮތީ ނިއްވާލާފަ... އަހަރެން ދެން ގުޅަންފެށީ އަހަރެންގެ ފޯނަށް. ދޮންބެ ފޯނެއް ނުނަގާ... އަހަރެން އެތަނުގައި ހުއްޓާ ދެމީހަކު އެޕާރޓްމެންޓުން ނުކުތް.. އޭރުވެސް އަހަރެން ދިޔައީ ކެނޑި ނޭޅި ދޮންބެއަށް ގުޅަމުން... އެހެން ހުއްޓާ އެތަނުން ނުކުތް އެކަކު އޭނައަށް ފޯނެއް އައުމުން ކަންފަތުގައި ފޯނު ޖައްސާ ވާހަކަ ދައްކަން ފެށި... އިބާ އޭ ބުނުމުން އެ އަޑަށް އަހަރެން ސަމާލުކަން ދިނީ... އެހެން ހުއްޓާ އެ ވާހަކަތަކުން އިބާ އުޅެނީ ކޮން ފްލޯއެއްގަކަން އެނގުނީ... އަދި އެކަން ކުރީ އެމީހުންގެ ކޮންމެވެސް ޒައިދު ބޮސް އެއްބުނެގެންނޭ ބުނެފަ ބުނީ މިހާރު މިޝަންވެސް ނިންމާލީއޭ... އެވަގުތު އިބާ އާ މެދު ކަންބޮޑުވެފައި ހުރީތީ އަހަރެން އޭނާގެ ފަހަތުން ދާން ނޫޅި އެތެރެއަށް ވަނީ... ދޮންބެ ފޯނު ނެގީ އަހަރެން އައިސް ދޮރު ކުރިމައްޗަށް ހުއްޓުނު ތަނާ.... އޭނަ ދިޔަޔަސް އަދިވެސް އެ ދެމީހުން ފެނިއްޖެއްޔާ އަހަންނަށް އެނގޭނެ އެ މީހުން ވަކިކުރަން..." އަލޫކް ޔަޤީންކަމާއެކު ބުނެލިއެވެ. ނަވީން އޭނާގެ ފޯނު އަލޫކް އަތުން އަތުލަމުން އަލޫކްގެ ފޯނު އަލޫކް އާއި ހަވާލުކުރިއެވެ. އެވަގުތަކީ އަލޫކްއަށް ފޯނެއް އައި ވަގުތެވެ. ބައްޕައަށް ވުމާއެކު އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. ބައްޕަ އެދުނީ ވީ އެންމެ އަވަހަކަށް ގެއަށް އައިސް ދިނުމަށެވެ. ފޯނު ބާއްވަމުން އޭނާ ނަވީންއަށް ބަލާލާ ބައްޕަ ގުޅިވާހަކަ ބުނެލިއެވެ.

"އޯކޭ..." ނަވީން ކުރު ޖަވާބެއް ދިނެވެ. އަލޫކް ދާން އުޅުމުން ނަވީން އެ ހުރިހާކަމެއް ސިއްރުކޮށްދޭން އެދުނެވެ.

"ޑޯންޓް ވޮރީ. އެއްވެސް މީހެއް ގާތު ނުބުނާނަން. އެކަމަކު ދޮންބެ ފަހުން މި ހުރިހާ ކަމެއް އެކްސްޕްލެއިން ކޮށްދޭން ޖެހޭނެ..." އަލޫކްވެސް ވާހަކަ ދެއްކިއެވެ. އެއަށްފަހު އޭނާ ގެއިން ނުކުމެއްޖެއެވެ.

"އިބާ" ނަވީން އިބާއަށް ގޮވާލީ އެތެރޭގައި ކަންތައްވީ ގޮތް ކިޔައިދޭށޭ ބުނާފަދައަކުންނެވެ.

"ނަވީން... މަންމަ.... އެކަނި ބަހައްޓާފައި އަހަރެން ނުކުތީ ކަންމަތީ ފިހާރައަށް...ދިޔައީ ކޮންމެހެން ދާން ޖެހިގެން... އެހެންވެ ނަވީން މަންމަ ގޮވައިގެން ދާން އުޅެފައިވެސް ނަވީން ހިންހަމަ ނުޖެހޭނެތީ އަހަރެން... އަހަރެން ނަވީން މަންމަ ޓީވީ އަޅުވާފައި ސޯފާގައި ބައިންދާފައި ތިރިއަށް ދިޔައީ... ކަންމަތީ ފިހާރައިން ނުކުމެ ގެއަށް ވަންނަން އަންނަނިކޮށް ދެމީހަކު އައިސް އަހަރެންގެ ކުރި ބެއްދީ... އަހަރެން ބިރުން ހުރެވެސް ދުރަށް ދާށޭ ބުނިން... އެމީހުން ދުރަކަށް ނުދިޔަ... އެމީހުން... ޒައި... ނޫން... މީހަކު ބުނެގެން އަހަރެންގެ ފުރާނައަށް ދަހިވެތި ވެގެން އައިކަމަށް ބުނި... އަހަރެންގެ ގައިން ހީބިހި ނަގައިގެންދިޔަ... ހަމައެއާއެކު ދެފައިގައި އުފެދުނު ތުރު ތުރު އެޅުމާއެކު ފަހަތަށް ފިޔަވަޅެއް އަލާލެވުނު... އެހެންނަމަވެސް ދެވަނަ ފަހަރު ހިތްވަރުކޮށްފައި އަހަރެން އަނެއްކާވެސް ގޭތެރެއަށް ވަންނަން އުޅުނިން... މިފަހަރު ވެސް އެމީހުން ކުރި ބެއްދި. ދެމީހުން ދެފަރާތަށް ކޮއްޕާލަމުން އަހަރެން އަވަސް އަވަހަށް ގޭތެރެއަށް ދެމިގަތިން.... ލިފްޓު ނާންނާތީ އަހަރެން ސިޑިން މައްޗަށް އެރީ... އޭރުވެސް އެދެމީހުން އަހަރެންގެ ފަހަތުން އާދޭ... ގެއަށް ވަންނަމުން އަހަރެން ދޮރު ލައްޕަން އުޅުނިން... އެކަމަކު އެމީހުން އައިސް ދޮރު ލެއްޕިޔަކަ ނުދިން... އަހަރެން ދޮރު ލައްޕަން ވަރަށް މަސައްކަތް ކުރިން.. އެންމެފަހުން ދެން ނުވުމުން އަހަރެން ދޮރުފަތުން އަތް ދޫކޮށްލާފައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލިން... އޭރު ނަވީން މަންމަ ސިޓިން ރޫމުގައި އިންކަން އަހަރެންގެ ސިކުނޑިއަކު ނެތް... އަހަރެންގެ ހިތުގައި އެއަށްވުރެ ބިރުވެރިކަން ބޮޑު... އަދި އަހަރެން ނަވީންއަށް ގުޅަން މަސައްކަތްކުރިން... ގުޅުމުން ފޯނު ނެގީ ނަވީންގެ ކޮއްކޮ... އަލޫކް... އަހަރެން ހީކުރީ އަހަރެން ހުރިތަން ނޭނގެޔޭ ކިޔާ ނަވީން ސަމާސާ ކުރަނީކަމަށް... އެހެންވެ އަހަރެން މާބޮޑަށް ކަންބޮޑުވި... ހާސްވެގެން އެހެން އުޅެނިކޮށް ފޯނު ކެނޑުނީ... އަހަރެން ނަވީން މަންމަ މަތިން ހަނދާންވީ ދެން... އެހެން ހުއްޓާ އަހަންނަށް އެމީހުން ގޭތެރެއިން ކޮންމެވެސް އެއްޗެއް ވައްޓައިލި އަޑު އިވުނު... އިތުރަށް ކެތް ނުކުރެވުނީ އަހަރެންގެ ސަބަބުން ނަވީންގެ މަންމައަށް ކަމެއް ވެދާނެތީ... ދޮރު ހުޅުވާލިތަނާ އަނެއްކާވެސް އަހަންނަށް ނަވީންގެ ފޯނެއް އައި... ހުރި ތަނަކާ ބެހޭގޮތުން ސުވާލުކުރި... އަހަންނަށް ޖަވާބު ނުދެވިގެން އުޅެނިކޮށް އެކަކު އައިސް އަހަރެންގެ އަތުން ފޯނު އަތުލާ ފޯނު ނިއްވާލީ... އަހަންނަށް ގޮތް ހުސްވީ. ނަވީން މަންމައަށް ބަލާލިއިރު ނަވީން މަންމަ އިނީ ސޯފާތަކުގެ ކައިރީގައި އިށީނދެގެން... އެކަކު އޭރުވެސް ނަވީން މަންމަ ކައިރީގައި ހުރި. މަންމަ ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ފާރުގައި ޖެހި މަތަވީ. އޭރުވެސް ނަވީންގެ މަންމަ ދިޔައީ ބިރުން ރޫރޫ އަޅަމުން... ... އެއާއެކު އަހަންނަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުމާއެކު އެ ދިމާލަށް ފިޔަވަޅެއް އަޅާލެވުނު. ހަމައެއާއެކު އެކަކު އަހަރެންގެ އަތުގައި ހިފާ އަހަރެން މުށިތަކުގެ މައްޗަށް ވައްޓާލި... އަދި އަހަރެންގެ އަނގައިގައި ހިފި... އެވަރުން އެމީހުން އަހަރެން ދޫކުރީއެއްނޫން... އަހަރެންގެ ކަރުގަ ހިފާ އަނިޔާ ކުރި... ނަވީންގެ މަންމަ ދުރުގައި އެ މަންޒަރު ބަލަން އިން... ނަވީން މަންމައަށް އެމަންޒަރު ނުދެއްކުމަށް އެދި އަހަރެން އާދޭސް ކުރިން... އެކަމަކު.... އެމީހުން ދެވަނަ ފަހަރު އަހަރެން ނެގުމަށްފަހު ކޮއްޕާލި. އެއާއެކު އަހަރެންގެ ބޯ ސޯފާގެ ކަނުގައި ޖެހި ފަޅައިގެން ދިޔަ. ތިންވަނަ ފަހަރު ކޮއްޕާލުމާއެކު ނިތްކުރިމަތި ޖެހި ލޭތައް އޮހިގެން... އޭރު ދިޔަ ބާރުމިނުގައި ތުންފަތްވެސް ޖެހުނު... އެހެންވެ ތުންފަތް ފަޅައިގެން ދިޔައީ... އެމީހުން އަރައިގެން ތިބި ބޫޓޫން އަހަރެންގެ ފައިގައާއި އުނަގަނޑުގައި އެތައް ފަހަރަކު ޖެހި... އަހަރެންގެ ހަބަރު ހުސްވީ އެހެން އޮއްވާ. ދެން ވީނުވީއެއް ނޭނގުނު" އިބާ މަޑުމަޑުން އިނދެ ހުރިހާ ވާހަކައެއް ކިޔާ ނިންމާލިއެވެ. ބައެއްފަހަރު ގިސްލެވި ހުއްޓާލަންވެސް ޖެހެއެވެ. އިބާ ނަވީންއަށް ބަލާލިއެވެ. ނަވީން ވަކި އެއްޗެއްނުބުނެ އިނީ ވިސްނުމަކަށް ގެއްލިފައި އިން ފަދައަކުންނެވެ.

"އައި އެމް ސޮރީ.. އަހަރެން ނަވީން މަންމަ އެކަނި ބައިންދާފައި ކޮޓަރިއަށް ވަދެގެން ނުވާނެ..." އިބާ އިސްޖަހާލަމުން މާފަށް އެދުނު ނަމަވެސް އެކަމަށްވެސް ނަވީން އެއްޗެއް ނުބުނެއެވެ.

ނަވީން ކޮންމެވެސް އެއްޗެއް ބުނެބަލަ..." އިބާ ކަންބޮޑުވެ ދެރަވެސްވިއެވެ. އޭނާ ހީކުރީ ނަވީން އޭނާދެކެ ރުޅި އައީ ކަމަށެވެ.

ވީވެސް އެހެންނެވެ. ނަވީން އިނީ ކުޑަކޮށް ހިންހަމަ ނުޖެހިފައެވެ. ނަވީންގެ މޫނުމައްޗަށް ވެރިވި ކުލަވަރުތައް ދާދި ގާތުން ބަލާލުމާއެކު އިބާއަށް އެކަން އެނގުނެވެ. އޭނާ ދެވަނަ ފަހަރަށްވެސް މާފަށް އެދުނެވެ.

"ތި މީހެއްގެ ސަބަބުން އަހަރެންގެ މަންމައަށް މި ލިބުނީ ކިހާ ބޮޑު ގެއްލުމެއް... ހުދު އިބާއަށްވެސް... އަހަރެން މިކަންތައް ފުލުހުންނަށް ރިޕޯޓް ކުރާނަން..." ނަވީން ބުނެލިއެވެ. އިބާ ސޯފާއިން ތެދުވިއެވެ. އެއަށްފަހު އެއްޗެއް ނުބުނެ އޭނާ ހިނގައިގަތީ މާހިރާގެ ކޮޓަރިއާ ދިމާލަށެވެ.

"އިބާ... އަހަރެން އެހެން ބުނީމަ އެއްޗެއް ނުބުނެ ފިލިޔަކަސް ނުވާނެ... ހަޤީގަތާ ކުރިމަތިލާން ދަސްކޮށްބަލަ" ނަވީން ތަންކޮޅެއް ބާރަށް ބުނެލިއެވެ.

"ނަވީން... އޭނަ ފުލުހުންނަށް ރިޕޯޓް ކުރީމަ މިކަންތައް ނިމޭނެތަ؟ އަހަރެން ކުޑަކޮށް ރެސްޓް ކޮށްލަން ބޭނުން. ފަހުން ވާހަކަ ދައްކަމާ" އިބާ ބޮލުގައި އަތް އަޅާލިއެވެ. އިބާގެ ހާލަތަށް ވިސްނާލާފައި ނަވީން ވެސް އެއްބަސްވިއެވެ. އޭނާ ދެން ނުކުތީ ބެލްކަންޏަށެވެ.

*****

ޖެހިގެން އައި ދުވަހު އަލޫކް އޮފީހަށް ދާން ތައްޔާރުވެގެން ނުކުތްއިރު ނަވީން މާއަވަހަށް އޮފީހަށް ގޮސްފިއެވެ. މިއަދު ބޯޑުގެ ކޮންމެވެސް ބައްދަލުވުމެއް ބާއްވާތީ ބައްޕަވެސް ނިކަން އަވަހަށް އޮފީހަށް ގޮސްފިއެވެ.

މީޓިން ނިންމާލާފައި ޔާސިރު އައިސް ކެބިންއަށް ވަދެ ގޮނޑީގައި އިށީނދެ ހަމަޖެހިލިތާ މާގިނަ އިރެއްނުވެ ދޮރުގައި ޓަކި ޖަހާލިއަޑު އިވުނެވެ. އެތެރެއަށް ވަނީ އެތަނުގައި މަސައްކަތް ކުރާ ކުއްޖެކެވެ. އޭރު އެ ކުއްޖާގެ އަތުގައި ޕާރުސަލެއް އޮތެވެ. ޔާސިރު ކުޑަކޮށް ހައިރާންވެސް ވިއެވެ. އެ ކުއްޖާ އެ ޕާރުސަލް ގެނެސް ޔާސިރުގެ މޭޒުމަތީގައި ބެހެއްޓީ ޔާސިރު އިޝާރާތް ކުރީމައެވެ.

"ޔަގީންތަ މީ އަހަންނަށް ގެންނަންޖެހޭ އެއްޗެއްކަން..." ޔާސިރު ދެބުމަ އެއްފަހަރާ ހިއްލާލަމުން ސުވާލުކޮށްލިއެވެ. އެއާއެކު އެ އަންހެން ކުއްޖާ އޭގައި ލިޔެފައި އިން ނަންކޮޅު ދައްކާލަމުން މިއަދު ހެނދުނު އައި އެއްޗެކޭ ބުނެލިއެވެ. ޔާސިރުވެސް އެހެންހޭ އަހާލަމުން އެ ކުއްޖާއަށް ދިޔުމަށް އިޝާރާތް ކޮށްލިއެވެ. އެ ކުއްޖާ ދިޔުމާއެކު އޭނާ އޭގައި ޖަހާފައި އިން ނަމަށް ބަލާލިއެވެ.

"މިސްޓަރ ޔާސިރު... ދުވަހަކު ހަނދާން ނައްތާނުލެވޭނެ ބޮޑު ސަޕްރައިޒެއް" އިނގިރޭސިން ޖަހާފައިވާ ލިޔުންކޮޅު ކިޔާލުމާއެކު އޭނާގެ ނިތަށް ރޫތައް ގިނަވިއެވެ.

"ކާކު ފޮނުވި އެއްޗެއްބާ... އަނެއްކާ މީހަކު ކުރާ ސަމާސާ އެއްނޫންބާ..." އެ ކަނޑަމުން ޔާސިރު އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ. ޕާރުސަލް ކަނޑާލިއިރު އޭގެ ތެރޭގައި އޮތީ ފްރޭމް އެކެވެ. އޭނާ އެ ފްރޭމްގައިވި އެއްޗެއް ބަލާލިއެވެ. އެއާއެކު އެ ފްރޭމް އަތުން ދޫވެ މޭޒު މައްޗަށް ވެއްޓުނެވެ. ތުރުތުރު އަޅަމުން ދިޔަ އަތަކުން އޭނާ ސިޓީ އުރަ ނަގާ އޭގައި ލިޔެފައި އޮތް އެއްޗެއް ކިޔަން އަވަސް ވެގަތެވެ.

"މާފަންނު ކޮޅުގައި ހުރި ގޭގައި ކަލޭމެން މީގެ އަހަރު ތަކެއްކުރިން ހިންގީ ކޮންފަދަ ނުބައި ޖަރީމާއެއް؟" ސިޓީ އުރައިގެ ތެރޭގައި އޮތް ގަނޑުކޮޅުގައި ކޮށްފައި ވަނީ ހަމަ އެންމެ ސުވާލެކެވެ. ސުވާލުގެ އެއްފަރާތުގައި ހިނިތުންވެފައިވާ މޫނެއް ކުރަހާލާފައި ވެއެވެ. ގަނޑުކޮޅުގެ އަނެއްފަރާތް ބަލާލުމާއެކު އަނެއްކާވެސް ޔާސިރުއަށް ލިބުނީ ޝޮކެކެވެ.

"ލޮލަށް އެ މަންޒަރު ފެނުނު މީހެއް" މިފަހަރުވެސް ލިޔުންކޮޅުގެ އެއްފަރާތުގައި ހިނިތުންވެފައިވާ މޫނެއް ކުރަހާފައިވެއެވެ. ހަމަ ރަނގަޅަށްވެސް އޭނާ ހާސްވިއެވެ. އޭނާ ސިޓީ އުރަ ބާއްވަމުން ވިސްނާލިއެވެ. މިއީ އަނެއްކާ ކާކުގެ ކަމެއްހެއްޔެވެ؟ ޝަކީބު މިކަހަލަ ކަމެއް ކޮށްފާނެހެއްޔެވެ؟ ނޫނެކެވެ. އޭނާ ޝަކީބުއަށް ވާނީ ވަރުގަދަ އިންޒާރެއްދީފައެވެ. އެހެންކަމުން ޝަކީބުއަށް އޭނާއަށް މިފަދަ ހަމަލާތަކެއް ދޭކަށް ނުކެރޭނެއެވެ. ނޫނީ އެއީ އޭނާއަށް ކުރެވޭ ކުށްހީއެއްހެއްޔެވެ؟ ޝަކީބު އުޅެނީ އޭނާއަށް ބިރުދައްކަންހެއްޔެވެ؟ އޭނާ ބިރުގަންނަވަން ހެއްޔެވެ؟ އޭނާ ޝަކީބުއަށް ދިން އިންޒާރުގެ ސަބަބުން ފުރަގަހުގައި ހުރެގެން މޮޅު ކުޅިވަރެއް ކުޅެންހެއްޔެވެ؟ ކުޑަކޮށް ހަރުކަށިވި ފަދައަކުން އޭނާގެ ދެ ކޮނޑަށް ވެސް ހަރަކާތެއް ގެނެސް ފުން ނޭވާއެއް ދޫކޮށްލިއެވެ. އެވަގުތު ކެބިންގައި ޓަކި ޖަހާލުމާއެކު އޭނާ އަވަސް އަވަހަށް އެ އެއްޗެހި ތިރީގައި ބަހައްޓަމުން ހަމަޖެހިލިއެވެ. އެތެރެއަށް ވަނީ ނަވީންއެވެ.

ނަވީން އޭނާ ގެނައި ލިޔެކިޔުންތައް ދައްކާލިއެވެ. އެއާއެކު ޔާސިރު އެ ބަހައްޓާފައި ދާށޭ އަވަސް އަވަހަށް ނަވީން ގާތު ބުނެލިއެވެ.

"ބައްޕާ... ކިހިނެތްތޯ ވީ... ހާދަ ހާސްވީ... ކަމެއް ގޯސްވީތޯ؟" ނަވީން އާދައިގެ ގޮތަކަށް ސުވާލުކޮށްލިއެވެ.

"ކުޑަކޮށް ބޮލުގަ ރިއްސާތީ..." ޔާސިރު ބުނެލިއެވެ. ނަވީންވެސް އިތުރު އެއްޗެއް ނުބުނެ ދޮރާ ދިމާލަށް ހިނގައިގަތެވެ. ނަވީން ނިކުތްތަން ބަލަން އިނދެފައި ޔާސިރު މޭޒުގައި ކުޑަކޮށް ބޯ ޖައްސާލިއެވެ. އެއަށްފަހު ތެދުވަމުން އޭނާ ޝަކީބުއަށް ގުޅާލިއެވެ. ދެފަހަރަކު ގުޅި ތަނާ ޝަކީބު ފޯނު ނަގައިފިއެވެ. އޭނާ ޝަކީބުއާ ވާހަކަދެއްކިއެވެ.

"ކަލޭ މިހާރު އަހަންނަށް ބިރު ދައްކަން ކޮންހާ އެއްޗެއް ތި ފޮނުވަނީ... އަހަރެން ބިރު ގަންނާނެ ކަމަށްތަ؟" ޔާސިރު ފުރަތަމަވެސް އަހާލީ އެހެންނެވެ. ޝަކީބު ކީކޭ ހޭ އަހާލުމަށްފަހު އިތުރު އެއްޗެއް ބުނަން އުޅުނެވެ.

"ކަލޭގެ އަންހެނުންނާ ދަރިން ސަލާމަތްކުރަން ބޭނުންވަންޏާ އަހަންނަށް މި ފަދަ އިންޒާރު ނުދީ އިނގޭ. އަނގަ ބަންދުކޮށްގެން ހުރި ވަރަކުން ކަލޭއަށް ރަނގަޅު ވާނީ..." ޝަކީބުއަށް ވާހަކަ ދައްކަން އިތުރު ފުރުސަތެއް ނުދީ ޔާސިރު ފޯނު ކަނޑާލިއެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން އޭނާ ސިޓީ އުރަ އާއެކު އެ ގަނޑުކޮޅު ވީދާލިއެވެ. އެއަށްފަހު ދެފަރާތަށް ބޯ ހޫރާލިއެވެ. ކޮންމެވެސް ވަރަކަށް ހިތަށް ތަސައްލީއެއް ލިބުނު ނަމަވެސް އަދިވެސް އެއީ އިތުރު މީހަކަށް ވެދާނެތީ އެ ބިރުވެރިކަން ހިތުގައި ވެއެވެ.

އޮފީސް ނިންމާލާފައި ގެއަށް ދިޔުމުގެ ބަދަލުގައި ނަވީން މިއަދުވެސް ދިޔައީ މަންމަ ގާތަށެވެ. މަންމަ ނިދިފަހުން އިބާ އާއި ނަވީން އާއި ދެމީހުން ބެލްކަންޏަށް ނުކުމެލިއެވެ. ޖެހެމުން ދިޔައީ އަރާމު ވައިރޯޅިތަކެކެވެ. އިބާ ހީކަރުވާ ގޮތްވާތީ ދެއަތްމޭގައި ހުރަސްކޮށްލިއެވެ. އިބާއަށް ބަލަން އިރުކޮޅަކު ހުރުމަށްފަހު ނަވީން ވާހަކަ ދައްކަން ފެށިއެވެ. އެއާއެކު އަތުން ރެއިލިންގެ ދަގަނޑުގައި ހިފައްޓާލަމުން ނަވީން ދައްކަން އުޅޭ ވާހަކައަށް އިބާ ސަމާލުވެލިއެވެ.

"އިބާ!... އަހަރެން ބުނިން އިބާއަށް ރައްކާތެރިކަމާއި ހިމާޔަތް ދޭން ބޭނުމޭ..." ނަވީން ވާހަކަ ފެށީ ދުރުދުރުންނެވެ. އޭނާ މަޑުމަޑުން އިބާގެ ކައިރިއަށް ޖެހިލާ ރެއިލިންގެ ދަގަނޑު މަތީގައި ބާއްވާލެވިފައި އޮތް އިބާގެ އަތުގައި މަޑުމަޑުން ހިފައްޓާލިއެވެ.

"އިބާ!... އަހަރެން އިބާ ބޭނުމޭ ބުނެފިއްޔާ... އަހަރެންގާތަށް އަންނާނަންތަ؟" ނަވީން އަހާލިއެވެ. އެއާއެކު އިބާ ސިހިފައި ނަވީންގެ އަތު ތެރެއިން އަތް ދަމައިގަންނަން އުޅުނެވެ. އެކަމަކު ނަވީން އެއަށްވުރެ ހުޝިއާރެވެ.

"އަހަރެންގެ ހަޤީގަތް ނަވީންއަށް އެނގޭތަ؟" އިބާ އިސްޖަހާލަމުން ސުވާލުކުރީ ނަވީން ދެވަނަ ފަހަރުވެސް އޭނާގެ ޖުމްލަ ތަކުރާރުކޮށްލުމާއެކު ގައެވެ.

"އަހަންނަށް ނަވީންގެ ހަޔާތަކަށް އާދެވޭކަށް ނެތް... އަހަރެން..." އިބާގެ އަތުން ނަވީން ދޫކޮށްލުމާއެކު އިބާ ނަވީން އާއި ދުރަށް ޖެހިލިއެވެ. އެއަށްފަހު އެތެރެއަށް ވަންނަން ހިނގައިގަތެވެ.

"އަހަރެން ގައިގައި އިބާއަށް ކަމުނުދާ ސިފައެއް ހުރީތަ؟" ނަވީން ސުވާލުކޮށްލިއެވެ.

"ނޫން... އެކަމަކު..... ނަވީންއަށް އެނގެނީ ކޯންޗެއް އަހަންނާ ބެހޭގޮތުން..." ކުޑަކޮށް މަޑުޖެހިލާ އިބާ ސުވާލުކުރިނަމަވެސް ދެވަނަ ސިކުންތު އޭނާ ފިޔަވަޅުތައް ބާރުކޮށްލިއެވެ. ނަވީންގެ ސުވާލަށް ފިލަން ބޭނުންވެފައިވާ ފަދައަކުންނެވެ.

"އަހަންނަށް އިބާއާ ބެހޭ ވަރަށް ގިނަ އެއްޗެހި އެނގޭ... އިބާ އާ ދިމާކުރަނީ އިބާގެ ކުރީގެ ފިރިމީހާކަންވެސް އެނގޭ... އޭނަ އަކީ މަސްތުވާތަކެތީގެ ބޮޑެއް ކަމާއި ރާއްޖޭގައި ފުޅާދާއިރާއެއްގައި އެކަމުގެ ވިޔަފާރިކޮށް އެ ބޭނުންކުރާ މީހެއްކަން ވެސް އެނގޭ... އެތައް ފަހަރަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރު ކުރެވުނަސް ހެކި ނުލިބޭތީއޭ ކިޔާފައި ކޮންމެ ފަހަރަކު ދޫކޮށްލަނީ..." ނަވީންގެ ޖަވާބުން އިބާ މިފަހަރުވެސް ހުއްޓުން އެރިއެވެ. އެ ހިނދު އޭނާއަށް ހައިރާންވެފައި ނަވީންއާއި ދިމާލަށް ބަލާލެވުނެވެ.

ނަވީންވެސް އިބާ އާއި ކުރިމަތިލިއެވެ.

"ދެން އިތުރަށް ކޯންޗެއް އެނގެންވީ... އަހަރެން އިބާ ގާތު މިހެން މި އަހަނީ އިބާގެ މާޒީ އެނގި ހުރެ... ކީއްވެތަ އަދިވެސް އެކަހަލަ މީހަކު ފުލުހުންނަށް ރިޕޯޓް ކުރަންވެސް ނުކެރިގެން ތިއުޅެނީ... އިބާގެ ހިތުގައި އަދިވެސް އޭނައާ މެދު އިޙްސާސްތަކެއް ވަނީތަ؟ ނޫނީ އަހަރެން ކަމުނުދަނީތަ؟ އިބާއަށްވެސް އެނގެއެއްނު އެމީހުންގެ ސަބަބުންކަން މަންމަގެ ހާލަތު އިތުރަށް ގޯސްވީ... އިބާއަށް އެހާ އަނިޔާ ލިބުނީ... ދެން ކީއްވެ އަދިވެސް އޭނަ ސަލާމަތް ކުރަން ތިއުޅެނީ؟ އޭނަ ދެކެ ލޯބިވާތީތަ އޭނާ ކުރާ ކުށަކަށްވެސް އަދަބުދޭން އިބާ ތިހާ ފަސްޖެހެނީ... އެކަމުން އަމިއްލަ މީހާގެ ނަފްސާއި އެހެން މީހުންނަށް ގެއްލުން ލިބޭކަން އެނގިހުރެ... އެހާ ލޯބި އިބާ އޭނަ ދެކެ..."

"އަހަރެން އޭނަ ސަލާމަތް ކުރަނީއެއްނޫނޭ ނަވީން... އެއީ އަހަރެން ކުރީގެ ފިރިމީހާކަމުގެ އިތުރުން ނަވީންއަށް އެހެން އެއްޗެއް އެނގޭތަ؟" ނަވީންގެ ވާހަކަ ހުއްޓުވާ އިބާ ފުރަތަމަ ފަހަރަށް ވާހަކަދެއްކިއެވެ. ކެތްތެރިކަން ކޮޅުން ލީއެވެ. ޒައިދު އަކީ މި ދުނިޔެއިން އޭނާ އެންމެ ނަފްރަތު ކުރާ މީހާއަށް ވާއިރު އޭނާގެ ހިތުގައި ޒައިދުއަށް ޓަކާ ލޯބި ވެޔޭ ނަވީންގެ ދުލުން ބުނާ އަޑު އަހަން އޭނަ ނުކުޅެދުނީއެވެ. އޭރު އެ އަޑު ކުރެހިގެން ދިޔައެވެ. ނަވީން އޭނާ ގާތަށް ފިޔަވަޅު އަޅަމުން ދިޔަކަން އެނގި ހުރެ މި ފަހަރު އިބާ ފަހަތަށް ޖެހޭކަށް ބޭނުމެއް ނުވިއެވެ.

"ނަވީންއަށް އެނގެނީ ކޯންޗެއް؟ ތިހާ ވަރަށް އޭނައާއި ބެހޭ މައުލޫމާތު އެނގޭ ނަމަ އޭނަ އަހަންނަށް އަނިޔާ ކުރިވަރުވެސް އެނގޭނެތާ ދޯ؟ އަހަރެންގެ ކައިވެންޏަކީ މަޖުބޫރީ ކައިވެންޏެއްކަން ވެސް ނަވީންއަށް އެނގޭނެތާ... އަނިޔާވެރި ފިރިއެއްގެ ވަކި ދަށުގައި އަހަރެން ހޭދަކުރި ކޮންމެ ދުވަހަކީ އަހަންނަށް އެތަކެއް އަނިޔާތަކަކާ ކުރިމަތިލާން ޖެހުނު ދުވަހެއް... ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެތަކެއް އަނިޔާތަކެއް ލިބުނު... ކޮންމެ ދުވަހަކު އަހަރެންގެ ގައިގައި އެތަކެއް ލަކުނެއް އޭނަ ލައްވާ... އަހަރެންގެ ހިތުގައި ނަވީންއާއި މެދު އިޙްސާސްތަކެއް ނެތީމައެއްނޫނޭ އަހަރެން މިހެން ވާހަކަ ދައްކަނީ... ނަވީންއަށް އެނގެނީ އެއީ އަހަރެންގެ ކުރީގެ ފިރިމީހާކަން އެކަނި. ހަޤީގަތުގައި އޭނާއަކީ ކާކުކަމެއް ނޭނގޭނެ! އޭނައާމެދު އަހަރެންގެ ހިތުގައި އޮތް ބިރުވެރިކަމުގެ ފަހަތުގައި ފޮރުވިފައިވާ ހަޤީގީ ސަބަބެއް ނޭނގޭނެ..." އިބާ ވާހަކަ ދެއްކިއެވެ.

"އިބާ ތިބުނަނީ އިބާގެ ހިތުގައިވެސް އަހަންނާ މެދު އިޙްސާސްތަކެއް ވެޔޭތަ؟ ދެން ކޮން ކަމަކާ ބިރުގަންނަނީ... އަހަރެން އިބާ ގާތު އަބަދު ހުރެދޭނަމޭ..." ނަވީން އިބާގެ ދަތްދޮޅިދަށަށް ދެ އިނގިލި ލައްވާލާ އިބާގެ އިސް އުފުލުވާލިއެވެ.

"އަހަރެން ބިރުގަނޭ ނަވީން..." އިބާ ބުނެލިއެވެ.

"ކޮންކަމަކަތަ އިބާ ބިރުގަންނަނީ؟" ނަވީން ސުވާލުކޮށްލިއެވެ. އެ އަޑުގައި އޯގާތެރިކަން ވެއެވެ.

"ނަވީންއާއި ނަވީންގެ މަންމައަށް ގެއްލުމެއް ލިބިދާނެތީ... އަހަރެންގެ ސަބަބުން ވީގޮތް ނިކަން ދެކިބަލަ... ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނީ އަހަންނަށް... އޭނަ ނަވީން އާއި ނަވީން މަންމައަށް ގޮތެއް ހަދައިފިއްޔާ..." އިބާއަށް ހަމަ ރަނގަޅަށްވެސް ރޮވެން ފެށިއެވެ. ވަންނާނޭ ގެއެއްނެތި މަގުމަތި ވެފައި ވަނިކޮށް އޭނާ ގަބޫލު ކުރާ ގޮތުގައި އޭނާއަށް ހިޔާވަހިކަމެއް ފޯރުކޮށްދިނީ ނަވީންއެވެ. އެހީވެދިނީ ނަވީންއެވެ. އެފަދަ މާތް ޒުވާނެއްގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ހުށައަޅަން އޭނާއަށް ކެރޭނެހެއްޔެވެ؟ އެތައް ފަހަރަކު ޒައިދުގެ އިންޒާރުގެ މަތިން ހަނދާންވެއެވެ. އިބާއާއި އެހެން ފިރިހެނަކު ގާތް ވާނަމަ އެ މީހެއްގެ ފުރާނަ ޖަހައިގަންނަންވެސް ފަސްނުޖެހޭނެކަމަށް ޒައިދު އޮތީ ބުނެފައެވެ. ޒައިދު އަކީ އެބުނާ ކަމެއް އެ ބުނާ ގޮތަކަށް ކުރާ ޒުވާނެކެވެ. މީގެކުރިންވެސް އިބާއާ ހެދި އުޅުނު ދެ ކުއްޖަކު ގަޔަށް ވަޅިވެސް ޖެހިއެވެ. އެއްކުއްޖަކު ނިޔާވިނަމަވެސް ދެވަނަ ކުއްޖާ ސަލާމަތްވިއެވެ. އެދެފަހަރުވެސް ހަނި ގޮތަކަށް ކޯޓު މަރުހަލާއިން ޒައިދު ސަލާމަތްވީއެވެ. އެފަދަ މީހެއްގެ އިންޒާރުގެ ސަބަބުން އިބާފަދަ ނިކަމެތި ކުއްޖަކު ބިރުނުގަނެ ހަދާނީވެސް ކިހިނެއް ހެއްޔެވެ؟.

"އިބާ... ހޭ ލުކް އެޓް މީ..." އިބާ ރޯން ފެށުމުން ނަވީންވެސް ކަންބޮޑުވިއެވެ. އޭނާ އިބާއާއި އެތައް ވާހަކައެއް ދެއްކިއެވެ.

"އަހަރެން ދެއްކި ވާހަކައާ ހިންހަމަ ނުޖެހެންޏާ އެއީ އަހަރެން ނުދައްކާ ވާހަކައެއް... އެކަމަކު އިބާ ތިހެން ރުއިން ހުއްޓާލަބަލަ... އައެމް ސޮރީ" ނަވީން ބުނެލިއެވެ.

އިބާ ހަމައަކަށް އެޅިލުމާއެކު ނަވީން ދިޔައީ ބޭރަށެވެ. ނޫޑުލްސް ހަދާފައި ބަހައްޓާފައި އިބާ ވަނީ ކޮޓަރިއަށެވެ. ފެންވަރާ ރީތިވެގެން ނުކުތްތަނާ ނަވީންވެސް އައިސް ގެއަށް ވަދެއްޖެއެވެ. ނަވީން ދިޔަތަނަކާ ބެހޭގޮތުން ކިތަންމެ ސުވާލެއް ކުރަން ބޭނުންވިނަމަވެސް އޭނާ އެކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ނާހައެވެ. ނަވީން ވެސް އޭނާ މިރޭ ނިދާނީ މިކޮޅުގައޭ ބުނެލުން ފިޔަވާ އިތުރު އެއްޗެއް ނުބުނެއެވެ. އެކުގައި ދެމީހުން ކައިގެން އިބާ ވަނީ ކޮޓަރިއަށެވެ. ނިދަން ބޭނުން ނުވުމުން ސޯފާގައި ޖައްސާލާ އޭނާ ސީލިންގަށް ނަޒަރު ހިންގާލިއެވެ. އެހެން އޮއްވާ އިބާގެ ލޮލަށް ނިދި ސަވާރުވީ ކޮން ވަގުތަކު ކަމެއް ނޭނގެއެވެ. މަޑުމަޑުން ދެލޯ މެރެމުން މެރެމުން ގޮސް އެކީ މެރިއްޖެއެވެ.

ނަވީން ވެސް ސޯފާގައި އިނދެފައި ނިދަން ވެގެން ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އެއާއެކު އޭނާގެ ކަންފަތުގައި އިބާގެ ހަޅޭކުގެ އަޑު އަޅައިގެންހެން ހީވިއެވެ. ކޮޓަރީގައި ޓަކި ޖަހާލުމަށްފަހު ވަދެފައި އޭނާ ލައިޓް ދިއްލާލިއެވެ. މާހިރާ އޮތީ ނިދާފައެވެ. މާ ބާރުގަދަ ބޭސްތަކެއް ދޭތީ މިހާރަކަށްއައިސް ގިނަ ވަގުތު އޮންނަނީ ނިދާފައެވެ.

ސޯފާއަށް ބަލާލުމާއެކު ސޯފާމައްޗަށް ދެ ކަކޫ އަރުވާލައިގެން، ދެލޯ ބޮޑުކޮށްލައިގެން އިން އިބާ ނަވީންގެ ލޮލުގައި އަޅައިގަތެވެ. ނިތްކުރިމަތީގައި ދާތިކިތައް ވިދަމުން ދިޔައެވެ.

"އިބާ... ނަވީން އިބާއަށް ގޮވާލަމުން ކައިރިއަށް ހުއްޓުނެވެ. އެ އަޑު އިބާއަށް އިވުނު ހެނެއް ހިޔެއްނުވިއެވެ. މަޑުމަޑުން ސޯފާގައި އިށީނދެ އިބާގެ އަތުގައި ހިފައްޓާލުމާއެކު އިބާ ސިހިފައި ނަވީންއަށް ބަލާލިއެވެ.

"އޭނަ ބުނީ ނަވީން މަރާލާފަ އަހަރެންވެސް މަރާލާނަމޭ... އޭނަ ނަވީން މަރާވެސް ލި... އަހަރެންވެސް މަރާލަން އުޅުނީ..." އިބާ ރޮމުން ވާހަކަ ދެއްކުމާއެކު ވީ ގޮތް ނަވީންއަށް ފަހުމްވިއެވެ. އޭނާ ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުން އިބާގެ ކޮނޑުގައި ދެފަހަރަކު ޖަހާލިއެވެ.

"އެއީ ހުވަފެނެކޭ އިބާ... ދެން އެކަމާ ނުވިސްނާ... ނިދާލާ އިނގޭ..." ނަވީން އިބާއަށް ބަލާލަމުން ބުނެލިއެވެ. އެއާއެކު އިބާ މަޑުމަޑުން ބޯ ޖަހާލިއެވެ.

ނަވީން ނުކުތުމާއެކު އެ ހުވަފެނާމެދު އިބާ ވިސްނާލިއެވެ. ހާދަ އަސްލާއި އެއްގޮތެވެ. ޒައިދު ނަވީންގެ ކަރަށް ވަޅި ހަރާލުމަށްފަހު އޭނާއާއި ދިމާލަށް ދުއްވައިގަތެވެ. އޭނާ ކިތަންމެ ވަރަކަށް ވަށައިގެން ހޯދިއެއްކަމަކު ގަސްބޯ ޖަންގަލި ނޫން ތަނެއް ނުފެނެއެވެ. އޭނާއާއި ހިސާބަށް ޒައިދު އަރާ ހަމަވީތަނާ ސިއްސައިގެން ގޮސް ހޭލެވުނީއެވެ. ފާހާނާއަށް ވަދެ ވުޟޫ ކޮށްލައިގެން ނުކުމެ އިބާ ނިދަން އޮށޯތީ ޝަހާދަތް އަދި ކުރުސިއާއި ނާސި ތިން ސޫރަތްވެސް ކިޔަވައިގެންނެވެ.

*****

ޖެހިގެން އައި ދުވަހުވެސް ޔާސިރުއަށް ސިޓީ އުރައެއް ލިބުނެވެ. އޮފީސް ނިމުނު ގަޑީގައެވެ. މިފަހަރުވެސް ހަމަ އެކަހަލަ ލިޔުންކޮޅެކެވެ.

"ޔާސިރު... މާހިރާގެ ބަދަލުގައި މަރާލީ ކާކުތަ؟" ލިޔުންކޮޅުގައިވި އެއްޗެއް އޭނާ ކިޔާލިއެވެ. އެއާއެކު އަނެއްކާވެސް ހިތް ނުތަނަވަސްވިއެވެ.

*****

އޮފީސްނިންމާލާފައި ދާން އުޅެނިކޮށް ޝަކީބުގެ އަތަށް އޮފީސްކުއްޖަކު ގެނެސްދިން ސިޓީ އުރަ ނަގާ ކަނޑާލިއެވެ. އެއަށްފަހު އޭގެ އެތެރޭގައި އޮތް އެއްޗެއް އޭނާ ބަލާލިއެވެ. އޭފޯ ސައިޒްގަނޑެއް ފަތް ޖަހާފައި އޮތް އިރު ކޮންމެވެސް އެއްޗެއް ލިޔެފައި އޮތެވެ.

"ޔާސިރު އާއި އެއްބައިވެގެން މައުސޫމް ފުރާނަތަކެއް ގެއްލުވާލުމުން ކަލެއަށް ލިބުނީ ކޮންފައިދާއެއް....މިއީ އެ އަމަލު ފެނުނު މީހެއްގެ ފަރާތުން ފޮނުވި ކުޑަ ހަދިޔާއެއް. އުންމީދުކުރަން ހަމަޖެހުން ނަގާލެވުނު ކަމަށް..." ޝަކީބު ވަގުތުން ހާސްވިއެވެ. އޭނާގެ ސިކުނޑިއަށް ވެސް އެވަގުތު އައީ ޔާސިރުގެ ނަމެވެ. މިހާ ދުވަސްފަހުން އެކަން ފެނުނު މީހަކު ނަމަ ބިރުދެއްކުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އަނެއްކޮޅުން އެމީހުން ވާނީ އެކަން ފެނުނު އާތިކާވެސް މަރާލާފައެވެ. ވީއިރު އެކަން ދެން އިތުރަށް އެނގޭނީ ވެސް ވަކި ކާކަށްހެއްޔެވެ؟ ސިކުނޑިއަށް ވެރިވީ ޔާސިރުގެނަމެވެ. ވަގުތުން ފޯނު ނަގާ ޔާސިރުއަށް ގުޅާލިއެވެ.

"ޔާސިރު... ތިހެން އަހަންނަށް ބިރު ދެއްކުމުގެ ބޭނުމަކީ ކޮބާ؟" ޝަކީބު ބުނެލިއެވެ.

"އަހަންނެއް ނޫން ކަލެއަށް ބިރުދައްކަނީ... ފާޑު ފާޑުގެ ސިޓީއުރަ ފޮނުވަން އަމިއްލަ ފެންވަރު އޮޅުނީތަ؟" ޔާސިރު ސުވާލުކޮށްލިއެވެ.

"ޔާސިރު..."

"އިތުރަށް އެއްވެސް އެއްޗެއް އަޑު އަހާކަށް ބޭނުމެއްނޫން... މީ އަހަރެން ކަލެއަށް ދޭނެ އެންމެފަހުގެ އިންޒާރު. މިކަންކަން އިތުރަށް ތަކުރާރުވެއްޖެއްޔާ އަހަރެން ދެން އިންޒާރެއް ނޫން ދޭނީ... އަމަލު ކުރާނީ..." ޔާސިރު ފޯނު ކަނޑާލިއެވެ. ޝަކީބު ހާސްވިއެވެ. ޔާސިރު ކުރީ ދުވަހު ގުޅާފައި ބުނި ވާހަކައާއި މިއަދު އެ ބުނި ވާހަކަވެސް އެބަދިމާވެއެވެ. އަނެއްކާ މިކަން މިކުރަނީ ކާކުހެއްޔެވެ؟ ހަޤީގަތް ދެން އެނގޭނީ ނަވީންއަށެވެ. އެކަމަކު އޭގައި އެކަންތައް ހިނގިގޮތް ފެނުނު މީހެކޭ ލިޔެފައި އެ އޮތީ ކީއްވެހެއްޔެވެ؟ ޝަކީބުގެ ބޯ ހާސްވިއެވެ. އެފަދަ ހިޔާލުތަކެއްގައި ހުރެގެން ގޮސް އޭނާ އޮފީހުން ނުކުތެވެ. އޭރު ކާރު އޮތެވެ. ގޮސް ކާރަށް އެރި މަންޒަރު ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން އިން ޒުވާނެއްގެ ލޮލުގައި އަޅައިގަތެވެ.

"ޝަކީބު...އަތުގައި ހޭކުނު ލޭތައް ސާފުކޮށްލުމަކުން ތި ދެ އަތުން ކުރި މުޑުދާރު އަމަލު ފުހެވިގެނެއް ނުދާނެ... ކޯޓު ލާފަ އިއްޒަތުގައި އެބަ އުޅެވޭދޯ ވަރަށް އަރާމުގަ..." ސައިކަލެއްގައި މަޑުކޮށްލައިގެން އިން އިރު މޫނު ނުފެންނަ ފަދަ ގޮތަކަށް އޭނާ އިނީ ތޮތްޕެއް އަޅާލައިގެންނެވެ. ސައިކަލުގެ ހުންގާނުގެ އަތްގަނޑަށް ބާރުކުރަމުން ދިޔައިރު އެ ޒުވާނާގެ ނަޒަރު ހުއްޓިފައި ހުރީ ޝަކީބުގެ ކާރާ ދިމާލަށެވެ. ހުސް ކަޅު އެއްޗެހީގައި ހުރި އިރު ކާކުކަން ދެނެގަންނާކަށް ނޭނގެއެވެ.

(ނުނިމޭ...)

https://sun.mv/124183

comment ކޮމެންޓް