ސީޕީ އެދިލެއްވީ އަނިޔާކުރި ފުލުހުންނަށް ބޮޑު އަދަބެއް ދޭން

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު -- ސަން ފައިލް ފޮޓޯ

ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން މާރާމާރީ ހިންގައި މީހަކަށް އަނިޔާކުރި މައްސަލައިގައި ސަސްޕެންޑް ކުރި ހަތް ފުލުހުން ޑީމޯޓް ކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމި ނިންމުން، މުރާޖައާ ކުރަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އެންގެވީ އެ އަދަބު ލުއި ކަމަށް ގަބޫލުކުރައްވާތީ ކަމަށް ފުލުހުން ބުނެފި އެވެ.

އަނިޔާކުރި މައްސަލައިގައި ސަސްޕެންޑުކޮށްފައި ވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހަތް ފުލުހެކެވެ.

ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން މައްސަލަ ތަހުގީގު ކުރުމަށްފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން ބޯޑުން ނިންމާފައި ވަނީ ތުހުމަތު ކުރެވޭ ހަތް ފުލުހުން ޑީމޯޓްކޮށް، ވަޒީފާ އަދާކުރާ ޑިޕާޓްމަންޓު ބަދަލުކޮށް، އަހުލާގީ ކުލަ އާއި މެޑަލް އަތުލުމަށެވެ.

ނަމަވެސް ސީޕީ ހަމީދު ވަނީ މި މަހުގެ 11 ވަނަ ދުވަހު ބޯޑުގެ ނިންމުން އިސްތިއުނާފު ކޮމިޓީއަށް ހުށަހަޅުއްވައިފަ އެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ އެ ނިންމުން މުރާޖައާ ކުރެއްވުމަށް ސީޕީ ހުށަހެޅުއްވީ މީގެ ކުރިން އެފަދަ މައްސަލަތަކުގައި އަޅާފައި ހުރި ފިޔަވަޅުތަކާ އަޅާބަލާއިރު އެ ފިޔަވަޅަކީ އެކަށީގެންވާ ވަރަށް ވުރެ ލުއި ފިޔަވަޅެއް ކަމަށް ގަބޫލު ކުރައްވާތީ ކަމަށެވެ.

ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ކަނޑައެޅާ ގަވާއިދުގައިވާ ގޮތުން، ބޯޑުގެ ނިންމުމެއް އިސްތިއުނާފަށް ހުށަހެޅުމުގެ ބާރު ޕޮލިސް ކޮމިޝަނަރަށް ލިބިގެންވެއެވެ.

އެ ގަވާއިދުގައިވާ ގޮތުން މުވައްޒަފެއްގެ މައްޗަށް ޑިސިޕްލިނަރީ ބޯޑުން ކަނޑައަޅާ އަދަބެއް އިސްތިއުނާފު ކުރުމުން، އިސްތިއުނާފު ކޮމެޓީން އެ މައްސަލައެއް ބެލުމަށްފަހު ޑިސިޕްލިނަރީ ބޯޑުން އަދަބު ކަނޑައަޅާފައި ވަނީ ރަނގަޅަށްކަމަށް ފެންނަނަމަ، އެ އަދަބެއް ދެމެހެއްޓުމުގެ ބާރު، އަދި އަބަދު ކަނޑައެޅުމުގައި އިތުރަށް ބަލަންޖެހޭ ކަމެއް ވާކަމަށް ފެންނަނަމަ، އެ މައްސަލައެއް އަލުން ބެލުމަށް އެންގުމުގެ ބާރު އިސްތިއުނާފު ކޮމެޓީއަށް ލިބިގެންވެއެވެ.

މުވައްޒަފެއްގެ މައްޗަށް ޑިސިޕްލިނަރީ ބޯޑުން ކަނޑައަޅާފައިވާ އަދަބެއްގެ ބަދަލުގައި އެ ނޫން އެހެން އަދަބެއް ކަނޑައެޅުމުގެ ބާރު އިސްތިއުނާފް ކޮމެޓީއަށް ލިބިގެންނުވެއެވެ.

އަނިޔާ ކުރި މައްސަލައިގައި ތުހުމަތު ކުރެވޭ ފުލުހުންގެ ސަސްޕެންޝަން މުއްދަތު މިހާރު ހަމަވެފައި ވީނަމަވެސް، އެ ފުލުހުން ވަޒީފާއަށް ނެރެފައެއް ނުވެއެވެ. އަދި މައްސަލައިގައި ގޮތެއް ނިމެންދެން އެ ފުލުހުން ވަޒީފާއަށް ނުނެރޭނެ ކަމަށް ފުލުހުން ބުންޏެވެ.

ހަމައެއާއެކު ހަތް ފުލުހުންގެ މައްޗަށް ކުރި ޖިނާއީ ތަހުގީގު ފުރިހަމަކޮށް، އެ މައްސަލަ މިހާރު ވަނީ ޕީޖީގެ ޑިއުޓީ ޕްރޮސެކިއުޝަން އަށް ފޮނުވައިފައެވެ.

ޑިއުޓީ ޕްރޮސެކިއުޝަން އަކީ މައްސަލަ ޕީޖީ އަށް ފޮނުވުމުގެ ކުރިން، އެ މައްސަލައަކާ މެދު ތަހުގީގީ އިދާރާ އާއި ޕީޖީ އޮފީހާ ދެމެދު މައުލޫމާތު ބަދަލުކޮށް، ލަފާ ދިނުމެވެ. އެއީ ޕީޖީއަށް މައްސަލައެއް ފޮނުވުމުގެ ފުރަތަމަ މަރުހަލާއެވެ.

comment ކޮމެންޓް