އުފެއްދުންތެރި ގައުމަކަށް ރާއްޖެ ހެދުމަށް ނައިބު ރައީސް އިލްތިމާސްކުރައްވައިިފި

ނާއިބު ރައީސް ފައިސަލް ނަސީމް--- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަކީ މުއްސަނދި ސަގާފަތެއް އޮތް، އަދި ފަންނުވެރި ހުނަރުވެރިން ގިނަ ގައުމެއް ކަމަށާއި ރާއްޖެއަކީ އުފެއްދުންތެރި ގައުމަކަށް ހަދަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު، "ފަންނު އެކްސްޕޯ 2019" ލޯންޗް ކުރުމުގެ ގޮތުން މިރޭ ނެޝަނަލް އާޓް ގެލަރީގައި ބޭއްވި ހަފްލާގައި ފައިސަލް ވިދާޅުވީ ފަންނުވެރި އަދި ހުނަރުވެރި މީހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ނަމަވެސް، އެފަދަ ހުނަރުތައް ތަރައްގީ ނުވާކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ފަންނީ މަސައްކަތްތައް ހީނަރުވެފައި އޮންނަނީ އެ މަސައްކަތް ކުރާ މީހުންނަށް އަޅާނުލެވި، އަދި ދޭންޖެހޭ ސަމާލުކަން ނުދެވޭތީ ކަމަށެވެ. އެހެންކަމުން ސްކޫލު ނިޒާމުގެ ތެރެއިންވެސް ކުދިންގެ ކިބައިގައި ފަންނުވެރިކަން އަށަގެންނެވުމަށް ސަރުކާރުން މަސައްކަތްކުރާކަމަށް ނައިބު ރައީސް ފައިސަލް ވިދާޅުވިއެވެ.

އެގޮތުން ފަންނު އެކްސްޕޯ ފަދަ މައުރަޒެއްގެ ތެރެއިން ވަރަށް ގިނަ ފުރުސަތުތައް ފަހިވެގެންދާނެކަމަށާއި، ހުރިހާ އެންމެންވެސް، ހާއްސަކޮށް ޒުވާނުން އެފަދަ ފަހި ފުރުސަތު ތަކުގެ ބޭނުން ހިފައި، ދިރިއުޅުން އާރާސްތުކޮށް، ގައުމުގެ ތަރައްގީއަށް މަސައްކަތް ކުރާ ބަޔަކަށްވުމަށް އަޒުމް ކަނޑައަޅަން ޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ދިވެހީންގެ ތެރޭގައި ހުރި ހުނަރުތައް އަލާކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި، އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ގައުމީވަންތަކަން މުޅި ދުނިޔެއަށް ފެނިގެންދާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ބޮޑަށް އަމާޒު ކަނޑައަޅުއްވާފައިވަނީ ރަނގަޅު ޖީލެއް ބިނާކޮށް ދިވެހި ޒުވާނުންނަކީ ބޭނުންތެރި ބަޔަކަށް ހެއްދެވުމަށް ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ ފަންނު އެކްސްޕޯ މައުރަޒު އަންނަ ނޮވެމްބަރު މަހުގެ 22 އިން 28 ގެ ނިޔަލަށް ދަރުބާރުގެއާއި، ކަލާފާނު ސްކޫލް އަދި ކުޑަކުދިންގެ ބަގީޗާގައި ކުރިޔަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

އެ މައުރަޒަކީ ރާއްޖޭގެ އިގުތިސާދުގައި ހިއްސާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތަކާއި އާ އުފެއްދުންތައް އުފައްދައި ކުރިއަރުވައި އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ، ވަޅުޖެހެމުންދާ ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް ހިތްވަރުދީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި، އާންމުކޮށް އެންމެންނަށް އެއްތާކުން ފެންނާނޭ މާހައުލެއް ގާއިމުކޮށްދިނުމަށް ބޭއްވާ މައުރަޒެކެވެ.

އެ މައުރަޒުގައި 77 ގިންތިއަކުން ތަކެތި ބައިވެރިކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އޭގެ ތެރޭގައި އަތްތެރި މަސައްކަތާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ދަތުރުފަތުރާއި، އިމާރާތްކުރުމާއި، އުފެއްދުންތެރި ކުރެހުމާއި ފަރުމާ ކުރުމާއި، ކާބޯތަކެއްޗާއި، ބަހުގެ އުފެއްދުންތަކާއި، ލަކުޑީގެ އުފެއްދުންތަކާއި، ފެޝަން އެންޑް ޑިޒައިނާއި، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ހިމެނެއެވެ.

comment ކޮމެންޓް