ސާކް ގައުމުތަކުގެ މެދުގައި އިތުބާރާއެކު މަސައްކަތް ކުރެވޭނެ ސިޔާސީ ވެއްޓެއް ގާއިމް ކުރަންޖެހޭ: ރައީސް

އީކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރުން: އަހުމަދު ނާއިފް

ސާކުގެ ގައުމުތައް ކުރިއަރައި ދިޔުމަށް ޓަކައި ސާކުގެ ގައުމުތަކުގެ މެދުގައި އިތުބާރާ އެކު މަސައްކަތް ކުރެވޭނެ ސިޔާސީ ވެއްޓެއް ގާއިމް ކުރަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.

މި ސިޓީގެ ހިތަދޫ އީކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި މިހާރު ކުރިއަށްދާ ސާކް ސަމިޓުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވިދާޅުވީ ސައުތު އޭޝިޔާގެ ގައުމުތަކުގެ ސަރުކާރުތައް ވަރުގަދަވެ ހަރުދަނާ ވަމުންދާތީ ހެޔޮ ވެރިކަމުގެ ނިޒާމު މިހާރަށް ވުރެ ފުނަށް ދާން ޖެހޭ ކަމަށެވެ. އެގޮތުން ކާމިޔާބުކަމާ އެކު ސާކުގެ ޗާޓާ އޮފް ޑިމޮކްރަސީއެއް އެކުލަވާލުމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ޗާޓަރުގެ މަގުސަދަކަކީ ގައުމުތަކުގެ ޑިމޮކްރަސީ ހަރުދަނާ ކުރުން. ރަނގަޅު ވަރުގަދަ މުއައްސަސާތަކެއް ގާއިމް ކުރުން. ބާރުތައް ވަކިވެފައި އޮތުން. ނޫސްވެރިކަން މިނިވަން ކުރުން. ޝަރުއީ ނިޒާމް މިނިވަން ވުން." ރައީސް ވިދާޅުވި އެވެ.

ބޫޓާންގެ، ޓިމްޕޫގައި އެންމެ ފަހުން ބޭއްވި ސާކް ސަމިޓުގައި އިންޑިޔާ އާއި ޕާކިސްތާނުގެ ސުލްހަޔަށް ބާރު އެޅުއްވި ކަމަށާއި އޭގެ 18 މަސް ދުވަސް ފަހުން ސުލްހައިގެ ވާހަކަތައް ފެށިގެންދިޔަކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ މި ސަމިޓުން ވެސް އިންޑިޔާ އާއި ޕާކިސްތާނުގެ ސުލްހަޔަށް މަގުފައިވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އިންޑިޔާ އާއި ޕާކިސްތާނުގެ ޕާޓީތަކުން ސުލްހައިގެ މަސައްކަތްތަކަށް އެއްބާރުލުން ދޭނެކަމަށް އުންމީދު ކުރަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ހެޔޮ ވެރިކަން ކުރިއެރުވުމަށް ސާކުން ކާމިޔާބު ހޯދާފައިވާ ގޮތަށް ސާކުގެ ގައުމުތަކުގެ މެދުގައިހެޔޮވެރިކަމާއި އިންސާނީ ހައްގުތައް ގާއިމްކޮށް ދެމެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ގޮތްތަކެއް ރޭވުމަށް މަޝްވަރާތަކަށް ރައީސް ނަޝީދު ގޮވާލެއްވި އެވެ.

"މިއީ ގޮތެއް ކަނޑައެޅުމުގެ ވަގުތެއް ނޫން. އަޅުގަނޑުމެން (ރާއްޖެއިން ) އެ މެކޭނިޒަމް ގާއިމްކުރުމަށް ގޮވާލަނީ. އެއްބަޔަކު އަނެއް ބަޔަކަށް ފާޑު ކިޔައި އިނގިލި ދިއްކޮށް މާޒީގައި ހިނގާފައިވާ ކަންކަމަށް އެނބުރިދާކަށް ނޫން،" ރައީސް ވިދާޅުވި އެވެ. "އަހަރުމެންގެ ޒިންމާއެއް އެބައޮތް. ރައްޔިތުންގެ ހާލަތު ރަނގަޅުކުރުން،"

ރައީސްގެ ވާހަކަފުޅުގައި ޖިންސުގެ ތަފާތުތައް ނައްތާލުމަށް އިންޑިޕެންޑެންޓް ކޮމިޝަނެއް ގާއިމް ކުރުމަށް ހުށަހެޅުއްވި އެވެ. އަދި އަންހެނުން ބާރުވެރިކުރުވައި އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާތައް ނައްތާލުމަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ސާކުގެ ހިންގުމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ގުޅިފައިވާ އިގުތިސޯދެއް ގައިމް ކުރުމަށް ސަފްޓާގެ އެއްބަސްވުމަށް އަމަލުކޮށް އަދި ސެންސިޓިވް ލިސްޓް ސުމަކަށް ގެނައުމަށް ރާއްޖެ އިން ކުރާ މަސައްކަތުގައި އެއްބާރުލުން ދިނުމަށް ވެސް ގައުމުތަކުގެ ކިބައިން އެމަނިކުފާނު ގޮވާލެއްވި އެވެ.

ރައީސް ވިދާޅުވީ އޭޝިޔާއަށް، އަދި ސައުތު އޭޝިޔާ އަށް މިއަދު ދުނިޔޭގެ ކަޅި ހުއްޓިފައިވާ ކަމަށާއި މިއީ ސައުތު އޭޝިޔާ އަށް ކުރިއަރާ ދިޔުމަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އެކަމަށްޓަކައި ހުރިހާ ގައުމުތަށް ގުޅިގެން މަސައްކަތް ކުރުމަށް އިއުތިމާސްކުރެއްވި އެވެ.

"މި ޤައުމުތަކުގެ ސިޔާސީ ނުފޫޒު މިދަނީ އިތުރަށް ވަރުގަދަވަމުންނެވެ. ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ތަފާތު ކަންތައްތަކަށް ބާރުފޯރުވުމުގެ ޤާބިލުކަން މިވަނީ މީގެކުރިން ނުވާ ވަރަށް ލިބިފައި،" ރައީސް ވިދާޅުވި އެވެ. "ސާކް ޤައުމުތަކުގެ ކުރިއެރުމާއި ތަރައްޤީ ބިނާވެފައިވަނީ، އަވަށްޓެރި ޤައުމުތަކުގެ ވެސް އެހީއާއި އެއްބާރުލުމުގެ މައްޗަށް. މި ސަރަޙައްދުގެ އެއްހިސާބެއްގައި އިޤްތިޞާދީ ދުވެލި މަޑުޖެހިފައިއޮތުން ވެގެންދާނީ، އަނެއް ހިސާބުގެ އިޤްތިޞާދީ ކުރިއެރުން ހީނަރު ކުރުވާނެ،"

އެގޮތުން ވިޔަފާރީގެ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި، ދަތުރުފަތުރުގެގޮތުން މެންބަރު ޤައުމުތައް ގުޅާލުމާއި ކަނޑުފޭރުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަތައް ފަދަ ޤައުމީ ސަލާމަތާ ބެހޭ ކަންކަމުގައި ސަރަހައްދީ އެއްބާރުލުން ގާއިމް ކުރުމަށް އެ މަނިކުފާނު ގޮވައިލެއްވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު