މީޑިއަމް ވޯލްޓޭޖު ކޭބަލް އަށް ސްޓެލްކޯ މުވައްޒަފުން ތަމްރީނުކޮށްފި

މީޑިއަމް ވޯލްޓޭޖް ކަނެކްޝަން އާ ގުޅޭގޮތުން ސްޓެލްކޯގެ މުވައްޒަފުން ތަމްރީންކުރުމަށް ބޭއްވި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެތެރެއިން --- ސަން ފޮޓޯ : އަހުމަދު ޖައިޝަން

މީޑިއަމް ވޯލްޓޭޖު ކޭބަލް ޓާމިނޭޝަން އަދި ޖޮއިންޓިންއާ ގުޅޭ ގޮތުން ސްޓެލްކޯގެ މުވައްޒަފުންތަކެއް ތަމްރީންކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.

އިއްޔެއިން ފެށިގެން މިއަދު ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމުގައި ސްޓެލްކޯގެ އެކި ސެކްޝަންތަކުން 15 މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެ ތަމްރީނު ޕްރޮގްރާމުގެ ބައިވެރިންނަށް ސެޓްފިކެޓު ވަނީ ހަވާލުކޮށްފަ އެވެ.

އެ ރަސްމިއްޔާތަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ މިއަދު ނިމިގެން ދިޔަ އެ ޕްރޮގްރާމަކީ ވަރަށް މުހިއްމު ޕްރޮގްރާމެއް ކަމަށެވެ.

މީޑިއަމް ވޯލްޓޭޖު ކޭބަލް އަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، އެ ޓްރެއިނިން ޕްރޮގްރާމުގައި ވާނީ މީޑިއަމް ވޯލްޓޭޖް ކޭބަލް ޓާމިނޭޝަން އާއި ޖޮއިންޓިން އާ ގުޅޭ ގޮތުން ތިއަރީ ކްލާސްތަކެއް ގެންގޮސްދީފައި ކަމަށް މުޣުނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްޓެލްކޯގެ މުވައްޒަފުންނަށް ތަމްރީން ދިނުމުގެ ގޮތުން ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް އޮތްތަނުގައި ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

ދިވެހިން ޓެކްނިިކަލް ސެކްޓަރުގައި އިތުރަށް ތަމްރީނު ކުރުމަކީ ސްޓެލްކޯގެ އަމާޒެއް ކަމުގައި މުޣުނީ ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް