ނިޔުޔޯކްގައި ރޫހާނީ، ޓްރަމްޕްއާ ބައްދަލުނުކުރާނެ

ރޫހާނީ މިދިޔައަހަރު އދ. ގެ ޖެނެރަލް އެސެމްބްލީގައި ތަގްރީރު ކުރައްވަނީ

ތެހެރާން (ސެޕްޓެމްބަރު 16): އެމެރިކާ ގެންގުޅޭ ހަރުކަށި ސިޔާސަތު ބަދަލުނުކުރަނީސް އެގައުމުގެ ރައީސް ހަސަން ރޫހާނީ، އެމެރިކާގެ ރައީސް ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުނުކުރައްވާނެ ކަމަށް އިރާނުގެ ރަސްމީ މީޑިއާއިން ބުނެފިއެވެ.

ނިއުޔޯކްގައި މި ހަފްތާގައި ފެށޭ އދގެ ޖެނެރަލް އެސެމްބްލީގެ ހަވާސާގައި ޓްރަމްޕާއި ރޫހާނީ ބައްދަލުކޮށްފާނެކަމަށް ވައިޓްހައުސްއިން ބުނުމާ ގުޅިގެން އީރާނުގެ ރަސްމީ ޓީވީން ބުނީ އެކަން ނުހިނގާނެ ކަމަށެވެ. މިކަން ވަނީ އިރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އައްބާސް މޫސަވީވެސް ކަށަވަރުކޮށްދީފައެވެ.

ނިޔުޔޯކްގައި ޓްރަމްޕް، ރޫހާނީއާ ބައްދަލުކުރައްވަފާނެކަމުގެ އަޑުތައް އެމެރިކާގެ މީޑިއާއާއި ވައިޓްހައުސްއިން ފަތުރާފައި ވަނީ އީރާނާ މެދު ޓްރަމްޕްގެ ސަރުކާރުން ގެންގުޅޭ އާދަޔާ ޚިލާފު ހަރުކަށި ސިޔާސަތުގެ އެއް މޭސްތިރީގެ ގޮތުގައި ސިފަކުރެވޭ އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރު ޖޯން ބޯލްޓަން މިދިޔަ ހަފްތާގައި މަގާމުން ދުރުކުރުމާ ގުޅިގެންނެވެ.

ބޯލްޓަން މަގާމުން ދުރުކުރުމަށް ޓްރަމްޕް ނިންމެވީ އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމާމެދު ޓްރަމްޕް ގެންގުޅުއްވާ ވިސްނުމާ ދެކޮޅަށް ފާޅުގައި ބޯލްޓަން މަސައްކަތް ކުރެއްވުމުގެ ސަބަބުން ކަމަށް އެމެރިކާގެ ބައެއް މީޑިއާތަކުން ބުނެފައިވެއެވެ.

ބޯލްޓަން މަގާމުން ދުރުކުރާ ގުޅިގެން އިރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް ވިދާޅުވެފައިވަނީ ހަނގުރާމައާއި ހަރުކަށި އަމަލުތަކަށް ހިތްވަރުދީ އެކަންކުރުމަށް ބަރުއަޅާ ފަރާތްތައް އެމެރިކާ ސަރުކާރުން ބޭރުކުރުމަކީ އެމެރިކާ އެޅި ރަނގަޅު ފިޔަވަޅެއްކަމުގައެވެ. ނަމަވެސް ބޯލްޓަން މަގާމުން ދުރުކުރުމަކީ އެމެރިކާއާއި އިރާނާ ދެމެދު އޮޓޮމެޓިކުން ވާހަކަތައް ފެށޭނެކަމެއް ނޫންކަމަށް ޒަރީފް ވަނީ ވިދާޅުވެފައެވެ.

އިރާނުން އެމެރިކާއާއެކު ވާހަކަތައް ފަށާނީ ކުރިންވެސް އިރާން ޝަރުތުކޮށްފައިވާ ފަދައިން އެމެރިކާއިން އިރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން ކަމަށް ޒަރީފް ވިދާޅުވިއެވެ. އީރާނުގެ ރައީސް ހަސަން ރޫހާނީވެސް ވަނީ މި މޭރުމުން ވާހަކަ ދައްކަވާފައެވެ. (ރޮއިޓާސް)

comment ކޮމެންޓް