މަސްވެރިކަމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

މަސްވެރިކަމުގެ ބިލު ރައީސް މިއަދު ރައީސް ވަނީ ތަސްދީގު ކުރައްވާފައި --

ބަދަލުތަކާ އެކު ރައްޔިތުންގެ މަޖިލީހުން ފާސްކުރި މަސްވެރިކަމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފި އެވެ.

މަސްވެރިކަމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. ބިލު ފާސްކުރީ ޖަލްސާގައި ބައިވެރިވި 55 މެމްބަރުންގެ އިއްތިފާގުންނެވެ.

މި ބިލަށް އަމަލުކުރަން ފަށާތާ 100 ދުވަހުގެ ތެރޭގައި މަސްވެރިންނާއި، ފަޅުވެރިންނާއި، އޮޑިވެރިން އަދި އޮޑިދޯނިފަހަރުގެ މައުލޫމާތު ހިމެނޭ ދަފްތަރެއް އެކުލަވާލަން ޖެހޭނެ އެވެ.

މީގެ އިތުރުން މަސްވެރިކަމުގެ ބާވަތްތައް ކަނޑައެޅުމާއި މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލުމާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރުން މަނާ މަސްވެރިކަމުގެ ބާވަތްތައް ކަނޑައެޅުން ވެސް ބިލުގައި ހިމެނެ އެވެ. އަދި އެކުއަކަލްޗަރ ތަރައްގީކުރުމުގެ އުސޫލުތައް ވެސް މި ބިލުގައި ބަޔާންކޮށްފައިވެ އެވެ.

މަސްވެރިންގެ އިޖްތިމާއީ ރައްކާތެރިކަމާއި ޕެންޝަން ކަށަވަރުކޮށްދިނުމާއި، މަސްވެރިކަމާ ގުޅޭ ތައުލީމާއި ތަމްރީން ހޯދައިދިނުމާއި، މަސްދޯނިފަހަރާއި ބޯޓުފަހަރު ބަނުމުގެ ވިޔަފާރި ފުޅާކުރުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ލިބޭ ގެއްލުން ކުޑަކުރުމަށް މަސައްކަތްކުރުމާއި، އައިންމަތި ދޫނި، ބިސްއަޅާ އާލާވާ ރަށްރަށާއި ފިނޮޅުފަދަ ތަންތަން ހިމާޔަތްކުރުމާއި އެކްޝަން ޕްލޭންތައް ތައްޔާރުކުރުންފަދަ ކަންކަންވެސް މި ބިލުގައި ހިމަނާފައިވެ އެވެ.

އިސްލާހުގައި ހިމެނޭ ކަންކަމުގެ ތެރެއިން އެންމެ ހާއްސަކޮށް ފާހަގަ ކުރެވެނީ މަސް ޕްރޮސެސްކުރާ ތަންތަނާއި، ގޭދޮށު މަސްފެކްޓްރީތަކާއި އައިސްޕްލާންޓްތައް ގާއިމުކުރުމާ ބެހޭ ގޮތުން ހިމަނާފައިވާ ކަންތައްތަކެވެ.

މި ބިލު ތަސްދީގު ކުރުމާ އެކު ކުރިން އަމަލު ކުރަމުން އައި މަސްވެރިކަމުގެ ގާނޫނު މިހާރު ވަނީ އުވިގެން ގޮސްފަ އެވެ.

މަސްވެރިކަމުގެ ބިލު އެޓާނީ ޖެނެރަލްގެ އޮފީހުން އެކުލަވާލާފައި ވަނީ ދުނިޔޭގެ ކާބޯތަކެތީގެ ޖަމިއްޔާ (ޑަބްލިއުއެފްޕީ)އާއި، ފިޝަރީޒް މިނިސްޓްރީގެ ފަންނީ މުވައްޒަފުންގެ އެހީތެރިކަމަކާއެކު އެވެ. މި ބިލު ފާސްކުރީ މަސްވެރިންނާއި އާންމުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުށަހެޅި ހިޔާލުތަކާ އެއްގޮތަށް ބިލު ބަދަލުކުރުމަށް ފަހު އެވެ.

comment ކޮމެންޓް