އިންޑިއާގައި 500 ގުރާ ސްމަގުލް ކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ވެސްޓް ބެންގާލްގައި 500 ގުރާ ސްމަގުލް ކުރަން އުޅުނު ބަޔަކު ވަނީ ހައްޔަރުކޮށްފައި -- ފޮޓޯ: އޭއެންއައި

ދިއްލީ (ސެޕްޓެމްބަރު 16): އިންޑިއާގެ ވެސްޓް ބެންގާލްގައި 524 ގުރާ ސްމަގުލް ކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ވެސްޓް ބެންގާލްގެ ފުލުހުން ބުނި ގޮތުގައި ހޮނިހިރު ދުވަހު ހައްޔަރު ކުރި ދެ މީހުންނަކީ އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ގަވާއިދާ ހިލާފަށް ދޫނި އެތެރެ ކުރާ ގުރޫޕަކަށް ނިސްބަތްވާ މީހުންނެވެ. އަދި އެމީހުން ހައްޔަރު ކުރީ އެސްޓޭޓުގެ ފޮރެސްޓް ޑިޕާޓްމެންޓާއި ވައިލްޑްލައިފް ކްރައިމް ކޮންޓްރޯލް ބިއުރޯއިން ކުރިއަށްގެންދިޔަ އޮޕަރޭޝަނަކަށް ފަހުގަ އެވެ.

އެ ދެ މީހުން ހައްޔަރު ކުރުމަށް ފަހު، އެމީހުން ކޮށިތަކަށްލާ ބަންދުކޮށްފައި ތިބި ގުރާތައް ވަނީ ފޮރެސްޓް ޑިޕާޓްމެންޓާ ހަވާލުކޮށްފަ އެވެ.

ވޯލްޑް ވައިލްޑްލައިފް ފަންޑް (ޑަބްލިއުޑަބްލިއުއެފް)އިން ބުނާ ގޮތުގައި ދުނިޔޭގައި ގަވާއިދާ ހިލާފަށް ކުރާ ވިޔަފާރިތަކުގެ ތެރެއިން ތިން ވަނައަށް އެންމެ ބޮޑު ވިޔަފާރިއަކީ ޖަނަވާރުގެ ވިޔަފާރި ކަމަށް ބެލެވެ އެވެ.

comment ކޮމެންޓް