ކުލަބުތަކުގެ ލޮލުގައި އެޅުވި އަނދުނަށް މިވީ ކިހިނެއް؟

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް---

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބުތަކުގެ މާލީ ހާލަތު ދަށްވެ ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަ ނުދެވުމުގެ މައްސަލަ ބޮޑުވެފައިވާ ކަމުގެ ޝަކުވާ އަނެއްކާވެސް މި ވަނީ ކުލަބުތަކުން ކުރަން ފަށައިފަ އެވެ.

ވޭތުވެ ދިޔަ ސީޒަނުގައި ހިނގާދިޔަ މިފަދަ މައްސަލަތަކެއްގައި ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ކުލަބު ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ފުޓުބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް މިއަހަރު ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އެކުލަބާއި ޖެހިގެން ރާއްޖޭގައި އެންމެ ގިނަ ކާމިޔާބީ ހޯދި ވިކްޓަރީއަށް ވެސް މި ސީޒަނުގައި ބައިވެރިވެވުނީ ހަމަ ކިރިޔަކިރިޔާ އެވެ. އެހެން ނަމަވެސް މިފަހަރުގެ ސީޒަނާއި ކުލަބުތަކުން ކުރިމަތިލި އިރު އެފްއޭއެމާއި ސަރުކާރުން ވަނީ އުންމީދީ އެތައް ވާހަކައެއް ދައްކާފަ އެވެ.

އެކަމަކު މިހާރު މި ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ކުލަބުތައް ހިންގަން ބޭނުންވާނެ ފައިސާ ހުސްވެ ބިކަ ވުމުގެ ސަބަބުން ކޯޗުންނާއި ކުޅުންތެރިން ޓީމު ދޫކޮށްލާ މަންޒަރެވެ. ކުޅުންތެރިންނަށް މުސާރަ ނުދީ ގިނަ ދުވަސްވުމުން ތިބި ކުޅުންތެރިންގެ މޯޓިވޭޝަން ގެއްލި ޕްރެކްޓިހުގައި ވެސް ބައިވެރި ނުވާ އަޑެވެ. މިއީ ލީގު ފެށުމުގެ ކުރިން ކުލަބުތަކުގެ ލޮލުގައި އެޅުވި އަނދުނެއް ނޫނެވެ. އެމީހުންނަށް ދެއްކި ހުވަފެނެއް ނޫނެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މި އަހަރު ކުރީ ކޮޅު ބައްދަލު ކުރައްވާ ކުލަބުތަކަށް ފައިސާ ހަމަޖެއްސުމާ ބެހޭ ގޮތުން ގިނަ ވާހަކަތަކެއް ދައްކަވާފަ އެވެ.

އެ މަޝްވަރާތަކަށް ފަހު އެފްއޭއެމްއިން އޭރު ބުނީ، ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް މިއަހަރު ހަރަދު ކުރުމަށްޓަކައި ސަރުކާރުން ފައިސާ ދޭނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދީފައިވާ ކަމަށެވެ.

ނަމަވެސް ދުވަސްތައް ދިގުލަމުން ގޮސް ސީޒަން ފެށުނު އިރު ވެސް ސަރުކާރުން ދޭން އެއްބަސްވި ފައިސާ ނުލިބުމުން އެފްއޭއެމުން ނިންމީ ސަރުކާރަށް އެ ފައިސާ ހޯދުމަށް ބަރޯސާ ނުވެ ކުރިއަށްދާށެވެ. އެއީ ގިނަ ދުވަސްތަކެއް ވަންދެން ކުރި އިންތިޒާރަށްވެސް ރަނގަޅު ނިމުމެއް އައިސްފައި ނުވާތީ އެވެ.

އެފްއޭއެމުން ކުލަބުތަކަށް ދޭންޖެހޭ ފައިސާ އަންނަނީ ދެމުން ކަމަށް ކުލަބުތަކުން ބުނެ އެވެ. ނަމަވެސް އެ ފައިސާއިން ކުލަބުގެ ހުރިހާ ކުޅުންތެރިންނަށް މުސާރަދީފަ ކުލަބުގެ އެހެނިހެން ހަރަދަށް ފައިސާ ނެތް ކަމަށް ކުލަބު ތަކުން ބުނަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.

"ޓީސީ ސްޕޯޓްސް ކުލަބަށް ކިރިޔާވެސް އެހީއެއް ވެފައި އޮތީ އެފްއޭއެމުން. މި ސަރުކާރުން އަދި އެހެން އެއްވެސް ބައެއްގެ އެހީތެރިކަމެއް ނުލިބި ކުލަބެއް ހިންގުމަކީ ކިހާވަރެއްގެ ކަމެއް ކަން މިހާރު ކުލަބުތައް ހިންގާ މީހުންނަށް އިނގޭނެ." ޓީސީ ސްޕޯޓްސް ކުލަބުން މިދިޔަ ބުދަ ދުވަހުގެ ރޭ ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.

ވޭތުވެ ދިޔަ ސީޒަނުގެ ޗެމްޕިއަންކަން ހޯދި ޓީސީއިން ބުނީ އެކުލަބަށް ވެސް މާލީ ބޮޑެތި މައްސަލަތަކެއް ދިމާވެފައިވުމުން ޓީމުގެ ކުޅުންތެރިންނަށް މުސާރަ ނުދެވޭތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި އިއްޔެ އެ ޓީމުގެ ކޯޗުކަމާއި ހަވާލުވެ ހުރި މުހައްމަދު އާތިފް (އާތީ) ވެސް ވަނީ ޓީމުން އިސްތިއުފާ ދީފަ އެވެ. އޭނާ ޓީމު ދޫކޮށްލުމާ ގުޅިގެން ކުލަބު ދޫކޮށް ދާން ބޭނުންވާ ކުޅުންތެރިން ހުއްޓުވަން މަސައްކަތް ނުކުރާނެކަމަށް ޓީސީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކޯޗު މުހައްމަދު އާދަމް ވެސް ވަނީ އެ ޓީމު ދޫކޮށްލާފަ އެވެ. އޭނާ ބުނި ގޮތުގައި ޓީމުގެ މެނޭޖްމެންޓުން ޓީމު ހިނގުމަށް އެއްބާރުލުމެއް ނުދެއެވެ. އަދި ގެނެސްދެން ބުނި އެއްވެސް ކުޅުންތެރިއެއްވެސް ނުގެނެސްދެ އެވެ. ޓީމުން ބުނިހާ ވެސް އެއްޗަކީ ފައިސާ ނެތީމާ ނުގެނެވުނީ އެވެ.

މިއީ ފުޓުބޯޅައަށް ލޯބި ކުރާ ގިނަ ބަޔަކު ކަންބޮޑުވާންޖެހޭ ވަރުގެ ކަމެކެވެ. ގައުމީ ޓީމުން ބޮޑެތި މެޗުތަކުގައި ނަތީޖާ ނެރުމަށް ނަދުރު ބުނަމުންދާ އިރު ރާއްޖޭގެ ގައުމީ ލީގުގައި ތިބި ކުލަބުތަައް މިދަނީ ގޮތް ހުސްވެ ހާލުގައި ޖެހެމުންނެވެ.

comment ކޮމެންޓް