ކެންސަރުގެ ފަރުވާއަށް ބޭނުންވާ ފަންނީ އެހީތެރިކަން އިންޑިއާއިން ހޯދަނީ

ޖޫން 9، 2019: އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަތުން -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި ދެވޭ ކެންސަރުގެ ފަރުވާގެ ފެންވަރު ރަނގަޅު ކުރުމަށް އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ރީޖަނަލް ކެންސާ ސެންޓަރު (އާރްސީސީ) އިން ރާއްޖެއަށް ފަންނީ އެހީތެރިކަން ދިނުމުގެ އެއްބަސްވުމެއްގައި ދެ ގައުމުން މިއަދު ސޮއިކުރާނެ ކަމަށް އިންޑިއާ ނޫސްތަކުން ބުނެފި އެވެ.

އިންޑިއާ ރިޕޯޓުތައް ބުނާގޮތުން މި އެއްބަސްވުމަކީ މިދިޔަ ޖޫން މަހުގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި، ސިއްހީ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމުގެ ދަށުން ސޮއިކުރެވޭ އެއްބަސްވުމެކެވެ.

"ދިވެހިން އެންމެ ގިނައިން ބޭސްފަރުވާ ހޯދަން އަންނަ މަންޒިލަކީ އަދިވެސް ކެރެލާ. ރާއްޖޭގައި ކެންސަރުގެ ފަރުވާ ރަނގަޅު ކުރުމަށް އާރްސީސީގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމީ ދިވެހި ސަރުކާރުގެ އެދުމަށް،" އިންޑިއާގެ ހެލްތު ޑިޕާޓްމަންޓުގެ އޮފިސަރަކު ވިދާޅުވި ކަމަށް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.

އެ އޮފިސަރާ ހަވާލާދީ ނޫސްތަކުގައި އިތުރަށް ބުނެފައި ވަނީ މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ މަގުސަދަކީ އާރްސީސީގެ ފަންނީ އެހީތެރިކަމާއެކު ރާއްޖޭގައި ކެންސަރަށް ދޭ ފަރުވާގެ ޕްރޮގްރާމްތައް ހިންގުން ކަމަށެވެ.

އަދި ރާއްޖޭގައި ކެންސަރަށް ފަރުވާދޭ މަރުކަޒުތައް ގާއިމުކުރަން އާރްސީސީން ރާއްޖޭގެ ހެލްތު މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ.

އޭގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޑޮކްޓަރުންނާއި، ނަރުހުން، ލެބޯޓްރީ ސްޓާފުންގެ އިތުުރުން ފާމަސިސްޓުންނަށް އާރްސީސީގައި ހާއްސަ ތަމްރީނުތައް ދެވިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

"މި އެގްރީމަންޓުގެ ދަށުން އާރްސީސީގެ ވެލްފެއާ ޕްރޮގްރާމްތަކާއި ސަބް ސެންޓަރުތަކުގެ ވަސީލަތްތަކުގެ ބޭނުން ރާއްޖެއަށް ހިފޭނެ،" އޮފިސަރު ވިދާޅުވިއެވެ.

ރާއްޖެއާ އެކު މި އެއްބަސްވުމުގެ ސަބަބުން އާރްސީސީއަކީ ގައުމީ ފެންވަރުގެ ކެންސަރު ސެންޓަރަކަށް ވުމަށް އެ ސެންޓަރުން ކުރަމުން އަންނަ މަސައްކަތްތަކަށް ފައިދާކުރާނެ އެވެ.

comment ކޮމެންޓް