އިންސާނީ ވަގުފާރި ކުރާ ކަމުގެ ތުހުމަތު 24 ކުންފުންޏަކަށް، މައްސަލަ ބަލަނީ

މާލޭގައި ދިރިއުޅޭ ބިދޭސީންތަކެއް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންސާނީ ވަގުފާރި ކުރާ ކަމަށް ޝައްކު ކުރެވޭ 24 ކުންފުންޏެއްގެ މައްސަލަ ފުލުހުންނާ ގުޅިގެން ބަލަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

ރާއްޖޭގައި އިންސާނީ ވަގުފާރި ކުރުމާއި ގަވައިދާ ހިލާފަށް ވިޔަފާރި ކުރާ ކަމުގެ ތުހުމަތު ކުރެވޭ ދެ ބިދޭސީއަކު މިދިޔަ ހަފްތާގެ ތެރޭގައި އިމިގްރޭޝަނުން ވަނީ ޑިޕޯޓް ވެސް ކޮށްފަ އެވެ. އެއާ އެކު އިންސާނީ ވަގުފާރީގެ މައްސަލަ އަނެއްކާވެސް މިވަނީ ހޫނު ބަހުސަކަށްވެފަ އެވެ.

އިމިގްރޭޝަންގެ ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަ މުހައްމަދު ޝިފާން ވިދާޅުވީ، ޑިޕޯޓު ކުރި ދެ ބިދޭސީންވެސް ފޮނުވާލީ އިމިގްރޭޝަންގެ ގާނޫނާ ހިލާފުވެގެން ކަމަށެވެ. އިމިގްރޭޝަން ގާނޫނުގެ ދަށުން އެޅޭނީ އިދާރީ ފިޔަވަޅުތައްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ޖިނާއީ ތަހުގީގު ހިންގޭނީ ފުލުހުންނަށް ކަމަށެވެ.

ޖިނާއީ ކުށެއްގެ ހެކި ލިބިއްޖެ ނަމަ އިމިގްރޭޝަނުން ފުލުހުންނަށް މައުލޫމާތު ދިނުމުން ފުލުހުން ޖިނާއީ ތަހުގީގު ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ދެ މީހުންނާ ގުޅޭ ޖިނާއީ މައްސަލައެއް ފުލުހުން ބަލަމުންދާ ކަމުގެ މައުލޫމާތު ލިބިފައި ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މީޑިއާގައި ތުހުމަތު ކުރާ އެކި ކަންކަމާ ގުޅިގެން ޖިނާއީ ތުހުމަތުތައް އަޅުގަނޑުމެން ނުކުރަން. ޖިނާއީ ތުހުމަތެއްގައި [އެ ދެ މީހުންގެ މައްސަލައެއް] ތަހުގީގު ކުރާ ކަމުގެ މައުލޫމާތު އިމިގްރޭޝަނަށް ލިބިފަކައި ނެތް،" ޝިފާން ވިދާޅުވި އެވެ. "ފޮނުވާލި އިރުވެސް އެ ދެމީހުންނާ މެދު ޖިނާއީ ތަހުގީގެއް ހިންގާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވޭ،"

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ، ޑިޕޯޓު ކުރި ދެ ބިދޭސީންނާ ގުޅޭ އެއްވެސް މައްސަލައެއް ތަހުގީގު ކުރުމަށް އެއްވެސް އިދާރާއަކުން ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

24 ކުންފުންޏެއްގެ މައްސަލަ އެބަ ބަލާ: އިމިގްރޭޝަން

ޝިފާން ވިދާޅުވި ގޮތުގައި، ޑިޕޯޓު ކުރި ދެ މީހުންގެ މައްސަލަ ވަކިން ނުބެލިކަމުގައިވިޔަސް، ރާއްޖޭގައި އިންސާނީ ވަގުފާރި ހިންގާ ބޮޑެތި ކުންފުނިތަކުގެ މައްސަލަ ދަނީ ބަލަމުންނެވެ. އޭނާ ވިދާޅުވީ، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އެފަދަ 24 ކުންފުންޏެއްގެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ. އަދި އެ މައްސަލަތަކުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ކޯޑިނޭޓު ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

"އިންސާނީ ވަގުފާރީގައި ބައިވެރިވާ ކަމަށް ޝައްކު ކުރެވޭ 24 ކުންފުންޏެއް، އިލީގަލް ރެކްރޫޓު ކުރުމާ. އެ 24 ކުންފުނީގެ މައްސަލަ އަޅުގަނޑުމެން ތަހުގީގު ކުރަމުން މިދަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާ އެއްކޮށް، އޭގައި އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް،" ޝިފާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ 24 ކުންފުނީގެ މައްސަލަތަކުގެ އިތުރުން، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އިތުރު މައްސަލަަތައްވެސް ބަލަން އެބަ ހުރި ކަމަށެވެ.

"އޭގެ އިތުރުންވެސް އެހެން ކޭސްތައް އެބަ ހުރި މޯލްޑިވްސް ޕޮލިސް ސާވިސްއާ އެއްކޮށް ކުރިއަށް ގެންދަން. ޕައިޕްލައިންގައި ރާވާފައި ހުރި މައްސަލަތައް،" ޝިފާން ވިދާޅުވި އެވެ.

ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ދެ ބިދޭސީއަކު ރާއްޖޭގައި ބަހައްޓައިގެން އެ މީހުންގެ މައްސަލަ ތަހުގީގު ކުރުމުގެ ކުރިން އެ ދެ މީހުން ޑިޕޯޓުކޮށްފައި ވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އަދި ކަމުގެ އަޑީގައި ތިބީ ކޮން ބައެއްތޯ ބެލުމަށް ދަނީ ގޮވާލަމުންނެވެ.

comment ކޮމެންޓް