މި ސަރުކާރާ ދެކޮޅު މީޑިއާއެއް ނޯންނާނެ: ނައިބު ރައީސް

ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަދައްކަވަނީ --- ފޮޓޯ/ ރއީސް އޮފީސް

ސަރުކާރު ދެމި އޮތްހާ ހިނދަކު "ސަރުކާރާ އިދިކޮޅު" އެއްވެސް މީޑިއާއެއް ނޯންނާނެކަމަށް ރަޢީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ދެހާސް އަށާރަވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމަށް ރޭ ދަރުބާރުގޭގައި އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ސަރުކާރުގެ ކަންކަމަށް ފާޑު ކިޔާ މީޑިއާތައް އެބަހުރި ކަމަށާއި، ނަމަވެސް ފާޑު ކިޔުމަކީ ނޫސްވެރިންގެ އެނމްެ ބޮޑު ޒިންމާ ކަމަށެވެ. އަދި އެއީ ސަރުކާރާ ދެކޮޅުވުން ކަމަށް ގަބޫލު ނުކުރައްވާކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

"މީޑިއާއަކުން ސަރުކާރަށް ފާޑުކިޔަނީ ސަރުކާރާ ދެކޮޅުވެގެން ކަމަށް ގަބޫލެއް ނުކުރަން. ތިބޭފުޅުންގެ ހިޔާލާއި ފާޑުކިޔުން އަޅުގަނޑުމެން ކިޔައި އަޑުއަހަން. ތިބޭފުޅުން ފާޑު ކިޔަންވާނެ. އެ ފާޑުކިޔުންތަކުގެ އަލީގައި ކަންކަން ރަނގަޅުކުރުމަކީ ސަރުކާރުގެ ޒިންމާއެއް. އަޅުގަނޑުމެން ކުރިއަށް ދާނީ ތިބޭފުޅުންގެ ފާޑު ކިޔުންތަކުގެ އަލީގައި ދައުލަތް ހިންގުމުގެ ކަންކަން އިސްލާހުކުރަމުން،" ނައިބު ރައީސް ފައިސަލް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދުގެ ސަރުކާރު ވެރިކަމަށް އައި އިރު ރާއްޖޭގެ ނޫސްވެރިކަން އޮތީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި، ނޫސްވެރިކަން ވަރަށް ބޮޑަށް ހިފެހެއްޓި ކަސްތޮޅު އެޅުވިފައި އޮތް އިރު ޚިޔާލު ފާޅުކުރުމުގެ މިނިވަންކަންވެސް އޮތީ "އެއްވެސް ވަރަކަށް ނެތޭ ބުނެވޭހާ މިންވަރަށް ހަނިކޮށްފައި" ކަމަށެވެ.

ނައިބު ރައީސް މިދިޔަ އަހަރުގެ ރިޔާސީ ކެމްޕޭނު ތެރޭގައި ނޫސްވެރިންނާ ވަރަށް ގާތުން މަސައްކަތްކުރެއްވި އިރު، ނޫސްވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ދެނެގަނެވިފައިވާ ކަމަށެވެ. އެދުވސްވަރު އަބުރުގެ ގާނޫނުގެ ސަބަބުން ނޫސްވެރިން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި، ނޫސްވެރިންނަށް ދައުވާކޮށް ޖަލަށް ލައި، އަދި ޓީބީ ސްޓޭޝަންތައް ޖޫރިމަނާކުރަމުންވެސް ދިޔަކަން ނައިބު ރައީސް ވިދާޅުވިއެވެ.

"އެކަން އެގޮތަށް އޭރު މެދުވެރިވީ ދައުލަތެއްގެ ހަމަޖެހުމާއި ސަރުކާރެއް ދެމިއޮތުމުގައި ނޫސްވެރިންނަކީ ކިހާ މުހިންމު ބައެއްކަން ނޭނގޭ ބަޔަކު ދައުލަތް ހިންގަން ތިބީމާ،" ކުރީގެ ސަރުކާރަށް އަމާޒުކުރައްވައި، ނައިބު ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދުގެ ސަރުކާރުގައި ތިއްބެވީ ނޫސްވެރިކަމުގެ ހައްގަށާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތުކުރާ ބައެއް ކަމަށެވެ. އަދި ސަރުކާރަށް ނުވަ މަސް ފުރެން ދާ އިރު، ރާއްޖޭގެ ނޫސްވެރިންނަށް ފުރިހަމަ މިނިވަންކަން އެބަ އޮތްކަމަށް ވިދާޅުވިއެވެ.

"އެ މިނިވަންކަން ދިނުމުން ސަރުކާރާށް ލިބުނު އެއްވެސް ގެއްލުމެއް ނެތް. ލިބުނީ ފައިދާ. ނޫސްވެރިންނަށާއި ނޫސްވެރިކަމަށް ސަރުކާރުން މިހާތަނަށް އެއްވެސް ނުރައްކަލެއް ފޯރުވާފައެއް ނޯންނާނެ. އިރާދަކުރެއްވިއްޔާ މި ސަރުކާރުން ދުވަހަކުވެސް ނޫސްވެރިންނަށް ނުރައްކަލެއް ނުފޯރުވާނެ،" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ ދާއިރާގައި މުހިންމު ހިދުމަތްތަކެއް ކުރެއްވި ހަތަރު ބޭފުޅަކަށް މީޑިއާ ކައުންސިލުން ދޭ "ޝަރަފުގެ އަލިމަސް ގަލަން" ރޭ އަނީ އަރުވާފަ އެވެ.

އެ ބޭފުޅުންކަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ޕީއެސްއެމްގެ ކުރީގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު، މިއަދު ނޫހުގެ ބާނީ އަދި ކުރީގެ މިނިސްޓަރު އަހްމަދު އަބްދުﷲ އަދި ލިޔުންތެރިޔާ މަޑުލު މުހައްމަދު ވަހީދެވެ.

comment ކޮމެންޓް