ޖޭޕީ ވަރުގަދަކޮށް ގާސީމް ރިޔާސީ އިންތިހާބަށް ތައްޔާރުވާން ފައްޓަވައިފި

ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާއެއްގައި އެޕާޓީގެ ލީޑަރު ގާސިމް އިބްޜާހިމް: -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔަސް

ޖުމްހޫރީ ޕާޓީއިން 2023 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ވާދަކުރާނެކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީއާ އަލަށް ގުޅުނު މެމްބަރުންތަކެއް ސޮއިކުރުމަށް މިރޭ ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ބައިވެރިވުމެއް ނެތި މިހާތަނަށް އެއްވެސް ސަރުކާރަކަށް ވެރިކަމަށް އާދެވިފައި ނުވާ ކަމަށެވެ.

ގާސިމް ވިދާޅުވީ ވާދަވެރި ދެ ޕާޓީއެއްގެ އިތުރުން ހަމަ އެ ފެންވަރުގައި ތިންވަނަ ބަޔަކުވެސް އޮންނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީ ކޮންމެ ގޮތަކަށް ބެލިއަސް ތިނަކަށްވުރެ ދަށަކާށް ނުދޭ. އެކަކަށް ނުވަތަ ދެވަނައަށްވެސް ނުދާންވީ ސަބަބެއް ނެތް. ތިނެއްގައި އަބަދު އޮތުމުގެ ސަބަބެއްވެސް ނެތް،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ވަނީ ހުރިހާ ޕާޓީތަކަށް ފުރުސަތު ދީފައި ކަމަށާއި، އެއިން ކޮންމެ ފުރުސަތެއްވެސް ދިން ސަރުކާރެއް ވެރިކަން ކުރީ ޖުމްހޫރީ ޕާޓީގެވެސް ބައިވެރިވުމާ އެކުގައި ކަމަށެވެ.

"އެހެންވީމާ 2023 ގައި ޖުމްހޫރީ ޕާޓީންވެސް ރިޔާސީ ކެންޑިޑޭޓެއް ވާޑަކުރާނެ. މި ޕާޓީން ނުކުންނާނެ ރައީސުލްޖުމްހޫރިއްޔާކަމަށް ވާދަކުރަން. އެއީ ދެން ކަށަވަރުކަމެއް. [އެކަމަކު] އެއީ ކާކުކަން، އެއީ އަޅުގަނޑުތޯ ނުވަތަ އެހެން މީހަކުތޯ ކަނޑައަޅާނީވެސް ޕާޓީގެ މެމްބަރުން. އަޅުގަނޑެއް ނޫން،" ގާސިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ބާނީ އަދި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުވެސް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވިނަމަވެސް ވަޑައިގެންނެވީ ތިންވަނައަށެވެ. އެހެންކަމުން ދެވަނަ ބުރުގައި ގާސިމްގެ ތާއީދު ދެއްވި ޕާޓީއެއް ވެރިކަމަށް އައީއެވެ.

ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ އިރު، ގާސިމް މިރޭ ވިދާޅުވީ އޭނާގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ޕާޓީއަށް 30،000 އަށް ވުރެ ގިނަ މެމްބަރުން ހަމަކުރުން ކަމަށެވެ. އަދި އެ ޕާޓީގެ މެމްބަރުންނަށް އިޚްތިޔާރު ލިބޭގޮތަށް ޕާޓީ ރިފޯމްކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން އަންނަ އަޅުގަނޑުމެންގެ ޕާޓީ ކައުންސިލުގެ ބައްދަލުވުމަކަށް ހުށަހަޅަން ގަސްދުކުރަނީ ޕާޓީގެ ލީޑަރުވެސް ހޮވާނީ ރައްޔިތުންގެ ވޯޓަކުންކަން، އަދި ޕާޓީ ކޮންގްރެސްއަކުން ނޫންކަން. އެގޮތަށް ވިސްނާފައި އެ ބަދަލުވެސް ގެންނަން ވަނީ ނިންމާފައި،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ޅަފަތުގައި އޮތް ޕާޓީއެއް ނޫން ކަމަށާއި، އެ ޕާޓީގެ ގޮފިތައް އެކި ރަށްރަށުގައި އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު "ސިޔާސީ ގޮތުން ކުރިއަށް ދާން އެންމެ ފަހި ފުރުސަތު އޮތް ހަމައެކަނި ޕާޓީއަކީ" ވެސް ޖުމްހޫރީ ޕާޓީ ކަމަށެވެ. "އަބަދަކު ތިންވަނައިގައި ނުވަތަ ދެވަނައިގައި ނުތިބޭނެ. އަޅުގަނޑުމެންވެސް އެއްވަނައަށްވެސް ދާންޖެހޭ ދުވަސް އަންނާނެ،"

comment ކޮމެންޓް