ގައުމީ ޕްރެސް ކްލަބެއް ދެ އަހަރު ތެރޭގައި އުފައްދަނީ

ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާއަށް ވަޑައިގެން، ނައިބު ރައީސް ފައިސަލް ނަސީމަށް މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެމްބަރުން މަރުހަބާ ވިދާޅުވަނީ --- ފޮޓޯ/ ރައީސް އޮފީސް

ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ރާއްޖޭގައި ޕްރެސް ކްލަބެއް އުފައްދަން ނިންމާފައިވާކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް މީޑިއާ ކައުންސުލުން ދޭ 2018 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ، ނޫސްވެރިކަން ކުރިއެރުވުމަށްޓަކައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކެއްގެ ވަހަކަތައް ވިދާޅުވެފަ އެވެ. ނައިބު ރައީސް ވިދާޅުވީ މި ކަންކަމަކީ ސަރުކާރުގެ "ހެޔޮ ވެރިކަމުގެ ސިޔާސަތު"ގެ ބައެއް ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ރާއްޖޭގައި މިހާރު ހިނގާ ނޫސްވެރިކަމުގެ ކޯސްތައް ހަރުދަނާކޮށް، އިންވެސްޓިގޭޓިވް ޖާނަލިޒަމް ފުޅާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ.

ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށް ސްކޮލަޝިޕާއި ލޯނުގެ ފުރުސަތުތައްވެސް ކުރިމަގުގައި އިތުރުކުރެވޭނެކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"ކޮންމެ ކަމެއްވެސް ކުރިއަރާނީ އެކަމަކަށް ބޭނުންވާ ތައުލީމާއި ތަމްރީނު ފުޅާކޮށް، އިންސާނީ ވަސީލަތްތައް ތަރައްގީކޮށްގެން،" އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނަށާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ގާނޫނަށް އިސްލާހުތަކެއްވެސް ސަރުކާރުން ހުށަހަޅާނެކަމަށް ވިދާޅުވި އެވެ

އަދި 2021 ވަނަ އަހަރު ނިމުނުގެ ކުރިން ރާއްޖޭގައި ގައުމީ ޕްރެސް ކްލަބެއް ނުވަތަ ނޫސްވެރިންގެ ނާދީއެއްވެސް އުފެއްދުމަށް ސަރުކާރުން ނިންމާފައިވާކަން އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމާ ކުރިއަށް އޮތް އަހަރުތަކަކީ ރާއްޖޭގެ ނޫސްވެރިކަމަށް ވަރަށް ފާގަތި އަހަރުތަކަކަށް ވާނެކަމަށް އުންމީދުކުރަން،" ނައިބު ރައީސް ފައިސަލް ވިދާޅުވި އެވެ.

މީޑިއާ ކައުންސިލުގެ ރައީސް ހިދާޔަތުﷲ ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

އެ ރަސްމިއްޔާތުގައި ވާހަކަދެއްކެވި، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ރައީސް ހިދާޔަތުﷲ ވިދާޅުވީ ޕްރެސް ކްލަބެއް އުފެއްދުމުގެ ހިޔާލު ދެއްވީ މި އަހަރުގެ ފެބްރުއަރީ މަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ.

"ރައީސް ވަނީ މީޑިއާގެ އާއިލާ އެއްތަނަކުން ބައްދަލުވެ މަޝްވަރާކޮށް އުޅެވޭނެ ތަނެއް ނުވަތަ ޕްރެސް ކްލަބެއްގެ މުހިންމުކަން ފާހަގަކުރައްވައި އެ ޚިޔާލު ދެއްވާފައި. ރައީސްގެ އެ ޚިޔާލުފުޅާއެކީގައި ނޫސްވެރިންގެ ނާދީއެއް އުފެއްދުމުގެ މަސައްކަތް މި ކައުންސިލުން ފަށައިގެން ކުރިއަށްދާ ވާހަކަ ދަންނަވާލަން،" ހިދާޔަތުﷲ ވިދާޅުވި އެވެ.

މީޑިއާ ކައުންސިލުގެ ރައީސް ވިދާޅުވީ އެ ކައުންސިލުގެ 2020 ވަނަ އަހަރުގެ ބަޖެޓުގައި ޕްރެސް ކްލަބު އުފެއްދުމަށް ބަޖެޓު ހޯދުމަށް ޖަހާފައިވާ ކަމަށެވެ.

comment ކޮމެންޓް