މަރުހަބާ! ނޫސްވެރިކަމުގެ އެންމެ ހާއްސަ އެވޯޑު ސަންގެ ނަޖާހުއަށް

2018 ވަނަ އަހަރުގެ އެންމެ އުންމީދީ ނޫސްވެރިޔާ ސަންގެ ނަޖާހު މަސްއޫދު އެވޯޑާ ހަވާލުވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރުގެ އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑު ސަން އޮންލައިންގެ ނޫސްވެރިޔާ ނަޖާހު މަސްއޫދަށް ލިބިއްޖެއެވެ.

ދެހާސް އަށާރަވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި، އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑު ހާސިލުކުރި ސަންގެ ނަޖާހު މަސްއޫދަށް އެވޯޑު ހަވާލުކޮށްދެއްވީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ރައީސް ހިދާޔަތުﷲއެވެ.

ނަޖާހުއަށް އުންމީދީ ނޫސްވެރިޔާގެ އެވޯޑު ލިބުނީ ވަގުތު އޮންލައިންގެ ރީއާން ރަޝީދު، ސަންގުޓީވީގެ މާހަތު ހުސައިން ރަޝީދު އަދި އަވަސް އޮންލައިންގެ އަލީ އަފާފް ރަމީޒްއާ ވާދަކޮށްގެންނެވެ.

ދެހާސް ސަތާރަވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރަމުން އަންނަ އުމުރުން 22 އަހަރުގެ ނަޖާހު، ސަން އޮންލައިނާ ގުޅުނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

ގއ. ދާންދޫއަށް އުފަން ނަޖާހުއަކީ ހުރިހާ ދާއިރާއެއްގެ ޚަބަރުވެސް ކުޅަދާނަކަމާއެކު ލިޔެލާ ނޫސްވެރިއެކެވެ. އެހެން ނަމަވެސް އޭނާގެ ޚާއްސަ ދާއިރާތަކަކީ ޝަރުއީ އަދި ސިޔާސީ ދާއިރާއެވެ. އެ ދެ ދާއިރާގެ އިތުރުންވެސް އިޖުތިމާއީ ކަންކަމާއި ތިމާވެށީގެ މައްސަލަތަކާ ގުޅޭ ޚަބަރާއި ރިޕޯޓު އުފެއްދުމަށްވެސް ނަޖާހު ޝައުގުވެރިވެއެވެ.

ދެހާސް ސޯޅަވަނަ އަހަރު ތައާރަފުކުރި އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑު "ސަން"ގެ ނޫސްވެރިއަކަށް ލިބުނު މިއީ ދެވަނަ ފަހަރެވެ. އެ އެވޯޑު ފުރަތަމަ ތައާރަފުކުރި އަހަރު އެވޯޑު ލިބުނީ 2015 ވަނަ އަހަރުގެ އުންމީދީ ނޫސްވެރިޔާގެ މަގާމަށް "ސަން"ގައި މަސައްކަތްކުރި އަހްމަދު ސާއިލް އަލީއަށެވެ. އެއަށްފަހު 2016 ވަނަ އަހަރުގެ އުންމީދީ ނޫސްވެރިޔާގެ އެވޯޑު ލިބުނީ "އަވަސް އޮންލައިން"ގެ މޫސާ ރަޝީދަށް، އަދި 2017 ވަނަ އަހަރު "އަވަސް އޮންލައިން"ގެ ނާޒިމް ހަސަނަށެވެ.

މީގެ އިތުރުން ސަން އޮންލައިނުގެ ލިޔުންތެރިޔާ މުހައްމަދު ޖަވާދު ޔޫސުފަށް މިރޭގެ ޖަލްސާގައި ވަނީ ދިވެހި ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ދޭ އަލިމަސް ގަލަން ލިބިވަޑައިގެންފައެވެ. ޖަވާދަކީ ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރުދިނުމުގެ ގައުމީ އިނާމު، 2018 ވަނަ އަހަރު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ދެހާސް ދިހަވަނަ އަހަރުން ފެށިގެން ސަން އޮންލައިނަށް ބޭރު ދުނިޔޭގެ ޚަބަރުތައް ޖަވާދު ލިޔުއްވަމުން ގެންދަވާ އިރު، އެކިއެކި ނޫސްތަކަށްވެސް ޖަވާދު ލިޔުންތައް ލިޔުއްވާތާ 25 އަށް ވުރެ ގިނަ އަހަރުވެއްޖެއެވެ. ނޫސްތަކަށް ލިޔުއްވުމުގެ އިތުރުން ޓީވީ ޗެނަލްތަކުގައިވެސް ޖަވާދު ގެންދަވަނީ ބޭރު ދުނިޔޭގެ މަސްރަހުގެ މައުލޫމާތުތައް ހުށަހަޅައިދެއްވަމުންނެވެ.

ސަން މީޑިއާ ގްރޫޕުގެ ޗެއާމަން އަހުމަދު ސިޔާމް މުހައްމަދާއި ސީއީއޯ އަދި ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ)ގެ ފަރާތުންނާއި، ސަން މީޑިއާ ގްރޫޕުގެ ހުރިހާ މުވައްޒަފުންގެ ނަމުގައި 2018 ވަނަ އަހަރުގެ އެންމެ އުންމީދީ ނޫސްވެރިޔާ، ސަން އޮންލައިންގެ ނަޖާހު މަސްއޫދަށާއި ނޫސްވެރިކަމުގެ އަލިމަސް ގަލަން ލިބިވަޑައިގެންނެވި މުހައްމަދު ޖަވާދު ޔޫސުފަށް މަރުހަބާ ކިޔަމެވެ.

comment ކޮމެންޓް