ހައްޖަށް މީހުން ފޮނުވުމުގައި ރަނގަޅުކުރަން ޖެހޭ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

ނާއިބު ރައީސް ފައިސަލް ނަސީމް ވަނީ ހައްޖުގެ ކޯޕަރޭޝަނުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ: ރައީސް އޮފީސް

ހައްޖަށް މީހުން ފޮނުވުމުގައި ރަނގަޅުކުރަން ޖެހޭ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުމުގައި ނާއިބު ރައީސް ފައިސަލް ނަސީމް ވަނީ ހައްޖުގެ ކޯޕަރޭޝަނުގެ އިސްވެރިންނާ ބައްދަލުކުރައްވައި ހައްޖުގެ ކަންކަމާބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުމުގައި ފައިސަލް ވަނީ މިއަހަރު ރާއްޖެއިން ހައްޖަށްދިޔަ ހައްޖާޖީންގެ ކަންކަން ވަރަށް ފުރިހަމައަށް އިންތިޒާމުކޮށްދެއްވާފައި ވާތީ ހައްޖު ކޯޕަރޭޝަނަށާއި މީހުން ހައްޖަށް ގެންދިއުމުގައި ހަރަކާތްތެރިވި އެކި ޖަމާއަތްތަކަށް ޝުކުރުވެސް އަދާކުރައްވައިފައެވެ.

އަދި ކުރިޔަށް އޮތް ތަނުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ގެންދިއުމުގައި ދުރާލާ ތައްޔާރީތައް ވުމަށާއި ހައްޖަށް ގެންދިއުމަށް ފުރުސަތު ދިނުމުގައި ބޮޑެތި ބަލިތައް ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ އިސްކަމެއް ދެއްވުމަށް ފައިސަލް އެދިވަޑައިގެންނެވިއެވެ.

އޭގެ އިތުރުން ހައްޖުގެ އަޅުކަން އަދާކުރަންދާ ފަރާތްތަކަށް އަމާޒުކޮށް ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި، ހާއްސަކޮށް އަތޮޅުތަކުގެ ރަށްރަށުގައިވެސް ދުރާލައި ހިންގަވައިދެއްވުމަށް ޙައްޖުކޯޕަރޭޝަނުގެ އިސްވެރިންގެ ކިބައިން ފައިސަލް އެދިވަޑައިގެންނެވިއެވެ.

އެ ބައްދަލުވުމުގައި ޙައްޖުކޯޕަރޭޝަނުގެ ވެރިން ވަނީ ހައްޖުގެ އަޅުކަމަށް މީހުން ފޮނުވުމުގައި އިތުރަށް ރަނގަޅުކުރުމަށް އެ ކޯޕަރޭޝަނުން ބޭނުންވާ ކަންކަން ވަނީ ހިއްސާކޮށްފައެވެ.

އެގޮތުން ހައްޖު ކޯޕަރޭޝަނަށް އިތުރު އާމްދަނީ ލިބޭނެ ގޮތްތައް ހޯދުމުގެ ގޮތުން ވަގުފު އިމާރާތެއް އެޅުމަށް ބިމެއް ބޭނުންވާކަން ވަނީ ފާހަގަކޮށްފައެވެ.

އޭގެ އިތުރުން ހައްޖާޖީންގެ ކަންކަން ވީހާވެސް ފުރިހަމައަށް ކުރިޔަށްގެންދިއުމަށްޓަކައި ސަޢުދީ ސަރުކާރުން ރާއްޖެއަށް އިތުރަށް ދެއްވާ ކޯޓާވެސް ވީހާ އަވަހަށް ހަމަޖެހޭނެގޮތްވުމުގެ މުހިންމުކަމާ އަދި ހައްޖުކޯޕަރޭޝަނުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ބައެއް ކަންކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް