ގޭސްފުޅި ގޮވި ހާދިސާގައި ފިހުނު މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން: އައިޖީއެމްއެޗް

ގޭސްފުޅި ގޮވުމުގެ ހާދިސާ ހިނގި ބެސްޓްލައިން ބޯޓު --

މާލޭ ނޯތު ހާބަރުގައި އޮތް "ބެސްޓް ލައިން" ބޯޓުގައި ގޭސްފުޅިއެއް ގޮވި ހާދިސާގައި ފިހިގެން ސީރިއަސް ހާލަތަށް ދިޔަ ބިދޭސީ މީހާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އައިޖީއެމްއެޗްއިން ބުނެފި އެވެ.

މި މަހުގެ 11 ވަނަ ދުވަހުގެ ރޭ "ބެސްޓް ލައިން" ބޯޓުގައި ގޭސްފުޅިއެއް ގޮވި ހާދިސާގައި ފިހިގެން އަށް މީހަކަށް ފަރުވާ ދިނެވެ. އޭގެ ތެރެއިން ހާލު ސީރިސަސްވި ބިދޭސީ މީހާގެ ހަށިގަނޑުގެ 80 ޕަސެންޓު ވަނީ ފިހިފަ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ސީރިއަސް ހާލަތަށް ދިޔަ ބިދޭސީ މީހާގެ ހާލުވެސް މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި އޭނާ މިހާރު އައިސީޔޫއިން ވޯޑަށް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ގޭސްފުޅި ގޮވި ހާދިސާގައި އެހެން ދެ މީހެއްގެ ހަށިގަނޑުގެ ތިރީހަކަށް ޕަސެންޓު ފިހުނެވެ. އެ ދެ މީހުންގެ ހާލުވެސް މިހާރު ރަނގަޅެވެ.

ބޯޓުގައި ގޭސްފުޅި ގޮވި ހާދިސާ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރި އިރު، ގޭސް ފުޅިތައް މަތީގައި ވަރަށް ގިނަ އަދަދެއްގެ މުދާ ޖަހާފައި ހުރިކަން ފާހަގަވެފައިވާ ކަމަށެވެ. އަދި 83 ގޭސް ފުޅިއެއް ލީކުވެފައި ހުރިކަން ފާހަގަ ކުރެވުނު ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް