ފަލަސްތީނުގެ މައްސަލައިގައި މަޝްވަރާކުރެއްވުމަށް ޝާހިދު ޖިއްދާއަށް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު -- ފޮޓޯ: ފޮރިން މިނިސްޓްރީ

މުސްލިމު މެޖޯރިޓީ އަބާދީ އޮންނަ ގައުމުތަކުގެ ޖަމިއްޔާ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ބައްދަލުވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ޖިއްދާއަށް ވަޑައިގެންފި އެވެ.

ޝާހިދު ޖިއްދާއަށް ވަޑައިގަތީ މިއަދު ފަށާ އޯއައިސީ ކައުންސިލް އޮފް ފޮރިން މިނިސްޓާސް އެކްސްޓްރާ އޯޑިނަރީ މީޓިންގައި ބައިވެރިވެވަޑައިގަތުމަށެވެ.

ޖިއްދާއަށް ފުރާވަޑައިގަންވަމުން މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޯއައިސީގެ ބައްދަލުވުމުގައި ފަލަސްތީނުގެ މައްސަލައާ ގުޅޭ މަޝްވަރާތައް ކުރިއަށް ދާނެ ކަމަށެވެ.

އަދި ފަލަސްތީނުގެ މިނިވަންކަމަށް އެގައުމުން ކުރަމުން އަންނަ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ފަލަސްތީނާއެކު ސާބިތުވެ ތިބޭނެ ކަމަށް ވިދާޅުވި އެވެ.

މިއީ އަންގާރަ ދުވަހު ބާއްވާ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ޖޯޑަން ވެލީ އަކީ އިޒްރޭލުގެ ތަނެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވުމާ ގުޅިގެން އޯއައިސީން ބާއްވާ ކުއްލި ބައްދަލުވުމެކެވެ.

އިސްރާއީލްގެ ގައުމީ ޓީވީން ދެއްކި ތަގުރީރެއްގައި ނަތަންޔާހޫ ވިދާޅުވީ އޭނާގެ ސަރުކާރު ގާއިމު ކުރެވުމާއެކު ޖޯޑަން ވެލީ އާއި ޑެޑް ސީގެ ބައެއް އެގައުމުގެ ބަޔަކަށް ހައްދަވާނެ ކަމަށެވެ.

ޖޯޑަން ވެލީ އާއި ނަދަން ޑެޑް ސީ އަކީ މުޅި ހުޅަނގު އައްސޭރީގެ 30 ޕަސެންޓެވެ. އެސަރަހައްދުގައި ފަލަސްތީނުގެ 65،000 މީހުންނާއި އިސްރާއީލުން ގަވާއިދާ ހިލާފަށް ވަޒަންވެރިކޮށްފައިވާ 11،000 މީހުން ދިރިއުޅެ އެވެ.

comment ކޮމެންޓް