ވަކި ޖަމާއާތް ހަދައިގެން ބިދޭސީން ދީނީ ނަސޭހަތް ދިން މައްސަލައެއް ބަލަނީ

ބިދޭސީން ދަރުސް ދެނީ ކަމަށް ބުނެ ދައުރުވާ ފޮޓޯ: މައްސަލަ ދަނީ ބަލަމުން --

ވަކިން ޖަމާއަތް ހަދައިގެން ބިދޭސީން ހުޅުމާލޭ ގައި ދީނީ ނަސޭހަތް ދިން މައްސަލައެއް އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފި އެވެ.

ނިމިދިޔަ ހަފްތާ ބަންދުގައި ހުޅުމާލެ، ސެންޓްރަލް ޕާކުގައި ބިދޭސީންތަކެއް ދީނީ ނަސޭހަތް ދެނިކޮށް ފޮޓޯތަކެއް ވަނީ ޝޯޝަލް މީޑިއާގައި ދައުރުވެފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، އެ މައްސަލަ އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާ ކަމަށާއި ނަމަވެސް ރޭ މިނިސްޓްރީގެ ސަމާލުކަމަށް އެކަން އައިސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ، މިހާރު އެ މައްސަަލަ ބަލަމުން. މައްސަލަ ބަލައި ނިމުމަށްފަހު، އިތުރަށް އެއްޗެއް ދެންނެވޭނީ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ދީނީ ދަރުސް ދެވޭނީ، އެކަމަށް ހާއްސަ ހުއްދައެއް ނަގައިގެންނެވެ. ހުއްދަ ނުނަގާ ދަރުސް ދިނުމަކީ، މަނާކަމެކެވެ.

ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި 40 އެއްހާ ބިދޭސީން ސެންޓްރަލް ޕާކުގައި އިށީދެންގެން ތިބެ އެވެ. އަދި އެމީހުން ކުރިމަތީ، އެހެން ބިދޭސީއެއް ގޮޑި އަޅައިގެން އެމީހުންނާ ވާހަކަދައްކަމުންދެ އެވެ.

ބިދޭސީންތަކެއް ދަރުސްދޭ މައްސަލައެއް ފެންމަތިވެފައިވާއިރު، ގައިވާއިދާ ހިލާފަށް ރާއްޖޭގައި ބިދޭސީން އުޅޭ މައްސަލަވެސް ވަނީ ވަރަށް ބޮޑު ވެފަ އެވެ. އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ދެލައްކައެއްހާ ބިދޭސީން ރާއްޖޭގައި ދިރިއުޅޭއިރު، 60،000 އަށް ވުރެ ގިނަ ބިދޭސީންއަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނެވެ.

ހަފްތާ ބަންދުގައި އިމިގްރޭޝަނުން ވަނީ، ގަވައިދާ ހިލާފަށް ބިދޭސީން އެތެރެ ކުރާ ދެ "މާސްޓަރުން" ޑީޕޯޓުކޮށްލާފަ އެވެ. އެ މީހުންގެ މައްސަލަތައް ނުބަލާ އެމީހުން ޑީޕޯޓުކޮށްލުމުން އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް