ޑްރަގު މައްސަލަ ހައްލުކުރަން އާ ވިސްނުމެއް ބޭނުންވޭ: ޝިދާތާ

ނޭޝަނަލް ޑްރަގް އޭޖެންސީގެ އޯޕަން ޑޭ ފެށުމުގެ ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވާހަކަދައްކަވަނީ -- ފޮޓޯ/ ޖެންޑާ މިނިސްޓްރީ

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ގެންދަނީ އެ ވިޔަފާރި ކުރުމުގެ ވައްޓަފާޅި ބަދަލުކޮށް، އާ ގޮތްތަކެއް ހޯދަމުންކަމަށާއި މި މައްސަލައާ ކުރިމަތިލުމަށް އާ ވިސްނުމަކާއި ތަސައްވުރެއް ބޭނުންވާ ކަމަށް ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ޑްރަގް އޭޖެންސީގެ އޯޕަން ޑޭ ހުޅުވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝިދާތާ ވިދާޅުވީ މަސްތުވާތަކެތީގެ ސަބަބުން އިޖުތިމާއީ އަދި އިގްތިސާދީ ގޮތުންވެސް ނޭދެވޭ އަސަރުތަކެއް ފޯރަމުންދާ ކަމަށެވެ.

"ދިވެހި އިގްތިސާދުގެ ތެރޭގައި ދައުރުވާ ގިނަ އަދަދެއްގެ ބޭރު ފައިސާ ރާއްޖޭން ބޭރަށް ދިޔުމާއި، ވަގު ވިޔަފާރިއާއި ކަޅު ބާޒާރު ދުވަހެއް ދުވަހަކަށް ފުޅާވުމާއި، ވަޒީފާގެ ބާޒާރަށް ބޭނުންވާ އިންސާނީ ވަސީލަތް އުފެއްދުމަށް ހުރަސް އެޅިގެން ދިއުން ހިމެނޭ،" ޝިދާތާ ވިދާޅުވިއެވެ.

މިނިސްތަރު ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ދައުލަތާއި އަމިއްލަ ޖަމިއްޔާތަކުން މަސައްކަތްކުރަމުން ދާ އިރުވެސް އެތަކެތީގެ ވިޔަފާރިއާއި ބޭނުންކުރުން މުޖުތަމައުގައި ކުރިއަށްދާ ކަމަށެވެ.

"[މިއީ] މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުން އެ ވިޔަފާރި ކުރުމުގައި ގެންގުޅޭ ވައްޓަފާޅި ބަދަލުކޮށް އެ ވިޔަފާރިކުރުމަށް އައު ގޮތްތައް ހޯދަމުންދާކަމުގެ ހެއްކެއް،" އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިކަންކަމާ މެދު ސަމާލުވެ، ހުށިޔާރުވާންޖެހޭ ކަމަށެވެ. އަދި މިނިސްޓަރަށް ފެނިވަޑައިގަންނަވަނީ އެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގައިވެސް ތަފާތު ވިސްނުމެއް ގެންގުޅުންކަމަށްވެސް ވިދާޅުވިއެވެ.

"އީޖާދުވަމުންދާ އާ ގޮތްތަކާ އެއްހަމައެއްގައި އަޅުގަނޑުމެންގެ މަސައްކަތް ވެސް ކާމިޔާބުކުރުމަށްޓަކައި އާ ތަސައްވުރުތައް އެކުލަވައިލައި އާ ޕްލޭންތަކަށް މަސައްކަތްކުރަން ޖެހޭ،"

އެގޮތުން އެންމެ ފުރަތަމަ ކަމަކީ މަސްތުވާތަކެތީގެ ސަބަބުން ތިމާއަށާއި މުޅި މުޖުތަމައަށް ކުރާ އަސަރު އެންމެންނަށް ވިސްނޭނެ ގޮތަކަށް މަސައްކަތް ބައްޓަންކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މީހަކު މަސްތުވާތަކެތި ބޭނުންކުރުމުން އެކަމުގެ އަސަރުކުރަނީ ހަމައެކަނި އޭނާގެ އާއިލާއަށް ނޫން ކަމަށާއި، މުޅި މުޖުތަމައަށް ސީދާ އަދި ނުސީދާ އަސަރު ފޯރާ ކަމަށެވެ.

"ދައުލަތުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ކުރާ ހަރަދު އިތުރުވުމާއި، އަމަން އަމާންކަމަން ބެލެހެއްޓުމާއި ތަހުގީގީ، ތަންފީޒީ އަދި ޝަރުއީ ދާއިރާއަށް ކުރެވޭ ހަރަދު އިތުރުވެގެން ދޭ. އޭގެ ނަތީޖާއަކީ އަސަސީ ހިދުމަތްތައް ފޯޜުކޮށްދިނުމުގައްޔާއި ތަރައްގީގެ މަޝްރޫއުތަކަށް ކުރެވޭ ހަރަދުތައް ވަރަށް ބޮޑަށް ކުޑަވެގެން ދޭ،" ޝިދާތާ ވިދާޅުވިއެވެ.

އެހެންކަމުން މި އަސަރުތަކާ މެދު ކޮންމެ ފަރުދަކުވެސް ވިސްނަންޖެހޭކަމަށް މިނސްޓަރު ވިދާޅުވިއެވެ. އަދި ސަރުކާރުންވެސް ދަނީ މުޖުތަމައުގެ ދައުރު ފުޅާކުރުމުގެ ގޮތުން މަގުތަކެއް ކޮށައި، ސިޔާސަތުތަކެއް އެކަށައަޅަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި ދާއިރާގައި ހުރި މައްސަލަތައް ދެނެގަނެ، އެ ކަންކަން ހަމަ މަގަށް އެޅުވުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްކުރުމުގައި ސަރުކާރު ދެމި އޮންނާނެކަމުގެ ޔަގީންކަން އަރުވަން،" މިނިސްޓަރު ވިދާޅުވިއެވެ.

ނޭޝަނަލް ޑްރަގް އޭޖެންސީން މިއަދު ފެށި އޯޕަން ޑޭ ފެށުމުގެ ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓަރާއި އެ މިނިސްޓްރީގެ އޮފިޝަލުންގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުވެސް ބައިވެރިވެވަޑައިގަތެވެ.

comment ކޮމެންޓް