ޑާކްރެއިންއަށް 13 އަހަރު، ކުރިއަށްވެސް ގިނަ ޕްރޮޖެކްޓްތަކެއް!

ޑާކްރެއިން އެންޓަޓެއިންމަންޓް: ކުރިއަށްވެސް ގިނަ ޕްރޮޖެކްޓްތަކެއް---

ޑާކްރެއިން އެންޓަޓެއިންމެންޓުން ގެނެސްދޭ ކޮންމެ ފިލްމަކީ ވެސް ބެލުންތެރިން ވަރަށް ގަޔާވެގެން ބަލަމުން އަންނަ ފިލްމުތަކެކެވެ. ބެލުންތެރިންގެ ތަރުހީބަކީ އެ ޓީމުގެ ހިތްހަމަޖެހުމެވެ.

ޑާކްރެއިންގެ 13 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރާއިރު އެ ޓީމު ވަނީ ކާމިޔާބާއި ނާކާމިޔާބީއާވެސް ކުރިމަތިލާފައެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި މިވަގުތު އެންމެ ގަދައަށް ވިދާ އެއް ފިލްމު ކުންފުނި ޑާކްރެއިންގެ މާޒީ ވަރަށް ވެސް ބޮޑެވެ. ފަހަކަށް އައިސް އުފައްދާ ކޮންމެ ފިލްމެއްވެސް ބޮޑު ހިޓަކަށް ހަދާލަނީ ބެލުންތެރިން ހެއްވާލާފައެވެ. ދިވެހި ފިލްމީ ދާއިރާ އިތުރަށް ކުރިއަރުވަމުންނެވެ.

މިއަހަރުވެސް އެ ފިލްމު ކުންފުނިން ތައްޔާރުކުރި ދެ ފިލްމެއް ސިނަމާގައި އެޅުވިއެވެ. އެއީ ގޮށްރާޅު އަދި މާމުއިއެވެ. ދެ ފިލްމަކީވެސް ތަފާތު ދެ ޖޯންރާއަކަށް އުފެއްދި ފިލްމެކެވެ. އެ ދެ ފިލްމަށްވެސް ވަނީ ބޮޑު ކާމިޔާބެއް ލިބިފައެވެ.

އެ ޓީމުން އަބަދު ވެސް އަންނަނީ ތަފާތު އުފެއްދުންތަކެއް ބެލުންތެރިންނަށް ގެނެސްދެމުންނެވެ. ކުރިއަށް އޮތީ ޑާކްރެއިންގެ "ނޮވެމްބަރ"އެވެ.

އެ ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައިވަނީ އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލު އެވެ. އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ "ނޮވެމްބަރު"ގެ ޕްރޮޑިއުސަރުންނަކީ މޮގާ އަދި އައިޝަތު ފުއާދެވެ.

ފިލްމުގެ ލީޑު ތަރިންގެ ގޮތުގައި ފެނިގެންދާނީ މަރިޔަމް މަޖުދާއާއި ޖުމައްޔިލް ނިމާލެވެ. އަދި ފިލްމު އިންޑަސްޓްރީގެ ލެޖެންޑަރީ އެކްޓަރު އިސްމާއިލް ވަޖީހުވެސް އެ ފިލްމުން ފެނިގެންދާނެއެވެ.

މޮގާ ބުނީ "ނޮވެމްބަރ"ގެ ޝޫޓިން ކުރިއަށްދާނީ މާލޭގެ އިތުރުން ސިންގަޕޫރުގައި ކަމަށެވެ. އަންނަ އަހަރު ފިލްމުގެ ބެލުންތެރިންނާ ހަމައަށް ފެންނާނެއެވެ.

ޑާކްރެއިންއަށް 13 އަހަރުފުރުމާއެކު ވަނީ ގިނަ ޕްރޮޖެކްޓްތަކެއް އިއުލާންކޮށްފައެވެ.

އެއީ ހޫދު އިބްރާހިމް ލިޔެ އަހްމަދު ޝިނާން ޑައިރެކްޓްކުރާ ފިލްމު "ބަޅިނދު" އެވެ. އަދި މޫމިން ފުއާދު ލިޔާ "ބައިސާ"އެވެ. ޑާކްރެއިނުން ބުނީ އޭގެ އިތުރަށްވެސް ދެ ޕްރޮޖެކްޓެއްގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓްގެ 13 ވަނަ އަހަރު ކަޑައްތު ކުރާއިރު އެ ޓީމުން ވަނީ 12 ފީޗާ ފިލްމު، ހަތަރު ކުރު ފިލްމު، އަށް ޓީވީ ސީރީޒް ހަދާފައެވެ. އަދި އޭގެ އިތުރުން ޑާކްރެއިނުން ވަނީ 51 އެވޯޑް ހޯދައިފަ އެވެ. މިއީ މިހާ ގިނަ އެވޯޑު ހޯދި ފުރަތަމަ ފިލްމު ކުންފުންޏެވެ.

ފިލްމަކަށް ފަހު ފިލްމެއް މެދުކެނޑުމެއް ނެތި ގެނައުމަށް އަމާޒު ހިފާ އެ ޓީމަކީ ފިލްމު އިންޑަސްޓްރީގެ ދިރުމެވެ.

comment ކޮމެންޓް