އެވިޑް ކޮލެޖު ރީބްރޭންޑްކޮށް، 14 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

އެވިޑް ކޮލެޖަށް 14 އަހަރުގެ ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ލީޑިން ޕްރައިވެޓް ކޮލެޖެއް ކަމަށްވާ އެވިޑް ކޮލެޖަށް 14 އަހަރު ފުރިއްޖެއެވެ.

އެވިޑް ކޮލެޖުގެ 14 ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ކޮލެޖުގެ ޑައިމަންޑް ކެމްޕަސް ސަރަހައްދުގައި ރޭ ވަނީ ހާއްސަ ހަފްލާއެއްވެސް ބާއްވައިފައެވެ.

ސާދަވަނަ އަހަރީ ދުވަހާ ދިމާކޮށް، އެ ކޮލެޖުގެ ލޯގޯވެސް ވަނީ ރީބްރޭންޑްކޮށްފައެވެ. ކުރިން އެވިޑް ކޮލެޖުގެ ލޯގޯގެ ގޮތުގައި ބޭނުންކުރި ފެހި ކުލަ ވަނީ ރަން ރީނދޫ ކުލައަށް ބަދަލުކޮށްފައެވެ. އަދި އެވިޑް ކޮލެޖުގެ ޑައިމަންޑް ކެމްޕަސްގެ އިމާރާތުގެ ކުލަވެސް ވަނީ އެ ކުލައަށް ބަދަލުކޮށްފައެވެ.

އެވިޑް ކޮލެޖަށް 14 އަހަރުގެ ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުޝްތާގު ވިދާޅުވީ އެ ކޮލެޖުން ދެން އެންމެ ބޮޑަށް ދެކެން ބޭނުންވަނީ އެވިޑް ޔުނިވާސިޓީއަކަށް ވާނެ ދުވަހެއް ކަމަށެވެ.

އަދި މިހާރުވެސް މަސައްކަތް ކުރަމުންދަނީ އިތުރު ދިރާސާކޮށް ފެންވަރު ރަނގަޅު މަސައްކަތްތަކެއް ކުރަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ވަރަށް ކައިރި މުސްތަގުބަލެއް އަޅުގަނޑުމެން އަމިއްލަ ޓީޗިން ސްޓޭންޑާޑް ގާއިމުކުރާނަން،" މުޝްތާގު ވިދާޅުވިއެވެ.

މުޝްތާގު އެވިޑް ކޮލެޖު ފުރަތަމަ ފަށައިގަތީ އެވިޑް ސެންޓަރުގެ ނަމުގައެވެ. އެ ސެންޓަރު ކޮލެޖަކަށް ބަދަލުވީ 2012 ވަނަ އަހަރުއެވެ.

ރޭގެ ރަސްމިއްޔާތުގައި ވަނީ މަޝްތާގު އެވިޑް ކޮލެޖު ކޮޅަށް ޖެހުމަށް ކުރެއްވި ހީވާގި މަސައްކަތްތަކާއި ދިމާވި ގޮންޖެހުންތައްވެސް ހާމަކޮށްފައެވެ.

އެވިޑް ކޮލެޖަށް 14 އަހަރުގެ ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެގޮތުން އެއްރޭ ހުރިހާ ސާމާނުތަކެއް ކުއްލިއަކަށް ވަގަށް ގެންދިޔުމުން މުޝްތާގުގެ ވިޔަފާރި އަޑިއަޅައިލި ހާދިސާއާއި މުޝްތާގުގެ ދެ ކިޑްނީ ފެއިލްވި ހާދިސާ ފާހަގަކޮށްލެވެއެވެ. އެ ހުރިހާ އޮޅިގަނޑުތަކެއް ގިރާކުުރުމަށް ފަހުވެސް، މުޝްތާގުގެ ލީޑަޝިޕްގެ ދަށުން މިހާރު އެވިޑް ކޮލެޖަކީ ރާއްޖޭގެ އެންމެ ކާމިޔާބު ކޮލެޖުތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ.

މުޝްތާގަށް ވަނީ ރައީސުލްޖުހޫރިއްޔާ ދެއްވާ އެވޯޑާއި ދުނިޔޭގެ އެކިތަންތަކުގެ މަސައްކަތެރިންނަށް އޭއެސްޑީއެފް އިން ދޭ ބެސްޓް އެކަޑެމިކް ޗެއާމަންގެ އެވޯޑް 2017 ވަނަ ލިބިފައެވެ.

comment ކޮމެންޓް