ރާއްޖެ ދަތުރުކުރަމުން ދަނީ ނުރައްކާތެރި މިސްރާބަކަށް: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ފޮޓޯ / ރައީސް އޮފީސް

ދިވެހިރާއްޖެ އަދި ދަތުރުކުރަމުން އަންނަނީ ވަރަށް ނުރައްކާތެރި މިސްރާބަކާ ދިމާލަށްކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިސްކަންދަރު ސްކޫލުގެ 2018 ވަނަ އަހަރު އިނާމުދިނުމުގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ރޭ މިނިސްޓަރު ވިދާޅުވީ، ތައުލީމީ ރޮނގުންނާއި އެހެނިހެން ދާއިރާތަކުން ދިވެހިން ހޯދާފައިވާ ކުރިއެރުންތަކާ މެދު އުފާކުރައްވާ ކަމަށެވެ.

ނަމަވެސް ހަމަ އެއާއެކު، ހިތާމަކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. މީގެ ދެ ތިން އަހަރު ކުރިންް މިނިސްޓަރު އިމްރާން ބަންދުގައި ހުންނެވި އިރު ހާލު ކިހިނެތްތޯ އަހާލުމުން، އެއްވެސް ޖެހިލުމެއް ނެތި، ހުރިހާ ކަމެއް ރަނގަޅު ކަމަށް ވިދާޅުވި ނަމަވެސް، މިހާރު އެހެން ވިދާޅުވާން ކެރިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

"ކީއްްވެ؟ ކޮންމެ ދުވަހަކު ލޯ ކުރިމަތިން ފެންނަ ހުރި ކަންތައްތަކުން. ކޮންމެ ދުވަހަކު ތަޖުރިބާ ކުރަންޖެހޭ ހާލަތްތަކުން. ކޮންމެ ދުވަހަކު ފެންނަ ނިކަމެތި މަންޒަރުތަކުން،" މިނިސްޓަރު ވިދާޅުވިއެވެ.

އިމްރާން ވަނީ ރާއްޖޭގެ އެތައް ހާސް ޒުވާނުންނެއް ތަފާތު ވަބާތަކުގައި ޖެހި، ކުށުގެ ވެއްޓަށް ހުށަހެޅެމުން އަންނަކަން ފާހަގަ ކުރައްވައިފައެވެ.

"ހާއްސަކޮށް ޑްރަގްގެ ނުބައި ވަބާގައި ޖެހި އޭގެ ޝިކާރައަކަށްވެ، އޭގެ ނަތީޖާއެއްގެ ގޮތުން ނުރައްކާތެރި އެތައް ކުށްތަކަކަށް ގޮސް އޭގެ ޝިކާރައަކަށްވެ ހިނގަމުންދާ ހާދިސާތަކަކީ އޭގެ ސަބަބުން އަޅުގަނޑުމެންގެ ގައުމަށް ނުރައްކާތެރި ކަމެއް،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވަނީ ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިން ސަމާލުވުމަށް އިލްތިމާސް ކުރައްވައިފައެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ދިވެހި ޒުވާނުންގެ ނިސްބަތް ބޮޑު ކަމަށާއި، މިއީ ދިވެހިން ހިތާމަކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ސްކޫލުތަކުގެ ހުރިހާ ބޭފުޅުން އަދި ހުރިހާ ބެލެނިވެރިން މިކަމާ ފުންކޮށް ވިސްނަވާ. ގްރޭޑު ހަތެއް، އަށެއްގެ ކުދިން މަސްތުވާތަކެތީގެ ތެރެއަށް ވަދެ، އޭގެ ޝިކާރައަކަށް ވެގެންދާ މަންޒަރު ފެނުމަކީ އަޅުގަނޑުމެންގެ ހިތަށް ކެތްވާވަރުގެ ކަމެއް ނޫން،" އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު އެކަންކަން ވަރަށް ފުޅާ ދާއިރާއެއްގައި ދިރާސާކޮށް ބަލަމުން އަންނަ ކަމަށާއި، މަސްތުވާތަކެތި ޓްރެފިކް ކުރުމާ ހަމައިން ފެށިގެން ގޮސް، ރިހެބިލިޓޭޓްކުރުމާ ހަމައަށް ކަންކަން ބަލަމުން އަންނަ ކަމަށެވެ.

"އަދި ރާއްޖެ ދަތުރުކުރަމުން މިދަނީ، މިސާލަކަށް މީގެ ދިހަ ވަރަކަށް އަހަރު ކުރިއަށް ބެލި ނަމަވެސް، އަދި ދަތުރު ކުރަމުން މިދަނީ ހަމަ ނުރައްކާތެރި މިސްރާބަކާ ދިމާލަށް. އަޅުގަނޑުމެން ކެނޑިނޭޅި ރެޔާ ދުވާލު މަސައްކަތް އެބަ ކުރަން މިކަންކަމުން ސަލާމަތްކުރެވެން ހުރި ހުރިހާ ގޮތަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިހާތަނަށް ބެލި ބެލުމުން މަސްތުވާތަކެތީގެ މައްސަލަ ހައްލުވަމުން އަންނަތައް ނުފެންނަ ކަމަށާއި، އެހެން ނަމަވެސް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމްތައް ކާމިޔާބުވާން ފެށުމުން، ހެޔޮ މަގެއް ފެނިގެންދާނެ އުންމީދު ކުރައްވާ ކަމަށެވެ.

https://sun.mv/124336

މިނިސްޓަރުގެ ވާހަކައިގައި ދިވެހިން އެކި ދާއިރާތަކުން ދުނިޔޭގެ ފެންވަރުގައު ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދަމުން އަންނަކަން ވަނީ ފާހަގަކުރައްވައިފައެވެ. އަދި އެހެންކަމުން ދިވެހިންނަށް މިފަދަ ފުރުސަތުތައް އޮތްކަން ސާބިތުވާކަމަށާއި، ކާމިޔާބީ ހާސިލުކުރަން ބޭނުންވާނަމަ ދެ ދުނިޔެ ބާއްޖަވެރި ކުރެވޭނެ ފަދަ ގޮތަކަށް ތައުލީމީ ނިޒާމު ބައްޓަން ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ކާމިޔާބަކީ ހަމައެކަނި މޮޅު އިލްމެއް ލިބިގެން ހާސިލްވާ ކަމެއް ނޫންކަމަށާއި، މީހާގެ އަހްލާގާއި އުޅުމަކީ ވެސް ކާމިޔާބީގައި ބޮޑު ދައުރެއް އަދާކުރާ ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިސްކަންދަރު ސްކޫލުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ އާއިޝަތު ރަފާ ނާޒިމްއެވެ.

comment ކޮމެންޓް