ވިސާއާ ހިލާފުވި ބަންގްލަދޭޝް މީހަކު ޑީޕޯޓުކޮށްލައިފި

މިރޭ ޑީޕޯޓުކޮށްލި މީހާ -- ފޮޓޯ :އިމިގްރެޝަން

ރާއްޖޭގައި ހުރުމަށް އިމިގްރޭޝަން އިން ދޫކުރި ވިސާއާ ހިލާފުވި ބަންގްލަދޭޝް މީހަކު އިމިގްރޭޝަން އިން ޑީޕޯޓު ކޮށްލައިފި އެވެ.

އިމިގްރޭޝަނުން މިރޭ ބުނީ އަބޫ އަނީފް ނަމަކަށް ކިޔާ ބަންގްލަދޭޝް މީހަކު ރާއްޖޭގައި ހުރުމަށް އިމިގްރޭޝަނުން ދޫކޮށްފައިވާ ހުއްދައިގެ ޝަރުތުތަކާ ހިލާފުވުމުގެ ސަބަބުން އޭނާ އެއާޕޯޓުން ހިފަހައްޓާފައިވާ ކަމަށެވެ. އަދި އެއްވެސް ނޯޓިސް އެއް ދިނުމަކާ ނުލާ ހުއްދަ ބާތިލްކޮށް މިރޭ އޭނާ ޑީޕޯޓުކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ޓޫރިސްޓު ވިސާގައި އައިސް ފިލައިގެން ރާއްޖޭގައި އުޅޭ ބިދޭސިންގެ އަދަދު ވަނީ އިތުރުވެފަ އެވެ. މިރޭ ޑީޕޯޓުކޮށްލި މީހާއަކީ ކޮން މަސައްކަތެއް ކުރަން ރާއްޖެ އައި މީހެއް ކަމެއް އިމިގްރޭޝަނުން ހާމައެއް ނުކުރެ އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ވިދާޅުވީ ނުފޫޒުން އެއްކިބާވެހުރެ ގަވައިދާ ހިލާފަށް އުޅޭ ބިދޭސިން މައްސަލައަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށެވެ.

އިމިގްރޭޝަނުން ރޭވެސް ވަނީ ގަވައިދާ ހިލާފަށް ބިދޭސިން ރެކްރޫޓު ކުރުމުގައި އުޅުނު ބަންގްލަދޭޝްގެ ފިރިހެނަކު ޑީޕޯޓުކޮށްލައިފަ އެވެ. "މާސްޓާ" ކިޔާ ބަންގްލަދޭޝްގެ އެމިހާ އަކީ ގިނަ އަދަދެއްގެ ބިދޭސީންތަކެއް ގަވައިދާ ހިލާފުވުމަށް މެދުވެރިވި ސަބަބެއް ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު ވަނީ ވިދާޅުވެފަ އެވެ.

އިމިގްރޭޝަނުން ބުނީ މިއަހަރުގެ މިހާތަނަށް ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު 11 މީހަކުވެސް ޑީޕޯޓުކޮށްލާފައިވާ ކަމަށެވެ.

comment ކޮމެންޓް