އިސްލާހުތަކުގެ ސަބަބުން އިސްލާމީ ޝިއާރު ފާޅުކުރުމަށް ހުރަސް އެޅޭނެ: އާދަމް ޝަރީފު

އާދަމް ޝަރީފު: އިސްލާޙުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓެރެރިޒަމް މަނާ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުން އިސްލާމީ ޝިއާރު ފާޅުކުރުމަށް ހުރަސް އެޅޭނެ ކަމަށް އިދިކޮޅު، ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އަށް ނިސްބަތްވާ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވަނީ، ދައުރުން ބޭރުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި ޓެރެރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅައި ފުރަތަމަ ކިޔުން އިއްވައިފަ އެވެ.

އާދަމް ޝަރީފު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޓެރެރިޒަމް ގާނުނަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމަނާފައިވާ ބައެއް އިސްލާހުތަކާ މެދު ކަންބޮޑު ވާ ކަމަށެވެ. ޓެރެރިޒަމް އާއި ހައްދުފަހަނަ އެޅުމާ ގުޅޭ ގޮތުން ސަރުކާރުން ގެންގުޅެނީ ރާއްޖެ ބަދުނާމްވާނެ ސިޔާސަތެއް ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.

"ޓެރެރިޒަމް މާނާ ކުރުމުގެ ގާނޫނަށް ހުށަހަޅާފައިވާ ބައެއް އިސްލާހުތަކުގެ ސަބަބުން ރާއްޖޭގައި އިސްލާމީ ޝިއާރު ފާޅު ކުރުމަށް ހުރަސް އެޅޭނެ. މިކަމާ އިންތިހާއަށް ކަންބޮޑުވޭ." ކުރީގެ ޑިފެންސް މިނިސްޓަަރު އާދަމް ޝަރީފު ވިދާޅުވި އެވެ.

ޓެރެރިޒަމް މަނާ ކުރާ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައިވާ ގޮތުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމަކީ، ގާނޫނީ ކުށެކެވެ. އަދި އެފަދަ ހިޔާލެއް ފާޅުކޮށް، ނުވަތަ ޓެރެރިސްޓް ހަރަކާތަކަށް ހިތްވަރު ދިނުމަކީ ވެސް ކުށެކެވެ.

ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރެއް ކަމަށް ނުވަތަ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ އަންނައުނެއް އާންމު ތަނެއްގައި ލުމާއި އެފަދަ ދޭހައެއްވުން އެކަށީގެންވާ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ބަޔަކަށް ފެންނާނެ ގޮތަށް ގެންގުޅުން ނުވަތަ ބޭނުން ކުރުމަކީ، ވެސް މަނާ ކަމެއްގެ ގޮތުގައި ބިލުގައި ވަނީ ކަނޑައަޅައިފަ އެވެ.

ބިލުގައި ވަނީ ޓެރެރިޒަމް ވަރަށް ފުޅާ މިނެއްގައި މާނަކޮށްފަ އެވެ. އަދި ޓެރިޒަމް ހުއްޓުވުމުގެ ގޮތުން އިތުރު ކުށްތަކެއް ބިލުގައި ވަނީ ކަނޑައަޅައިފަ އެވެ. މީގެ އިތުރުން ފުލުހުންނަށް ވެސް ވަނީ އެ ބިލުގައި ގިނަ ބާރުތަކެއް ދީފަ އެވެ.

ބިލުގެ ފުރަތަމަ ކިޔުން މިދިޔަ ބުރާސްފަތި ދުވަހު އިއްވި އިރު، މަޖިލިސް ގަވައިދުގައިވާ ގޮތުން ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމަށް ފަހު، އެ ބިލެއްގެ އިބްތިދާއީ ބަހުސް ބޭއްވޭނީ، ފަސް ދުވަސް ފަހުން ކަމަށެވެ. ނަމަވެސް ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރުން އެއްބަސްވާ ނަމަ ތިން ދުވަސް ތެރޭ އިބްތިދާއީ ބަހުސް ބޭއްވިދާނެ ކަމަށް ގަވައިދުގައި ބުނެ އެވެ. މަޖިލިސް ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ، ބިލުގެ އިބްތިދާއީ ބަހުސް ތިން ދުވަސް ތެރޭ ބޭއްވުމަށް ޕީޖީ ލީޑަރުންނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް