މަރާމާތަށް މާލޭ ހުކުރު މިސްކިތް ކުއްލި ގޮތަކަށް ބަންދުކޮށްފި

ހުކުރު މިސްކިތުގައި ބަޔަކު ވުޟޫކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި ހުރި އެންމެ ގިނަ ދުވަސްވީ އެއް މިސްކިތް، މާލޭ ހުކުރު މިސްކިތުގައި މަރާމާތުތަކެއް ކުރުމަށް ކުއްލި ގޮތަކަށް އެ މިސްކިތް ބަންދުކޮށްފިއެވެ.

ހެރިޓޭޖް މިނިސްޓްރީން މިއަދު ހެނދުނު ނެރުނު އިއުލާނެއްގައި ބުނީ ހުކުރު މިސްކިތް ވަގުތީ ގޮތުން ބަންދުކުރީ އެތަނުގައި ކޮންމެހެން ކުރަންޖެހޭ މަރާމާތުތަކެއް ކުރުމަށް ކަމަށެވެ.

ހެރިޓޭޖް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އިސްމާއިލް ނާއިލް ނަޝީދު ވިދާޅުވީ މިހާ ކުއްލި ގޮތަކަށް މިސްކިތް ބަންދުކުރަން ޖެހުނީ މިސްކިތް ބޭނުންކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަމަކަށް ވާތީ ކަމަށެވެ.

ހުކުރު މިސްކިތް މަރަމާތުކުރުމަށާއި އެތަނުގެ އާބާތުރަ ފިލުވުމަށް އިންޑިއާއިން އެހީތެރިވުމަށް ވަނީ ނިންމާފައެވެ. މިކަމަށް އިންޑިއާ ސަރުކާރުން އެއްބަސްވީ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ މި އަހަރުގެ ތެރޭގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

"ތާރީހީ ހުކުރު މިސްކިތުގެ މަރާމާތުގެ މަސައްކަތުގައި އެއްބާރުލުން ދިނުމަށް އަޅުގަނޑުމެން މިއަދު ވަނީ އެއްބަސްވެފައި." އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވި އެވެ.

އިންޑިއާގެ ހިލޭ އެހީގެ ދަށުން މި މަސައްކަތް ކުރަނީ އާކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާއިންނެވެ.

comment ކޮމެންޓް