ދުނިޔެއިން ބޭރުން ފުރަތަމަ ފަހަރަށް ފެން ފެނިއްޖެ

ކޭޓޫ-18ބީ ޕްލެނެޓް---

ދުނިޔެއިން ބޭރުން، އެހެން ޕްލެނެޓަކުން ފުރަތަމަ ފަހަރަށް ފެން ފެނިއްޖެއެވެ. ބީބީސީން ރިޕޯޓުކުރާ ގޮތުގައި ފެން ފެނިފައިވަނީ ދުނިޔެއަށް ވުރެ ސައިޒުން ދެގުނަ ބޮޑު ޕްލެނެޓެއްގެ އެޓްމޮސްފިއާގެ ތެރެއިންނެވެ.

ކޭ2-18ބީ ގެ ނަމުން ނަން ދީފައިވާ އެކްސޯ ޕްލެނެޓްގައި ފެން ހުރިކަން އެނގުނީ އެތައް އަހަރެއް ވަންދެން ކުރި ދިރާސާތަކުންނެވެ. އެކްސޯ ޕްލެނެޓަކީ ދުނިޔެ ހިމެނޭ ސޯލާ ސިސްޓަމްގެ ބޭރުގައި ހިމެނޭ ޕްލެނެޓެކެވެ.

ހަބަލް ސްޕޭސް ޓެލެސްކޯޕްގެ ޑޭޓާތަކުގެ މައްޗަށް ބަލައި ލަންޑަން ޔުނިވާސިޓީ ކޮލެޖުން ކުރި ދިރާސާތަކުން އެނގުނު ގޮތުގައި އެ ޕްލެނެޓްގެ ޖައްވުގައި އާވި (ވޯޓާ ވޭޕާ) ހުރެއެވެ.

އެ ހޯދުންތައް މިހާރު ވަނީ ސައިންޓިފިކް ޖާނަލްއެއް ކަމަށްވާ ނޭޗާ އެސްޓްރޮނޮމީގައިވެސް ޝާއިއުކޮށްފައެވެ.

ކޭޓޫ-18ބީ ޕްލެނެޓްގެ މުހިންމު ބައެއް މައުލޫމާތު--

އެ ޕްލެނެޓުއިން ފެނުނު އާވީގެ މޮލިކިއުލާ ސްޓަރަކްޗާ ބެލިއިރު އޭގައި ހައިޑްރޮޖަންއާއި ހީލިއަމް ހުރިކަން ވަނީ އެނގިގެންގޮސްފައެވެ. އަދި މެތޭން ގޭހާއި ހައިޑްރޯޖަންވެސް ޖައްވުގައި ހުރެދާނެކަމަށްވެސް ވަނީ ބެލެވިފައެވެ. ނަމަވެސް އެކަމަށް އިތުރު ދިރާސާތަކެއް ކުރަން ޖެހެއެވެ.

އެ ޕްލެނެޓުގެ ވަށައިގެން ކުޑަކުޑަ ތަރިއެއް އެނބުރެއެވެ. ދުނިޔެއާއި އެ ތަރީގެ ދުރުމިނަކީ 110 ލައިޓް އިޔާސްއެވެ. އެހާ ދުރު ތަނަކަށް ޖައްވީ އުޅަނދެއް ފޮނުވުމަކީ މިވަގުތު ކުރެވޭނެ ކަމެއް ނޫންކަމަށްވެސް ސައިންސްވެރިން ބުންޏެވެ.

އެހެން ނަމަވެސް އަންނަ އަހަރު ތައާރަފުކުރަން ހަމަޖެހިފައިވާ އާ ޖެނެރޭޝަންތަކުގެ ޓެލެސްކޯޕުތައް ބޭނުންކޮށްގެން ދިރޭތަކެތިން ބޭރުވާ ގޭސް ބަލައި ތަހުލީލުކުރެވިދާނެކަމަށް ސައިންސްވެރިން ބުނެއެވެ.

ސައިންސްވެރިން ބުނާގޮތުގައި އެ ޕްލެނެޓުގެ ވަށައިގެން އެނބުރޭ ތަރީގެ ސަބަބުން އެ ޕްލެނެޓަށް ރޭޑިއޭޝަންގެ އަސަރު ވަރަށް ބޮޑަށް ކުރެއެވެ.

އެ ޕްލެނެޓުގެ ޖައްވުން ފެން ފެނުނަސް އެތަނުގައި ދިރުންވެދާނެ ކަމާމެދުވެސް ބައެއް ސައިންސްވެރިން ވަނީ ސުވާލު އުފައްދައިފައެވެ. އެ ސައިންސްވެރިން ބުނީ އެތަނުގެ ބޮޑުމިނާއި އަދި ބިމަށް ދަމާ ބާރު (ގްރެވިޓީ) ހުންނަ ގޮތުން އެ ޕްލެނެޓްގައި ދިރުން ހުރުން ނާދިރު ކަމަށެވެ.

comment ކޮމެންޓް