އިޝާންގެ "ޚާލީ ޕީލީ"ގެ ޝޫޓިން ފަށައިފި

އިޝާން ކައްތުރާ އާއި އަނަންޔާ ޕާންޑޭ---

ބޮލީވުޑްގެ ކާމިޔާބު ބަތަލު ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްތުރާ އާ ފިލްމަކަށް ސޮއިކޮށް އެ ފިލްމުގެ ޝޫޓިން ފަށައިފިއެވެ.

އެ ފިލްމަކީ އަލީ އައްބާސް ޒަފަރު ޕްރޮޑިއުސްކުރާ "ހާލީ ޕީލީ" އެވެ. ޒީ ސްޓޫޑިއޯ އާ އޮފްސައިޑް އެންޓަޓައިންމަންޓް ގުޅިގެން ގެނެސްދޭ އެ ފިލްމަކީ މަގުބޫލް ޚާން ޑައިރެކްޓްކުރާ ފިލްމެކެވެ.

އިޝާން ކައްތުރާ އާ އެއްކޮށް އެ ފިލްމުގެ ޝޫޓިން ފެށިއިރު އިޝާން އާ އެއްކޮށް ލީޑު ރޯލުން ފެނިގެންދާނީ "ސްޓޫޑެންޓް އޮފް ދަ އިޔާ 2" އިން ބޮލީވުޑަށް ތައާރަފްވި އަނަންޔާ ޕާންޑޭއެވެ. އެ ފިލްމު ވެގެންދާނީ އިޝާންއާއި އަނަންޔާ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.

ޖެއިދީޕް އަހުލްވާތު ފިލްމުގެ ވިލަން ރޯލުކުޅުމަށް ނިންމާފައިވާއިރު އެ ފިލްމަކީ ރޮމޭންޓިކް ތުރިލާއެކެވެ.

"ހިންދީ ފިލްމުތަކުގައި ވިލަންގެ ރޯލު ކުޅުމަކީ ވަރަށް ޗެލެންޖިން ކަމެއް. އެއީ އަހަރެން ކުރަމުން އަންނަކަމާ ތަފާތުކަމެއް. ވަރަށް އުފާވޭ މި ކަހަލަ ޒުވާން ޖޯޑަކާއެކު މަސައްކަތްކޮށްލަން ލިބުމުން،" ޖެއިދީޕް ބުންޏެވެ.

ފިލްމު ސްކްރީންތަކަށް އަންނާނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ.

comment ކޮމެންޓް