ތަރިކައިގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ގައުމީ ދާރުލްއާސާރު ---

ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.

ރައީސް މިއަދު ތަސްދީގުކުރެއްވި ސަގާފީ ތަރިކައިގެ ބިލަކީ ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ މަޖިލީހަށް ހުށަހަޅުއްވާ މިދިޔަ މަހު 28ގައި ފާސްކޮށްފައިވާ ބިލެކެވެ.

އެ ބިލު ހުށަހަޅައިފައިވަނީ ރާއްޖޭގެ ސަގާފީ ތަރިކަ އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް، ތަރިކަ ކަމަށް ބެލެވޭ ތަކެއްޗާއި، ތަންތަނާއި، ސަރަހައްދުތައް ކަނޑައަޅައި، އެފަދަ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި ކަމާ ގުޅޭގޮތުން ދައުލަތާއި އަމިއްލަ ފަރުދުންގެ ޒިންމާ ކަނޑައެޅުމާއި، ތަރިކައަށް ގެއްލުންވާ ގޮތަށް ކުރެވޭ ކުށްތަކަށް އަދަބު ކަނޑައެޅުމާއި ހެރިޓޭޖް ޓްރަސްޓް ފަންޑު ގާއިމުކޮށް ހިންގުމާ ބެހޭ އުސޫލުތައް ކަނޑައެޅުމުގެ މަގުސަދުގައެވެ.

މިއަދު އެ ބިލު ތަސްދީގުކުރުމާއެކު 30 ދުވަހުގެ ތެރޭގައި ގައުމީ ސަގާފި ތަރިކަ ރައްކާތެރި ކުރާ އެޖެންސީ"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަން ޖެހޭނެ ކަމަށް އެ ބިލުގައި ބުނެފައިވެއެވެ.

އަދި ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމަށް ކުރެވޭ ކަންކަމަށް ހަރަދުކުރުމަށް ޓްރަސްޓް ފަންޑެއް ގާއިމުކުރަން ވެސް ޖެހޭނެއެވެ.

ގައުމީ ދާރުލްއާސާރުގައި ހުންނަ ތަކެއްޗަށް ފުލުހުންގެ ފަރާތުން ދާއިމީ ރައްކާތެރިކަން ފޯރުކޮށްދޭންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އަދި ސިޓީ ޕޮލިސް އުފެދުމުން، އެކަން ސިޓީ ޕޮލިސްގެ ދަށަށް ބަދަލުކުރަން ވެސް ބިލުގައި ވެއެވެ.

comment ކޮމެންޓް