ދިރާގު ރޯޑު ރޭހުގެ މެޑަލްތައް ދައްކާލައިފި

ދިރާގު ރޯޑް ރޭޙުގެ މެޑަލްތައް ލޯންޗުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ : ދިރާގު

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ބައިވެރިވެ އެ ރޭސް ނިންމާ ފަރާތްތަކަށް ދޭ މެޑަލް ދައްކާލައިފި އެވެ.

ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ދިރާގު ރޯޑް ރޭހުގެ މެޑަލްތައް ލޯންޗުކުރައްވާފައިވަނީ މިނިސްޓަރު އަހުމަދު މަޙްލޫފެވެ.

ކޮންމެ އަހަރަކު ހާއްސަ ކަމަކަށް އަމާޒުކޮށް ކުރިއަށް ގެންދާ ދިރާގު ރޯޑް ރޭހުގައި މިއަހަރު ބޭނުންކުރާނީ ތަފާތު މެޑަލް އެކެވެ. ކޮންމެ އަހަރެއްގެ ރޯޑް ރޭހުގައި ދިރާގުން ބޭނުންކުރަމުން އަންނަނީ ތަފާތު މެޑަލް އެކެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ރޭހުގައި ފަސް ކިލޯމީޓަރާއި 10 ކިލޯމީޓަރުގެ ބައި ކުރިއަށްދާނެއެވެ. އަދި އެ ދެބަޔަށްވެސް ތަފާތު ދެ މެޑަލް ވަނީ ތައްޔާރުކޮށްފައެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މަޙްލޫފުގެ އިތުރުން ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދާއި ދިރާގުގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިންނަވާފައެވެ.

ފާއިތުވެދިޔަ 13 އަހަރުގެ މާޒީގައި ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި އެންމެ ކާމިޔާބުކަމާ އެކު ބާއްވަމުން އަންނަ އެންމެ ބޮޑު ދުވުމުގެ ރޭސް އަދި އިޖުތިމާއީ ހަރަކާތްވެސް މެއެވެ. އެގޮތުން، މި ވޭތުވެދިޔާ 7 އަހަރު ދިރާގު މޯލްޑިވްސް ރޯޑް ރޭސް ވަނީ ކުޑަކުދިންގެ ހައްގުތަކާއި އެކުދިންގެ ކުރިއެރުވުމަށް މަގުފަހި ކުރުމުގެ ގޮތުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ނުވަތަ އެން.ޖީ.އޯ ތަކަށް ފައިސާ ހޯދާނެ ގޮތަކަށްވެސް ވެފައިއެވެ.

މި ރޭސް މެދުވެރިކޮށް 2018 ވަނަ އަހަރު ވަނީ 10 އެން.ޖީ.އޯ އަކަށް ޖުމްލަ 600،000 ރުފިޔާ ދިރާގުން ހަދިޔާ ކޮށްފައިއެވެ. އެއީ ދުވުން ތެރިން ރެޖިސްޓްރޭޝަންގައި ދައްކަވާ ފީ ނުވަތަ ޑޮނޭޝަންގެ %100 ގެ އިތުރުން އެންމެ ގިނަ ދުވުންތެރިން ރެޖިސްޓްރޭޝަންގައި ހިޔާރުކުރި 5 ޖަމިއްޔާއަށް ދިރާގުން ހަދިޔާ ކުރި ޖުމްލަ 200،000 ރުފިޔާގެ ފައިސާގެ އިނާމެވެ.

comment ކޮމެންޓް