ސަރުކާރުން ދޭ މަތީ ތައުލީމުގެ ފުރުސަތުތަކުގެ ބޭނުން ނުހިފާނަމަ ފިޔަވަޅު އަޅަނީ

ޓޮޕް އެޗީވާސް ޖަލްސާގެ ތެރެއިން: ސަން ފައިލް ފޮޓޯ

މަތީ ތައުލީމު ހާސިލްކުރަން ދިވެހި ސަރުކާރުން ދޭ ފުރުސަތުތައް ލިބޭ ދަރިވަރުންގެ ތެރެއިން މަގްބޫލު އުޒުރެއް ނެތި އެފުރުސަތުގެ ބޭނުން ނުހިފާ ދޫކޮށްލާ ދަރިވަރުންނާމެދު ފިޔަވަޅު އަޅާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން މިއަދު ވަނީ މަތީ ތައުލީމާއި ތަމްރީނު ހާސިލުކުރުމަށް ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފައި ދޫކޮށްލާ ދަރިވަރުންނާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލު އާންމުކޮށްފައެވެ.

އުސޫލުގެ މަގުސަދަކީ، މިނިސްޓްރީން އިއުލާނުކުރާ މަތީ ތައުލީމުގެ ފުރުސަތުތައް ލިބޭ ދަރިވަރުން އެފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފުމަށް ބާރުއެޅުމެވެ.

އަދި އެފަދަ ފުރުސަތުތަކުގެ ބޭނުން ނުހިފިމުން، ސަރުކާރަށާއި ރައްޔިތުންނަށް ލިބޭ ގެއްލުން ވީހާވެސް ކުޑަކޮށް، ގިނަ ދަރިވަރުންނަށް މިފަދަ ފުރުސަތުތައް ލިބުމުގެ މަގު ފަހިކޮށްދިނުމެވެ.

އެގޮތުން މިފަދަ ފުރުސަތުތަކުގެ ބޭނުން ނުހިފާ ދޫކޮށްލާ ދަރިވަރުންނަށް ފިޔަވަޅު އޭޅުމުގެ ގޮތުން ވަކި މުއްދަތެއް ވަންދެން ފުރުސަތުތަކުން މަހްރޫމް ކުރުމާއި، ފައިސާ ދައްކަން އެންގޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް ލިބޭ ފުރުސަތުގައި ސަރުކާރުން ނުވަތަ ބައިލެޓްރަލް އެހީގެ ދަށުން އެއްވެސް ހަރަދެއް ކޮށްފައިވާނަމަ، އެ ހަރަދެއް ވެސް އަނބުރާ ދައްކަން ޖެހޭނެއެވެ.

ނަމަވެސް ސަރުކާރުން އެއްވެސް ހަރަދެއްކޮށްފައިވަނިކޮށް މަގްބޫލު އުޒުރަކާއިއެކު ލިޔުމުން ހުއްދަ ހޯދުމަށްފަހު ފުރުސަތު ދޫކޮށްލާ ދަރިވަރުންނަށް އެއްވެސް ފިޔަވަޅެއް ނާޅާނެއެވެ.

ދިމާވެފައިވާ ހާލަތަކި މަގުބޫލު އުޒުރެއް މެދުވެރިވެގެން ދިމާވި ހާލަތެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ އުޒުރު ސާބިތުކޮށްދިނުމަށް ދަރިވަރު ހުށަހަޅާ ކަމާ ގުޅޭ ލިޔުންތަކަށް ބިނާކޮށް، ހަޔާ އެޑިއުކޭޝަން މިނިސްޓްރީންނެވެ.

ފިޔަވަޅު އަޅާނެ ސަބަބުތަކާއި މުއްދަތު:

  • ފޯޖްކޮށްފައިވާ ޑޮކިއުމަންޓް ހުށަހަޅާފައިވާކަން ނުވަތަ މަކަރާއި ހީލަތް ހަދާފައިވާކަން ސާބިތުވުން ނުވަތަ ނާޖާއިޒް ފައިދާއެއް ލިބޭފަދަގޮތަކަށް ސައްހަނޫން މައުލޫމާތު ހިމަނައިގެން އެޕްލިކޭޝަން ހުށަހަޅާފައިވުން -- 60 މަސް ދުވަހަށް ފުރުސަތުތަކުން މަހުރޫމު ކުރެވޭނެ
  • ކިޔަވައި ނިމުމަށްފަހު، އިގުރާރުގައިވާ ގޮތަށް ހިދުމަތް ކުރުމަށް ރާއްޖެއަށް ނައުން -- ތިން މަސް ދުވަހާއި 24 މަސް ދުވަހަށް ފުރުސަތުތަކުން މަހުރޫމު ކުރެވޭނެ
  • ސަރުކާރުން އެއްވެސް ހަރަދެއްކޮށްފައިވަނިކޮށް މަގްބޫލު އުޒުރަކާއިނުލާ ފުރުސަތު ދޫކޮށްލުން ނުވަތަ ދަރިވަރުގެ އިހުމާލުން ފުރުސަތު ގެއްލުން ނުވަތަ އުސޫލާއި އެއްގޮތަށް އަމަލުކުރަމުން ނުދިއުން -- ތިން މަސް ދުވަހާއި 24 މަސް ދުވަހަށް ފުރުސަތުތަކުން މަހުރޫމު ކުރެވޭނެ
  • މަތީ ތައުލީމުގެ ފުރުސަތަކަށް ދަރިވަރެއްގެ ނަން ހޮވިއްޖެކަން އެދަރިވަރަކަށް އަންގާތާ 48 ގަޑިއިރު ފަހުން އަދި އެހެން ދަރިވަރެއްގެ ނަން ހުށަހެޅުމުގެ ފުރުސަތު ގެއްލުނުފަހުން ދޫކޮށްލުން ނުވަތަ އެ ދަރިވަރެއްގެ އިހުމާލުން ގެއްލުން -- ތިން މަސް ދުވަހާއި 24 މަސް ދުވަހަށް ފުރުސަތުތަކުން މަހުރޫމު ކުރެވޭނެ
comment ކޮމެންޓް