ހުޅުމާލޭގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ބަހައްޓައިފި

ބީއެމްއެލް އިން ހުޅުމާލޭގައި އޭޓީއެމް މެދުވެރިކޮށް ޑޮލަރު ނެގުމުގެ ހިދުމަތް ޓިމް ސޯޔާރ ފައްޓަވައި ދެއްވަނީ --- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިދުމަތް ފުޅާ ކުރުމުގެ ގޮތުން ފުރަތަމަ ފަހަރަށް ހުޅުމާލެ އިން އޭޓީއެމް މެދުވެރިކޮށް އެމެރިކާ ޑޮލަރު ނެގުމުގެ ހިދުމަތް ދޭން ފަށައިފި އެވެ.

އާބާދީ އާއި ވިޔަފާރީގެ ގޮތުން ހަލުވި ކަމާއެކު ކުރިއަރަމުންދާ ހުޅުމާލޭގައި ޑޮލަރު ނެގުމަށް ހާއްސަ އޭޓީއެމްއެއް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ އެވެ. އެ އޭޓީއެމް ހުންނަނީ ފެރީ ޓާމިނަލް ސަރަހައްދުގައި ހުންނަ ރެނާޓަސް އިތާމުތް ބިލްޑިންގްގަ އެވެ.

އެ އޭޓީއެމް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމާއި ޓްރާންސްފާ ގެ ހިދުމަތްވެސް ހޯދޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ހުޅުމާލޭގައި އޭޓީއެމް މެދުވެރިކޮށް ޑޮލަރު ނެގުމުގެ ހިދުމަތް ފެއްޓެވުމަށްފަހު --- ފޮޓޯ: ބީއެމްއެލް

މި ހިދުމަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޓިމް ސޯޔާ ވިދާޅުވީ ހިދުމަތް ތައާރަފްކުރި ދުވަހުން ފެށިގެން މި ހިދުމަތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި މިއީ ބީއެމްއެލްގެ ކަސްޓަމަރުންނަށް ބޭންކިން ހިދުމަތްތައް ފަސޭހަ ކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ.

ބީއެމްއެލް އިން ހުޅުމާލޭގައި އޭޓީއެމް މެދުވެރިކޮށް ޑޮލަރު ނެގުމުގެ ހިދުމަތް ފެއްޓެވުމަށްފަހު --- ފޮޓޯ: ބީއެމްއެލް

ހުޅުމާލޭގައި ފުރަތަމަ ފަހަރަށް އޭޓީއެމް އިން ޑޮލަރު ނެގުމުގެ ހިދުމަތް ފަށާފައިވާއިރު، ބީއެމްއެލް އިން އަންނަނީ ހުޅުމާލޭގެ ތަފާތު ތިން ސަރަހައްދެއްގައި ހަތް އޭޓީއެމް ބަހައްޓައިގެން ހިދުމަތް ދެމުންނެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 47 ސެލްފްސަރވިސް ބޭންކިން ސެންޓަރު، 110 އޭޓީއެމް، 5500 ޕީއޯއެސް މާޗަންޓުން، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް