ނެޝަނަލް ހެލްތު އެކައުންޓްސް އިފްތިތާހްކޮށްފި

ނެޝަނަލް ހެލްތު އެކައުންޓްސް މިނިސްޓަރު އަމީން އިފްތިތާހްކޮށްދެއްވަނީ--- ފޮޓޯ: ހެލްތު މިނިސްޓްރީ

ރާއްޖޭގެ ސިއްހީ ކަންކަމަށް ކުރެވޭ ހޭދަ އަންދާޒާ ކުރުމަށާއި، ސިއްހީ ވަސީލަތްތައް ބެހިގެންދާ ގޮތް ދެނެގަތުމަށްޓަކައި އެކުލަވާލެވިފައިވާ މޯލްޑިވްސް ނޭޝަނަލް ހެލްތު އެކައުންޓްސް 2015-2017 އިފްތިތާހްކޮށްފި އެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ހެލްތު އެކައުންޓްސް އިފްތިތާހްކޮއްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއެވެ.

މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ދުނިޔޭގެ އެކި ގައުމުތަކުން ބޭނުންކުރަމުން ގެންދާ ހާއްސަ ފްރޭމްވާކް އެއްގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ ރިޕޯޓެކެވެ. މިއީ އެ ފަދަ ރިޕޯޓެއް އެކުލަވާލައި ޝާއިއު ކުރެވުނު ތިންވަނަ ފަހަރެވެ.

އެ ރިޕޯޓްގެ ނަތީޖާތަކުން ދައްކާ ގޮތުގައި 2017ގައި ރާއްޖޭގެ ސިއްޙީ ކަންކަމަށް 6000 މިލިޔަން ރުފިޔާއަށް ވުރެން ގިނައިން ޚަރަދު ކޮށްފައިވެއެވެ. އެ ޚަރަދުތަކުގެ ތެރެއިން %77 އަކީ ސަރުކާރުން ޞިއްޙަތަށް ކޮށްފައިވާ ޚަރަދުތަކެވެ. އަދި ޞިއްޙީ ޚަރަދުތަކުގެ 60 އިންސައްތަ ޑޮކްޓަރަށް ދެއްކުމަށް ހޭދަކުރެވިފައިވާއިރު އެޑްމިޓްކުރުމަށް ހޭދަވެފައިވަނީ 19 އިންސައްތަ އެވެ.

އޭގެ އިތުރުން، 2017ގައި ސަރުކާރުގެ ބަޖެޓުގެ 32.3 އިންސައްތަ ހޭދަކުރެވިފައިވަނީ ސިއްޙީ ދާއިރާއަށެވެ. ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގައި ސަރުކާރުގެ ބަޖެޓުން ސިއްޙަތަށް ހޭދަކުރެވިފައިވާ މިންވަރަށް ބަލާއިރު އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ދިވެހި ރާއްޖެ އެވެ.

އެ ރިޕޯޓްގެ ހޯދުންތަކުގެ އަލީގައި ސިއްޙީ ދާއިރާއަށް ކުރާ ހޭދަ އެންމެ އެދެވޭ ގޮތެއްގައި ބޭނުންކުރުމަށްޓަކައި މުހިއްމު ސިޔާސަތުތައް ކަނޑައެޅުމަށް މަގުފަހި ވެގެންދާނެކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް